ރަޝިއާ ސިފައިންގެ ބާރުގަ ދަށަށް ގޮސްފައިވާ ޔޫކުރެއިންގެ މަރިއޮޕޮލްގެ ރައްޔިތުން އެމީހުންގެ ބަނޑުފުރާނަ މުއްތި ކުރަމުންދަނީ މަގުމަތިން ކޮތަރު ހިފައިގެން އޭގެ މަސް ކައިގެން ކަމުގައި، އެސީޓީން ބޭރަށް މިހާރު އަރުވާލެވިގެން ހުންނެވި، މޭޔަރު ވަޑިމް ބޮއިޗެންކޯ ވިދާޅު ވެއްޖެއެވެ.
ބޮއިޗެންކޯ ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވެފައިވަނީ، އެސީޓީގައި ދިރިއުޅެމުންދާ ރައްޔިތުން ކޮތަރު ހިފަމުން ދަނީ އެމީހުން އަމިއްލައަށް ހަދާފައިވާ ދަންތުރަތައް ބޭނުން ކޮށްގެން ކަމުގައެވެ.
"ހަނގުރާމައިގެ ކުރިން ނުހަނު އުފަލުގައި ދިރިއެޅެމުންދިޔަ ރައްޔިތުން ތަކަކަށް ރަޝިއާ ސިފައިން ދަނީ ޖެއްސުން ކުރަމުން، ބަނޑުހައި ހޫނުކަމާއި ސާފު ބޯފެން ނުލިބުމުގެ ހިތްދަތި ކަމެއް ރަޝިއާ ސިފައިންނަކަށް އިހުސާސެއް ނުކުރެވޭ،" ބޮއިޗެންކޯ ވިދާޅު ވެފައި ވެއެވެ.
"މި ނުބައި އަމަލުތައް ހިންގަމުން މިދަނީ 21 ވަނަ ގަރުނުގައި، ޔޫރަޕްގެ މެދުގައި، އަދި މުޅި ދުނިޔޭގެ ކުރިމަތީގައި،" އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.
ބޮއިޗެންކޯ އޭނާގެ ބަޔާން ނިންމަވާލައްވާފައި ވަނީ، މަރިއޮޕޯލްގެ 3 ނަމްބަރު ޕަރައިމަރީ ހެލްތުކެއަރ ސެންޓަރުގެ އިސްފަރާތް ކަމުގައިވާ އޮލެކްސެންދަރު ލަޒަރެންކޯގެ ފަރާތުން، ކޮތަރު ހިފައިގެން އޭގެ މަސް ކެރުމުން ކުރިމަތިވެދާނެ ނުރައްކާތަކާއި ގުޅޭގޮތުން ދެއްވާފައިވާ ނަސޭހަތެއް ވިދާޅުވެ ދެއްވަމުންނެވެ.
"ކޮތަރަކީ ގިނަ ވައިރަހާއި، ބެކްޓީރިއާއާއި ފަންގަސްއިން ޖައްސާ ގިނަ ބަލިތަކެއް ވާސިލް ކޮށްދޭ ދޫންނެއް. މިގޮތުން ބަލާއިރު އޭގެ މަސް ކެއުމުން ބަލިޖެހުމުގެ ފުރުސަތު އޮންނާނެ. މި ދޫނީގެ ސަބަބުން، ހިސްޓޯޕްލަސްމޯސިސް، އެސްސެފަލިޓިސް، އޯނިތޯސިސް، ސަލްމޮނެއްލޯސިސް، ޓޮކްސޯޕްލާސްމޯސިސްގެ އިތުރުންވެސް ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު އޮންނާނެ. މި ބަލިތަކަކީ ޚާއްސަކޮށް ކުޑަކުދިންނަށާއި މުސްކުޅިންނަށް ނުރައްކާތެރި ބަލިތަކެއް. އަދި ރަގަޅު ސިއްޙި ފަރުވާ ލިބެން ނެތް ހާލަތުގައި މި ބަލިތަކުގެ ސަބަބުން ފުރާނައަށްވެސް ނުރައްކާ ވެދާނެ."
ޔޫކުރެއިންގެ މަރިއޮޕޯލް ރަޝިއާއިން ހިފާފައިވަނީ އެ ސިޓީ ހިފުމަށް ކުރެވުނު އެތައް ދުވަސްވީ ހަނގުރާމައަކަށް ފަހުއެވެ. 400،000 އެއްހާ ރައްޔިތުން ދިރިއުޅެމުންދިޔަ މިސީޓި ރަޝިއާގެ ބާރުގެ ދަށަށް ދިޔައިރު ސިޓީވަނީ މުޅިހެން ކަހަލަ ގޮތަކަށް ފުނޑުފުނޑު ވެފައެވެ. އަދި ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ މިސިޓީ ދޫކޮށް ގޮސްފައެވެ.
ކޮމެންޓު ފޮނުވާ