އެއްރަށުން އަނެއްރަށުގެ ވަޞީލަތްތައް ބޭނުންކޮށް، އެއްރަށުން އަނެއް ރަށަށް އެހީވުމަށް އެކުލަވާލާފައިވާ "ސިސްޓަރ އައިލްންޑް" ކޮންސެޕްޓް ތަޢާރަފްކޮށް، ފުވައްމުލައް ސިޓީއާއި ހުވަދުއަތޮޅު އުތުރުބުރީގެ ރަށްތަކުން މި ކޮންސެޕްޓުގެ މަސައްކަތް ވަނީ ފަށައިފައެވެ.
މިކޮންސެޕްޓުގެ ދަށުން ގުޅުން ބަދަހި ކުރަމުންދާ އަދި ތަފާތު ފެންނަމުންދާ އެއްރަށަކީ ގއ.ގެމަނަފުއްޓެވެ. އެއްބައިވަންތަ ރައްޔިތެއް ދިރުޅޭ ގެމަނަފުށީގެ ރައްޔިތުންނަކީ ތަރައްޤީއަށް ލޯބިކުރާ ގުޅިގެން މަސައްކަތް ކުރުމަށް ނުހަނު ބޮޑު އިސްކަމެއްދޭ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. ދާދިފަހުން ގެމަނަފުށީ ކައުންސިލުން ވަނީ ފުވައްމުލަކަށް ޒިޔާރަތްކޮށްފައެވެ. މިޒިޔާރަތުގައި ފުވައްމުލަކު ކައުންސިލާއި، ރައްޔިތުންގެ ފަރާތުން ވަނީ އެކުވެރިކަމުގެ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ފެނިގެން ގޮސްފައިވަނީ އެއްބައި ވަންތަ ކަމާއި އެކުވެރިކަމުގެ ރީތި މިސާލެވެ.
މިދަތުރާއި ގުޅޭގޮތުން ގެމަނަފުށީ ކައުންސިލް ރައީސް އަބްދުﷲ ޝިޔާން ފޭސްބުކު ޕޭޖުގައި ބުނެފައިވަނީ ފުވައްމުލަކުގެ އެކުވެރި ރައްޔިތުންނާއި ގެމަނަފުށީ ލޮބުވެތި ރައްޔިތުންނާ ދެމެދު އުފެދިފައިވަނީ ވަރައްވެސް އެކުވެރި ހިތާހިތުގެ ގުޅުމެއްކަމަށެވެ. މިގުޅުމުގެ އަސްލަކީ ދެރަށުގެ ރަައްޔިތުންގެވެސް އެއްގޮތް ސިފަތަކެއް އުފެދުމުގައިވެސް ހުރުންކަމަށް ޝީޔާން ބުނެފައިވެއެވެ.
އަޅުގަނޑުމެންނަަށް ތިޔަ ކިޔުއްވި މަރުޙަބާއާއި ތިޔަ ދެއްވި މެހުމާންދާރީ ދުލާއި ގަލަމުން ބަޔާން ކުރެވޭވަރަށްވުރެވެސް ފުރިހަމަ. ފަށުވި ޢިބާރާތްތަކުން އަޑުއިވުނު ލަވަތަކުން މިގުޅުން އިތުރަށް ބަދަހި ވެއްޖެ. ގެމަނަފުށީ އެއްވެސް ރައްޔިތަކަށް ފުވައްމުލަކުން ޚިދުމަތެއް ހޯދުމުގައި ކުޑަވެސް ދަތިކަމެއް ނޯންނާނެކަން ކަށަވަރުކުރަން.
– ސިޔާން ބުނެފައިވެއެވެ.
ފުވައްމުލައް ސީޓީ ކައުންސިލްގެ އިސްނެގުމަށް ފެށި މިމަސައްކަތުގެދަށުން "ސިސްޓަރ އައިލެންޑް ޕަރޓްނަރޝިޕް ކޮންފަރެންސް"ގެ ނަމުގައި ކޮންފަރެންސްއެއް ބާއްވާފައެވެ. ފުވައްމުލައް ސިޓީއާއި، ގއ.އަތޮޅުގައި ހިމެނޭ 9ރަށުގެ ކައުންސިލަރުންނާއި އިސްވެރިން ބައިވެރިވެ ބޭއްވި މީގެ ފުރަތަމަ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ގއ.ގެމަނަފުށީގައެވެ.
މި މަސައްކަތުގެ އެންމެބޮޑު ބޭނުކަމަށްވާނީ ވަސީލަތް ހުރި ރަށްރަށުން އަތޮޅުގެ އެހެން ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން ގެމަނަފުށީގައި ބޭއްވި ކޮންފަރެންސްފައިވަނީ އިޖްތިމާޢީ ގޮތުންނާއި، އިޤްތިސާދީގޮތުންނާއި، ކުޅިވަރާއި ތަޢުލީމް އަދި ސިއްޙީ ދާއިރާގެ ކަންކަމުގައި އެއްރަށް އަނެއް ރަށަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާއި ގުޅޭގޮތުން މަޝްވަރާކޮށް ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައެވެ.