ރައީސް ސޯލިހު އިގްތިސާދީ ފޯރަމެއްގައި ވާހަކަ ދައްކަވަނީ

ސަރުކާރަށް 2 އަހަރު، އިގްތިސާދީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑު

ސަރުކާރަށް 2 އަހަރު، އިގްތިސާދީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑު

ރައީސް ސޯލިހުގެ ސަރުކާރަށް 2 އަހަރު ފުރިގެން ދާއިރު، މި ސަރުކާރުގެ ފުރަތަމަ 2 އަހަރު ވެގެން މިދިޔައީ ހުރިހާ ގޮތަކުންވެސް ގޮންޖެހުން ބޮޑު ދެއަހަރު ކަމުގައެވެ. އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުންވެސް މެއެވެ. ވާކީން ޚާއްސަކޮށް މުޅި ދުނިޔެއަށް ކުރިމަތިވެގެން ދިޔަ ކޯވިޑް-19 ކާރިސާގެ ސަބަބުން ރާއްޖޭގެ ނާޒުކު އިގްތިސާދަށް ކުރިމަތިގެން ދިޔަ ގޮންޖެހުންތައް ވަކީން ބޮޑަށް ފާހަގަ ކޮށްލެވެއެވެ.

ދައުލަތުގެ 2021ގެ ބަޖެޓް

ކޮންމެ ގައުމެއްގަވެސް، އެގައުމެއްގެ އިގްތިސާދުގެ ހަގީގީ ހާލަތު ވަޒަން ކުރެވިގެންދާ އެންމެ މުހިންމު ހިސާބަކީ ކުރިޔަށް އޮންނަ އަހަރަކަށް ފިނޭންސް މިނިސްޓަރު ހުށަހަޅުއްވާ ބަޖެޓެވެ. ބަޖެޓުން ކުރެވުނު ޚަރަދުތަކާއި، ލިބުނު ގެއްލުމާއި ފައިދާ އާއި އަރަންޏާއި ދަރަނި ހިސާބު ކުރުމަށްފަހު، ގައުމީ ތަރައްގީއަށް، ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ހޭދަކުރެވޭ މިންވަރު ވަރަށް ރަގަޅަށް ވަޒަންކުރެވިގެން ދެއެވެ.

ހަމައެއާއެކު، ބަޖެޓް ފޮތުގައި ޖަހާ ހިސާބުތަކަށް އިތުބާރު ކުރެވޭ މިންވަރުވެސް އެކަށީގެންވާ މިންގަޑެއްގައި އޮތުމަށްޓަކާ، ބަޖެޓުގައި ޖަހާފައިވާ ހިސާބުތަކުގެ އެފުށްމިފުށް އެއްވެސް ފޮރުވުމެއްނެތި ހާމަވެގެން ދިއުމަކީވެސް އެހާމެ މުހިންމު ކަމެކެވެ.

2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިއްވެވި ބަޔާނުން ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތު ކޮންމެވެސް ވަރަކަށް ވަޒަންކުރެވިގެން ދިޔައެވެ.

ފިނޭންސް މިނިސްޓަރ މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ

މިއަހަރުގެ ދައުލަތުގެ ބަޖެޓް ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވީ، ކޯވިޑް-19 ކާރިސާގައި މުޅިދުނިޔެ ހަނާވަމުން ދަނިކޮށެވެ. އަދި ވަކީން ޚާއްސަކޮށް ނިސްބަތުން ދުނިޔޭގެ އެހެންގައުމުތަކުގެ އިގްތިސާދަށްވުރެ ބޮޑެތި ގޮންޖެހުންތައް ރާއްޖޭގެ އިގްތިސާދަށް ކުރިމަތި ވެފައިވަނިކޮށެވެ.

ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވެފައިވާ ވަނީ ކޯވިޑް-19 ކާރިސާއިން ރައްކާތެރިވުމަށް އެޅި ފިޔަވަޅު ތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިގްތިސާދު %29.3 އިން ކުޑަ ވެފައިވާ ކަމުގައެވެ. އަދި މިއީ ތަހައްމަލް ކުރަން އުދަގޫ އަދި ގޮންޖެހުންތަކުން އަރައިގަންނަން ދަތި ހާލަތެއް ކަމުގައިވެސް ވިދާޅުވެފައި ވެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް އަދި މިހާތަނަށް އިގްތިސާދު ދަށަށް ގޮސްފައިނުވާ މިންވަރެކެވެ.

ރާއްޖޭގެ އިގްތިސާދަށް މިއައި ލޮޅުމަކީ މީގެ އެތައްގުނައެއް މަތިކޮށް މުޅި ދުނިޔޭގެ އިގްތިސާދަށްވެސް އައި ލޮޅުމެކެވެ. ދުނިޔޭގެ މާލީ އިދާރާ އައިއެމްއެފްއިން ލަފާ ކޮށްފައިވާ ގޮތުގައި ކޯވިޑް-19 ކާރިސާއާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދު %4.4 ދަށަށް ދާނެއެވެ. އަދި އަންނަ އަހަރު ދުނިޔޭގެ އިގްތިސާދު ކުރި އަރާނެކަމަށް ދުނިޔޭގެ މާލީ އިދާރާއިން އަންދާޒާ ކުރަނީ %5.2 އިންނެވެ.

ކޯވިޑް-19 ކާރިސާއާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކުގެ ނަތީޖާއެއްގެ ގޮތުން މިއަހަރުގެ އެޕްރިލް މަހުން ފެށިގެން މިހާތަނަށް އައިއިރު 12000 އަށްވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލިގެން ގޮސްފައިވާކަމަށް ހިސާބުތަކުން ދައްކައެވެ. އަދި ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ކުރިމަތިވެގެން ދިޔަ މިގޮންޖެހުމުން އަރައިގަތުމަށް އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް ވަނީ 10،538 ފަރާތަކަށް 116.1 މިލިޔަން ރުފިޔާ އެހީގެ ގޮތުގައި ފޯރުކޮށްދީފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތު

ކޯވިޑް19 ކާރިސާއަށްފަހު، އެ ސިނާއަތަކަށް ރާއްޖޭގެ އިގްތިސާދުގެ %90 އަށްވުރެ މަތީ ހިއްސާއެއް ބަރޯސާވެފަ އޮންނަ ފަތުރުވެރިކަމުގެ ސިނާއަތު މުޅިންހެން ކަހަލަގޮތަކަށް ހުއްޓި، ރާއްޖޭގެ އިގްތިސާދަށް ޑޮލަރު ވަންނާނެ ގިނަ މަގުތައް ބަންދުވެ، އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ މަގުތައްވެސް މުޅިންހެން ކަހަލަ ގޮތަކަށް މިވަނީ ބަންދުވެފައެވެ.

2020 ވަނަ އަހަރު ފެށިގެން ދިޔައިރު، ރާއްޖޭއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ދެ ޑިޖިޑްގެ މިންގަޑެއްގައި ކުރިއަރަމުން ދިޔަ ނަމަވެސް، ކޯވިޑް19 ކާރިސާއާއިއެކު މިކުރިއެރުން އެކުއެކީ ނެތިގެން ދިޔައީއެވެ.

ކޯވިޑް19ގެ ލޮކްޑައުނަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވުމާއެކު އެންމެ ފުރަތަމަ އައި ފްލައިޓަށް މަރުހަބާ ކިޔަނީ

ރާއްޖޭ ޖީޑީޕީގައި %80 އަށްވުރެ މަތިން ސީދާގޮތުންނާއި އަދި ނުސީދާގޮތުން ހިއްސާކުރާ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެގެން ދިޔަ ބޮޑު ގޮންޖެހުމަށް ބަލާއިރު، މިއަހަރު އެކަނިވެސް ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު %65 ދަށަށް ދާނެކަމަށް ޚުދު ސަރުކާރުންވެސް ލަފާކުރެއެވެ. އެއާއެކު ފަތުރުވެރިކަމުގެ މުޅި ސިނާއަތު %68 އިން ދަށަށް ދާނެކަމަށް މިހާރު އަންދާޒާ ކުރެވެއެވެ.

އެހެންނަމަވެސް، މިގޮންޖެހުންތަކުން އަރައިނަގެވި، އަންނަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރާނެކަމަށް ސަރުކާރުން މިހާރު ހިސާބު ޖަހަމުންދާ މިންވަރާމެދު މި ހަފްތާގައި، ބަޖެޓް ކޮމިޓީގައި އެމްއެމްއޭގެ ގަވަރުނަރު ވަނީ ސުވާލު އުފައްދަވާފައެވެ. ސަރުކާރުން ބަޖެޓް ފޮތުގައި ޖައްސަވާފައިވާ ހިސާބުތަކަށް ބަލާއިރު، 2021 ވަނަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތު އަލުން ކުރިއަރާ، ބެޑް ނައިޓްސް %27.3 ކުރިއަރައިގެން ދާނެއެވެ. މިއީ 2 ބިލިޔަން ރުފިޔާގެ އާމްދަނީއެކެވެ. އެެހެންނަމަވެސް، އެމްއެމްއޭގެ ގަވަރުނަރު ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، ސަރުކާރުން އަންދާޒާ ކޮށްފައިވާ މިންވަރަށް ފަތުރުވެރިކަމުގެ ސިނާއަތު އަލުން ކުރިއަރާނެކަމަށް ނުބެލެވޭ ކަމުގައެވެ.

ހަމައެއާއެކު ގަވަރުނަރު ފާހަގަ ކުރައްވާފައިވަނީ އަންނަ އަހަރު ހިންގުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކަކީ އިޤްތިޞާދީ ޙާލަތާއި ނުބައްދަލު ބޮޑެތި މަޝްރޫޢުތަކެއްކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ. ކޯވިޑް-19ގެ ހާލަތު ބަދަލުވެގެންދާނެ ގޮތެއް އަދި އަންދާޒާކުރަން ދައްޗެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުން މިއަދު އަންދާޒާ ކުރާ މިންވަރަށް ދައުލަތަށް އާމްދަނީ ނުލިބިއްޖެނަމަ ކޭޝްފްލޯ މެނޭޖުކުރުމަށް ދަތިވެ ސަރރުކާރުން ހިންގަން ރާއްވަވާފައިވާ މަޝްރޫޢުތައްވެސް ނުހިންގުން އެކަށީގެންވާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް އިއްޔެ ބަޖެޓް ކޮމިޓީގައި ވިދާޅުވެފައިވެއެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަނީ

ކޯވިޑް-19 އަށްފަހު އިގްތިސާދު

ކޮންމެއަކަސް ރައީސް ސޯލިހުގެ ޒައާމަތަށް 2 އަހަރު ފުރިގެންދާއިރު، ގައުމުގެ އިގްތިސާދަށް ކުރިމަތި ވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ ސީދާ ޒިންމާ އެމަނިކްފާނު އުފުއްލަވަން ޖެހިވަޑައި ނުގަންނަވަނީ މި ބޮޑެތި ގޮންޖެހުންތަކަކީ ކޯވިޑް-19އާއި ސީދާގޮތެއްގައި ގުޅުންހުރި ގޮންޖެހުންތަކަކަށް ވާތީއެވެ.

އަދި ހަމަ އެއާއެކު، މިއީ މުޅި ދުނިޔެވެސް މިއަދު ކުރަމުންދާ ތަޖުރިބާއެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ. މާލީގޮތުން މުޅި ދުނިޔެއަށް މިކުރިމަތިވި ދަތި އުދަގުލުން އަރައިގަތުމަށްޓަކާ ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ދަނީ އެގައުމުތަކުގެ އިގްތިސާދީ ސިޔާސަތުތައް ހަރުދަނާ ކުރަމުންނެވެ. ޚަރަދުތައް ކުޑަކޮށް، މުސާރަތައް އެންހަމަކޮށް، އަދި އިންވެސްޓްމަންޓްތައް އަލުން މުރާޖައާ ކުރަމުންނެވެ.

އެހެންނަމަވެސް، ކޯވިޑް-19 ކާރިސާއިން އަރައިގަތުމަށް ސަރުކާރުން އެންމެ ބޮޑަށް ބަރޯސާވާ މަންޒަރު ފެންނަމުންދަނީ، ދުނިޔޭގެ އެހެން ގައުމުތަކާއި ޚިލާފަށް، މާލީ މުވައްސަސާތަކުން ލޯނު ނެގުމަށެވެ. ދައުލަތުބަޖެޓްގެ ޑެފިސިޓް ފައިނޭންސް ކުރުންވެސް މައިގަޑު ގޮތެއްގައި ބިނާވެފައި އޮތީ ލޯނުގެ މައްޗަށެވެ. މީގެ އިތުރުން އެކުވެރި ދައުލަތްތަކުން ލިބޭ އެހީތަކަށެވެ.

ނަތީޖާ އެހާ އުފާވެރިކޮށް ފެންނާކަށް ނެތެވެ.

އަންނަ އަހަރު ދައުލަތުގެ ބަޖެޓް ޑެފިސިޓް ވާނެކަމަށް ބެލެވޭ 15.5 ބިލިޔަން ރުފިޔާގެ ޑެފިސިޓް، ފައިނޭންސް ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތި ވެއްޖެނަމަ، ބަޖެޓް ޑެފިސިޓް ފައިނޭންސް ނުކުރެވި، ސަރުކާރުން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ގިނަ މަޝްރޫޢުތަކަށް ހުއްޓުން އައުން އެއީ އެންމެ ގާތުގައި އޮތްކަމެވެ. ސަބަބަކީ ދައުލަތަށް އާމްދަނީ ލިބޭނެކަމަށް އަންދާޒާ ކޮށްފައިވާ ކަންކަމުގެ ޟައީފްކަން ބޮޑުވުމެވެ. އެއްވެސް އާސިނާއަތެއް ވުޖޫދުކުރުމުގެ އިގްތިސާދީ ސިޔާސަތެއް ބަޖެޓް ޕްރޮޖެކްޝަންތަކުން ފެންނާން ނެތީމައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކޯވިޑް-19 ކާރިސާއިން ކުރިމަތިވި ގޮންޖެހުންތައް މިއީ ރާއްޖޭގެ އިގްތިސާދުގެ ޟައީފްކަމުގެ ދިރިހުރި މިސާލެކެވެ.

2021 ވަނަ އަހަރުގެ ބަޖެޓަކީ 15.5 ބިލިޔަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް

އަންނަ އަހަރު ނިމޭއިރު، މުޅި ދައުލަތުގެ ދަރަނި 82.8 ބިލިޔަން ރުފިޔާއިން މައްޗަށް އަރާނެކަމަށް މިހާރު އަންދާޒާ ކުރެވޭއިރު މިދަރަނި ރައީސް ސޯލިހުގެ ދައުރުގެ ކުރިޔަށް އޮތް 3 އަހަރުގެ ތެރޭގައި އަހަރުން އަހަރަށް ދާނީ މަތިވަމުންނެވެ. މިއީ ރައީސް ސޯލިހުގެ އެކަނި ބޮލުގެ ރިހުމަކަށް ވެގެނެއް ނުދާނެއެވެ. ގައުމުގެ އަންނަން ތިބި ވެރީންނާއި، ދަރީންގެ ދަރީނަށް ދަންދެން އުފުލަން ޖެހޭ ބޮޑު މާލީ ޒިންމާއަކަށް މިޒިންމާ ވެގެންދާނެއެވެ.

ވޭތުވެދިޔަ 2 އަހަރުގެ އިގްތިސާދީ ސިޔާސަތުގެ ނަތީޖާ

ކޮންމެއަކަސް، ރައީސް ސޯލިހުގެ ވެރިކަމުގެ ފާއިތުވެދި 2 އަހަރުގެ އިގްތިސާދީ ސިޔާސަތުތަކުން ތަންފީޒު ވެގެންދިޔަ ކަންކަމަކީ މައިގަޑު ބޮޑެތި އިގްތިސާދީ ހަރަކާތްތަކުގެ ނަޒަރަކުން ވިސްނާލާއިރު، ކާމިޔާބު ނޫން ސިޔާސަތުތަކެއް ކަމުގައި ދެންނެވިދާނެއެވެ.

ސަބަބަކީ އިގްތިސާދީ ހަރަކާތަތްކަތުގެ ތެރެއިން، "މެގަ" އެއްވެސް މަޝްރޫއަކަށް އަމަލީ ސިފަ އައިސްފައި ނުވާތީއެވެ. ތެދުފުޅެކެވެ. އެއަރޕޯޓު ޓަމިނަލްގެ މަސައްކަތަ ދަނީ ކުރިޔަށެވެ. އެހެންނަމަވެސް، އެއީ ރައީސް ޔާމިންގެ ވެރިކަމުގައި ފެށިގެން ކުރިޔަށް ދާ މަޝްރޫޢެކެވެ. މިސަރުކާރުން އެކުލަވާލި ބޮޑެތި މަޝްރޫޢުތައް ކަމުގައިވާ ބްރިޖް މަޝްރޫޢާއި، މާލޭ ޕޯޓު ގުޅީފަޅުގައި އަލުން ހެދުންފަދަ މަޝްރޫޢުތަކަށް އަމަލީ ސިފަ ގެނުވިފައެއް ނުވެއެވެ. އަދިވެސް ދަނީ ޕްލޭން ކުރެވެމުންނެވެ.

އެހެންނަމަވެސް، އާންމުކޮށް ހިންގަމުން އަންނަ އިގްތިސާދީ ހަރަކާތްތަކުން ނަފާވާ ޕްރޮޖެކްޓްތަކަށް ބަލާއިރު، ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް، ރަށްރަށުގެ ތަރައްގީއާއި ގުޅުންހުރި ބޮޑެތި ނޫން ގިނަ ޕްރޮޖެކްޓްތައް ކުރިޔަށް ދާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން ރަށްރަށުގެ ފެނާ ނަރުދަމާގެ ޕްރޮޖެކްޓްތަކާއި، ފަޅު ފުންކުރުމާއި އަދި މިނޫނަސް، ހުރިހާ ސަރުކާރެއްގައިވެސް ކުރިޔަށް ގެންދާ ގިނަ ޕްރޮޖެކްޓަތަކެއް ރަށްރަށުގައި ކުރިޔަށް އެބަދެއެވެ. މީގެތެރޭގައި ހިމެނޭ ގިނަ ޕްރޮޖެކްޓްތަކަކީ ދައުލަތުގެ ކުންފުނިތައް މެދުވެރިވެގެން ހިންގާ ޕްރޮޖެކްޓްތަކެކެވެ.

އެހެންކަމުން ތަރައްގީގެ ނިސްބަތުން އިގްތިސާދު މިންކުރުމުގައި މިގޮތުން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކާއި އަޅާކިއުމުގެ ބަދަލުގައި، ދައުލަތަށް އާމްދަނީ ލިބޭނެ މަގުތައް ތަނަވަސް ވެގެންދިއުމާއި އަދި މީގެއިތުރުން، އަތް ނުފޯރާފަށަށް ދަރަނިވެރި ނުވެ ކުރިޔަށް ދެވޭނެ މަގު ފަހިވެފައި ވުމުގެ މައްޗަށް ރައީސް ސޯލިހުގެ ފާއިތުވެދި ދެއަހަރުގެ އިގްތިސާދީ ކާމިޔާބީ މިންކުރުން މޮޅުއިތުރުކަމުގައި ފެނެއެވެ.

މިގޮތުން ބަލާއިރު ފެންނަން ހުރި މަންޒަރުތަކުން ހިތަށް ލިބޭ ފިނިކަމަށްވުރެ ލިބޭ ކެކުޅުން އިތުރުކަމުގައި ދަންނަވަން ޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *