އާރަށުގެ މައްސަލަގައި ރަށްތައް ދިން ގޮތް ސާބިތުކޮށްދޭން ހެކިބަހެއް ނަގައިފި

އާރަށުގެ މައްސަލަގައި ރަށްތައް ދިން ގޮތް ސާބިތުކޮށްދޭން ހެކިބަހެއް ނަގައިފި

Author
މުޙައްމަދު ޝަޒައިމް
30 ޖޫން 2022 01:25
0

ރިސޯޓެއް ތަރައްޤީކުރަން ދޫކުރި ވ.އަތޮޅު އާރަށުގެ މައްސަލާގައި އޭރުގެ ވެރިކަމުގައި ރަށްތައް ދޫކުރަމުންދިޔަ ގޮތް ސާބިތު ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން މިމައްސަލާގައި ހުށަހަޅާފައިވާ ހެކެއްގެ ހެކިބަސް ނަގައިފިއެވެ. މިމައްސަލައިގައި މިއަދު އަޑުއެހުމެއް ބާއްވާފައިވަނީ ފާއިތުވެދިޔަ ދެދުވަހަށްވެސް ތާވަލް ކުރި އަޑުއެހުން ކެންސަލް ވެފައި ވަނިކޮށެވެ.

އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާއެވެ. އަދި މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

މިމައްސަލައިގެ ޝަރީއަތުގައި މިހާރު ކުރިއަށްދަނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. މިއަދުގެ އަޑު އެހުމުގައި ހެކިބަސް ނަގާފައިވަނީ ދައުލަތުގެ ފަރާތުން މިމައްސަލާގައި ހުށަހެޅި 2015 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީގެ ލީގަލް ސެކްޝަންގައި، މަސައްކަތްކުރި މީހެއްގެ ހެކިބަހެވެ. މިއަދު އަޑުއެހުމުގައި އޭނާ ވަނީ އޭރުގެ ވެރިކަމުގައި ރަށްތައް ދޫކުރަމުންދިޔަ ގޮތް ކިޔާދީފައެވެ.

ރަށްތައް ދޫކުރުމުގައި ލީޒް އެގްރީމަންޓެއްގެ ދަށުން މިނިސްޓްރީއާއި، އެމްއެމްއެމްޕީއާރުސީއާއިއެކު ވެވޭއެއްބަސް ވުމެއްގެ ދަށުން ރަށްތަށް ދޫކުރެއެވެ. ރަށްތައް ދޫކުރަނީ، އެރައްތައް ދޫކުރާނެ ކުންފުންޏެއް ކަނޑައެޅުމަށްފަހު ދެފަރާތުގެ ދެމެދުގައި ވެވޭނެ އެއްބަސްވުމެއްގެ ދަށުންނެވެ.

ހެކިވެރިޔާ ބުނެފައިވަނީ އޭރު މިނިސްޓްރީން ރަށްތައް ދޫކުރުމުގައި ކަނޑައަޅާފައިވާ އުސޫލުތަކުން ބޭރުން ރަށްތައް ދޫކޮށްފައިވާކަމަށެވެ. އަދި ރަށްތަށް ކަނޑައެޅުމުގެ ކުރިން އެރަށްތައް ދޭނެ ބަޔަކުސް މިނިސްޓްރީން ކަނޑައަޅާފައިވާކަމަށެވެ. މިރަށްތަކުގެ މުޢާމަލާތް ހިނގިއިރު ހެކިބަސް ދިން މީހާ ބުނެފައިވަނީ އޭނާ ހުރީ ރާއްޖެއިން ބޭރުގައި ޗުއްޓީގައި ކަމަށްވުމުން އެމުޢާމަލާތްތައް ހިނގިގޮތް ނޭގޭކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މި މައްސަލާގައި ހުށައަޅާފައިވާ ހެކިންގެ ހެކިބަސްތައް މިމަހު ނަގާ ނިންމުމަށް ތާވަލުކުރައްވާނެކަމަށެވެ. އެގޮތުން މަހުގެ 30ގެ ނިޔަލަށް ހެކިބަސް ނަގާ ނިންމަން ގަސްތުކުރައްވާކަމަށް ގާޒީ ވިދާޅުވިއެވެ. މިހާތަނަށް މިމައްސަލާގައިވަނީ ތިން ހެކިންގެ ހެކިބަސް ނަގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.