މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ނެޝަނަލް ސްޓޭޑިއަމްގައި ކުރިޔަށްގެންދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި ފަރާތްތަކުގެ މައްސަލަ ތަޙްޤީގުކޮށް ފިޔަވަޅުއެޅުމަށް އެކުލަވާލި ވަޒީރުންގެ މަޖިލީހުގެ ސަބްކޮމެޓީގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބު ރައީސުލްޖުމްހޫރިއްޔާ ކެބިނެޓާއި ހިއްސާ ކުރައްވައިފިއެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ މި ޢަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުޤީޤުކޮށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލައްވާފައެވެ. މީގެ އިތުރުން މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ މި ޢަމަލު ހިންގިފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ވަޒީރުންގެ މަޖިލީހުގެ ސަބްކޮމެޓީއެއް ވެސް އެކުލަވާލައްވާފައެވެ.
މި ސަބްކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
* މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ އަޙްމަދު ޒާހިރު
* މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ
* މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ
* އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތު
* މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
* މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
* މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް މިއެވެ.
މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ މިމަހުގެ 21 ވަނަ ދުވަހު ހެނދުނު ރަސްމީ ދަނޑުގައި ކުރިޔަށްގެންދިޔަ ހަރަކާތަށް ހުރަސްއަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭފުޅުންނާ ދެކޮޅަށް، އެތަނަށްބަޔަކު ވަދެ ހިންގި ކަންކަމާ ގުޅޭ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ. އެގޮތުން މި ކަންތައްތައް ހިނގާދިޔަގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ ކުޑަކޮމެޓީގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މަޢުލޫމާތު ދެއްވިއެވެ.
މިމައްސަލާގައި މިހާތަނަށް ވަނީ 21 މީހަކު ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން އެކަކު މިއަދު ވަނީ ދޫކޮށްލާފައެވެ. ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިހާތަނަށް ހައްޔަރު ކުރަންޖެހޭ 4 މީހަކު އަދި ހައްޔަރު ކުރެވިވާކަމަށެވެ. އަދި ފުލުހުން ވަނީ މިހާދިސާއަކީ ފުލުހުންގެ ފެއިލިއާ އަކުން ވީކަމެއްކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މިހާރު ރާއްޖޭގައި ކޯވިޑް މަލިމަޑުކަމުގެ ހާލަތާބެހޭ އެންމެ ފަހުގެ މަޢޫލޫމާތާއި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ހުޅުވާލެއްވި ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ޙިއްޞާކުރެއްވިއެވެ.