ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސިންގަޕޫރާއި، ބަންގްލަދޭޝްގެ ސަފީރުކަމަށް ބޭފުޅުން މިއަދު އައްޔަންކުރައްވައިފިއެވެ. މި ގޮތުން ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ ހެންވޭރު ޖެހޭވައި އިބްރާހީމް ޝަހީބެވެ. ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ މާފަންނު ޒީނާ ޝިރުޒިމަތު ސަމީރެވެ.
މިއަދު ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި އިބްރާހީމް ޝަހީބު އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމުގައެވެ. އަދި އެ މަނިކުފާނު ވަނީ އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީކަމުގެ މަޤާމާއި، ޕަރމަނަންޓް ސެކްރެޓަރީކަމުގެ މަޤާމާއި، ޑިރެކްޓަރުކަމުގެ މަޤާމު ފަދަ އިސް މަޤާމުތައް ފުރުއްވާފައެވެ. ހަމަ އެއާއެކު ޝަހީބު ވަނީ މީގެ ކުރިން ސިންގަޕޫރުގެ ފަސްޓް ސެކްރެޓަރީ އެންޑް އެކްޓިންގ ހައިކޮމިޝަނަރ އޮފް މޯލްޑިވްސް ގެ މަޤާމު ވެސް އަދާކުރައްވާފައެވެ.

އިބްރާހީމް ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔިއު ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓަރސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެ މަނިކުފާނު ވަނީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވަރސިޓީ އިން ބެޗެލަރ އޮފް އާޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް ޑިވެލޮޕްމަންޓް ސްޓަރޑީޒް ހާސިލުކުރައްވާފައެވެ.

ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި ޝިރުޒިމަތު ސަމީރު އެންމެ ފަހުން އަދާކުރައްވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އީސްޓް އެންޑް ސެންޓަރަލް އޭޝިއާ ޑިވިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމެވެ. އަދި އެ ކަމަނާ ވަނީ މީގެ ކުރިން މޯލްޑިވްސް އެމްބަސީ އިން ޖަރމަނީގެ މިނިސްޓަރ ކައުންސެލަރގެ މަޤާމު ވެސް ފުރުއްވާފައެވެ.
ޝިރުޒިމަތު ސަމީރު މާސްޓަރސް އޮފް ސޯޝަލް ސައިންސް (ސްޓްރެޓެޖީ އެންޑް ޑިޕްލޮމަސީ) ހާސިލުކުރައްވާފައިވަނީ ނެޝަނަލް ޔުނިވަރސިޓީ އޮފް މެލޭޝިއާގެ އިންސްޓިޓިއުޓް އޮފް ޑިޕްލޮމަސީ އެންޑް ފޮރިން ރިލޭޝަންސް އިންނެވެ. އަދި އެ ކަމަނާ ވަނީ ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަން އިން ބެޗެލަރ އޮފް އަރޓްސް އިން އިންޓަނޭޝަނަލް ބިޒްނަސް ހާސިލުކުރައްވާފައެވެ.
ސިންގަޕޫރުގެ ސަފީރުކަމަށް ޝަހީބް އައްޔަންކުރައްވާފައިމިވަނީ ކުރިން ސިންގަޕޫރު ސަފީރުކަމުގެ މަޤާމުގައިހުންނެވި ޑރ.ޢަބްދުﷲ މައުސޫމް ޓޫރިޒަމް މިނިސްޓަރުކަމަށް ޢައްޔަންކުރެއްވުމުން އެމަޤާމު ހުސްވެފައި އޮތުމަށްފަހުއެވެ.
ކޮމެންޓު ފޮނުވާ