ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ޔޮޓާއި ސަފާރީ ފަދަ އުޅަނދު ރާއްޖެ އައުމާއި އެއްވެސް ރަށެއްގައި ބަނދަރުކުރުން މަނާކޮށްފައި އޮތް އޮތުމަށް ނިމުން ގެނެސް ފަތުރުވެރިކަން އަލުން އިޔާދަ ކުރުމަށް ކުރަމުންދާ މަސައްކަތުގައި އުންމީދީ މަންޒަރުތަކެއް ފެންނަން ފަށައިފިއެވެ.
އެހެން ޤައުމަކުން ފުރާ ޔޮޓާއި ސަފާރީ ފަދަ އުޅަނދު ރާއްޖެ އައުމާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރުކުރުން މަނާކޮށްފައިވަނީ މިއަހަރުގެ މާޗްމަހުގެ 19 ވަނަ ދުވަހުގައެވެ. ނަމަވެސް ޖުލައި މަހުގެ 15 ވަނަދުވަހު ބޯޑަރު އަލުން ހުޅުވާލުމާއި ގުޅިގެން ރާއްޖެ ފަތުރުވެރިންނަށް އަލުން ހުޅުވާލައި ޔޮޓް ސަފާރީތައް އައުމަށްވެސް ވަނީ ހުއްދަ ދީފައެވެ.
ޔޮޓާއި ސަފާރީ އެންމެ ގިނައިން ބަނދަރުކުރަމުންދާ ރަށްތަކުން މިހާރު އަނެއްކާވެސް ފަތުރުވެރިކަނަށް ދިރުން އަންނަމުންދާ އުފާވެރި މަންޒަރުތައް ދަނީ ފެންނަމުންނެވެ. އެގޮތުން ހއ. އުލިގަމަށްވެސް މިއަދު ވަނީ ޔޮޓެއް ބަނދަރުކޮށްފައެވެ. އެދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އުންމީދީ މަންޒަރެއް ކަމަށާއި، މިއާއިއެކު އުލިގަމުގައި ސިޓީހޮޓަލަކާއި ޔޮޓް މެރީނާއެއް ތަރައްޤީކުރުމުން އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.
"ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ދުވަސްކޮޅަކަށްފަހު ފުރަތަމަ ޔޮޓް އުލިގަމުގައި ބަނދަރުކޮށްފި. އުފާވެރި އުންމީދީ މަންޒަރެއް. އުލިގަމުގެ ޔޮޓް ބަނދަރު ތަރައްޤީ ކުރުމަށް ސަރުކަރުން ފެއްޓެވި މަސައްކަތަކީ މުޅި ސަރަހައްދުގެ ކުރިއެރުމަށް ވަރަށް މުހިންމު މަސައްކަތެއް" ސަލީމް ވިދާޅު ވިއެވެ.
ހއ. އުލިގަމުގައި ސިޓީހޮޓަލަކާއެކު ޔޮޓު މެރީނާއެއް ތަރައްޤީކުރުމަށް ޝައުޤުވެރިވެރިވާ ފަރާތްތަކުން އެކަމަށް އެދި ބިޑު ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ހއ. އުލިގަމުގައި ސިޓީހޮޓަލަކާއެކު ޔޮޓު މެރީނާއެއް ތަރައްޤީކުރުމަށް ޝައުގުވެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އަދި މި މަޝްރޫޢަށް އުލިގަމުން 36 ހެކްޓަރުގެ ބިމެއް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.
މި މަޝްރޫޢާ ގުޅޭ މައުލޫމާތުދިނުމުގެ ސެޝަނެއް މިމަހުގެ 22 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 10 ޖެހުމުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެއެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢާ ގުޅޭ ބިޑު ޑޮކިއުމެންޓް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ. އަދި މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ބިޑު ޑޮކިއުމަންޓު ގަންނަން ލިބޭނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.