ކޯވިޑް-19އާއި ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމާއި ގުޅިގެން، ކޯޓުތަކުގެ ހިންގުމަށްވެސް އެޅި ބައެއް ފިޔަވަޅުތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު ބަޔާނުގައި ވަނީ ކޯވިޑް-19 އިން ރައްކައުތެރިވުމަށް ދައުލަތުން އަޅާފައިވާ ޚާއްޞަ ފިޔަވަޅު ތަކަށް ބަދަލު ގެނައުމާއި ގުޅިގެން ކޯޓުތަކުގެ އިދާރީ އިންތިޒާމް ހަމަޖެއްސުމުގައިވެސް އެކަންކަމަށް ރިޔާއަތްކުރުމަށް ނިންމާފައިވާކަމަށެވެ.
ކޯޓުތަކުގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ތެރޭގައި:
1- ކޯވިޑް-19 އާއި ގުޅިގެން ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައިވާ ހައި ރިސްކު ފަރާތްތައް ރައްކައުތެރިކަމުގެ ފިޔަވަޅު ތަކާއެކު ކޯޓު/ އިދާރާތަކަށް ނިކުމެ މަސައްކަތްކުރުމަށާއި، މިގޮތުން މުވައްޒަފުން މަސައްކަތަށް ނެރުމުގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ސަމާލުކަން ދިނުން.
2- ކޯޓު / އިދާރާގެ ޖާގައިގެ ދަތިކަމުން އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް މުވައްޒަފުން މަސައްކަތަށް ނެރުމަށް ދަތިވާފަދަ ޙާލަތެއް މެދުވެރިވާނަމަ ދަންފަޅި އުސޫލަށް މަސައްކަތްތައް ބަހައި ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑީގައި މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
3- ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ގައިޑްލައިންތަކާއި، މިޑިޕާޓްމަންޓުން "އައު ޢާންމު ޙާލަތު" ގައި އަމަލުކުރުމަށް ޢާންމުކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް އަމަލުކުރުން.
4- ކޯވިޑް-19 އާއި ގުޅިގެން އޮންލައިންކޮށް ދެމުން ގެންދިޔަ ޚިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއެކޭވެސް އެއްގޮތަށް ދެމުން ގެންދިއުން.
5- ކޯވިޑް-13 އަށް ޝައްކު ކުރެވިގެން ޓެސްޓް ހަދައި ނަތީޖާ ލިބިފައި ނުވާ ފަރާތްތަކާއި، ނުވަތަ ކޮވިޑް-19އަށް ފައްސިވެފައިވާ ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓްވުމާއި ގުޅިގެން ވަކިމުއްދަތަކަށް އެކަހެރިވުމަށް، ނުވަތައެފަރާތެއް ދިރިއުޅެމުން ގެންދިޔަ އިމާރާތް ކަރަންޓީން ކޮށްފައިވާކަން ބަޔާންކޮށް ސިއްޚީ ޚިދުމަތްދޭ ފަރާތަކުން ނުވަތަ އެނޫންވެސް ކަމާއި ގުޅުންހުރި ރަސްމީ އިދާރާއަކުން އަންގަވާފައިވާނަމަ އެމުއްދަތަކަށް
އެފަދަ މުވައްޒަފުންނަން ގެއިން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި، އަދި އެމުވައްޒަފެއްގެ މަސައްކަތުގެ ބާވަތުން ގޭގައި މަސައްކަތް ނުކުރެވޭފަދަ މުވައްޒަފުންނަށް މިފަދަ ޙާލަތުގައި ޚާއްސަ ޗުއްޓީއެއް ހަމަޖެއްސުން.
6- މަޤްބޫލު ސަބަބެއް އޮވެ ގެއިން މަސައްކަތް ކުރުމަށް ހަމަޖެއްސޭ މުވައްޒަފުންގެ މަސައްކަތްތައް އެމުވައްޒަފެއްގެ ސުޕަވައިޒަރު ޤަވާޢިދުން ދުވަހުން ދުވަހަށް މޮނިޓަރކުރުމަށާއި، މުވައްޒަފާއި ޙަވާލުކުރެވޭ މަސައްކަތް ފުރިހަމަކުރާ މިންވަރާއި، މަސައްކަތުގައި ހޭދަކުރާ ވަގުތު ވަޒަން ކުރެވޭނެ ގޮތަކަށް ހަފްތާއަކު އެއްފަހަރު އެފަދަ މުވައްޒަފުންގެ ހަފްތާގެ މަސައްކަތުގެ ސްޓޭޓަސް ރިޕޯޓް އެކޯޓެއް ނުވަތަ އިދާރާގެ އެޗްއާރު ސެކްޝަނަށް ހުށަހެޅުން،
7- އެއްވެސް ސަބަބަކާ ހުރެ ގެއިން މަސައްކަތް ކުރުމުގެ ހުއްދަ ދެވިފައިވާ މުވައްޒަފަކާއި، ޙަވާލުކުރެވިފައިވާ ޒިންމާ ފުރިހަމައަށް އަދާކުރުމުގައި ދަތިތައް ދިމާވާނަމަ، ނުވަތަ ސުޕަވައިޒަރު ކަނޑައަޅާ ޑެޑްލައިންތަކަށް މަސައްކަތް ނިންމުމުގައި ދަތިވާނަމަ އޮފީހަށް ޙާޟިރުވެ މަސައްކަތް ކުރާ ގޮތަށް، އެމުވައްޒަފެއްގެސްޕަވައިޒަރު ހަމަޖެއްސުން.
8- މުވައްޒަފަކަށް އިތުރުގައި ދޭންވާނީ ކޮންމެ ދުވަހަކުވެސް އެމުވައްޒަފު ޚިދުމަތް ކުރުމަށް ކަނޑައެޅިފައިވާ 6 ގަޑިއިރު ހަމަކުރުމަށްފަހު އިތުރުވާ ވަގުތަށްކަން،
އެހެންކަމުން ހުރިހާ ކޯޓުތަކާއި އިދާރާތަކުންވެސް އެކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އާއިޝަތު ރިޒްނާ ސޮއިކުރައްވާ ނެރުނު ބަޔާނުގައިވެއެވެ.
ކޮމެންޓު ފޮނުވާ