ޚިޔާލު ތަފާތުވެ، ބޮޑު ހަމަނުޖެހުމަކަށްގޮސް، މުޖުތަމަޢު ފަސާދަވަމުން ދާއިރުވެސް ފަތުވާ މަޖިލިސް ނިދާފަ!

ޚިޔާލު ތަފާތުވެ، ބޮޑު ހަމަނުޖެހުމަކަށްގޮސް، މުޖުތަމަޢު ފަސާދަވަމުން ދާއިރުވެސް ފަތުވާ މަޖިލިސް ނިދާފަ!

Author
ހުސެއިން
26 ޖޫން 2022 09:29
0

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވުމާއެކު، 2008ގައި ދިވެހިން ބަލައިގަތް އާ ގާނޫނު އަސާސީގައި ވަނީ އިސްލާމް ދީނުގެ އެންމެހާ އަސާސްތައް އެގާނޫނު އަސާސީގެ އަސްލު ކަމުގައި ކަނޑައަޅާ، އިސްލާމީ ޝަރިއަތާއި ޚިލާފަށް ގާނޫނެއް އަދި ގަވާއިދެއްވިޔަސް ނުހެދޭނެކަމަށް އެގާނޫނު އަސާސީން ކަނޑައަޅާދީފައެވެ.

ގާނޫނު އަސާސީގެ ފުރަތަމަ ބާބުގެ 10 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ ތިރީގައި މިވާ ގޮތަށެވެ.

ދައުލަތުގެ ދީން:

(ހ) ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީނެވެ. އަދި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަޑު މަސްދަރެކެވެ. (ށ) ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފް އެއްވެސް ގާނޫނެއް ނުހެދޭނެއެވެ.

އެހެންކަމުން، 2008ވަނަ އަހަރު ދިވެހިން ބަލައިގެންފައިވާ އާ ގާނޫނު އަސާސީން ސާފްވާން އޮތް އެއްހަގީގަތަކީ، ދިވެހި ރާއްޖޭގައި އިސްލާމް ދީނުގެ އަސާސަކާއި ޚިލާފް އެއްވެސް ކަމަކަށް އެގާނޫނު އަސާސީން ޖާގަ ދީފައި ނެތްކަމެވެ.

އެހެންނަމަވެސް، ގާނޫނު އަސާސީގައި އެކަށައެޅިފައިހުރި ތަރަހަތައް ކިތައްމެ ސާފު ނަމަވެސް، ދީނާއި ގުޅުން ހުރި ބައެއް ކަންކަމަކީ، ފާއިތުވެދިޔަ ތަނުގައި އަބަދުވެސް ދީނީ އިލްމުވެރިންނާއި އާންމުގެ ތެރެއިން ބައެއް ފަރާތްތަކާއި ދެމެދު ޚިޔާލު ތަފާތުވަމުން އައިސްފައިވާ ކަންކަމެވެ. އަދި މިފަދަ ގިނަ ހާލަތްތަކުގައި މެދުމިނުގެ ހައްލު ހޯދުން ނުވަތަ ޚިޔާލު ތަފާތު ވުންތައް ފިލުވާލުމަކީ ދަތި ކަމަކަމަށް ވިނަމަވެސް، މި ސަރުކާރުގައި ފާއިތުވެދިޔަ ތަނުގައި މިގޮތުން ކުރިމަތިވެދިޔަ ގިނަ ކަންކަމަށް އެކަށީގެންވާ ހައްލު ހޯއްދަވާފައި ވާކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

ދީނީ ގިނަ ކަންކަމުގައި ފާއިތުވެދިޔަ ތަނުގައި ސަރުކާރުންވަނީ ހައްލު ހޯއްދާދީފަ

ވަކީން ޚާއްސަކޮށް، ދީނާއި ގުޅުންހުރި ބައެއް ކަންކަމަކީ ޚިޔާލު ތަފާތުވުން ބޮޑެތި ކަންކަމަށް ވުމާއެކު މިފަދަ ކަންކަމުގެ ހައްލު ހޯއްދަވާ، ކަންކަމުގެ އަސްލު އާންމު ރައްޔިތުންނާއި ހަމައަށް ފޯރު ކޮށްދިނުމަކީވެސް އޭރަކު އޮންނަ ސަރުކާރަކާއި އަބަދުވެސްމަތި ވެފައި އޮންނަ ޒިންމާއެކެވެ.

މިސަބަބަށްޓަކާ ދީނި ކަންކަމުގައި އެންމެ ފަހުބަސް ބުނުމުގެ މަސްއޫލިއްޔަތާއި ހަވާލުވެ ދިވެހިރާއްޖޭގައިވެސް ފަތުވާ މަޖިލީހެއް އުފައްދާފައި އޮވެއެވެ. ދުނިޔޭގެ އިސްލާމީ އެހެން ގިނަ ގައުމުތަކެއްގައިވެސް މިއުސޫލު މިގޮތަށް އެކަށައެޅިފައި އޮވެއެވެ.

 

ޔޯގާ ހަމަނުޖެހުން ތަފާތު!

ޔޯގާ އިވެންޓަކީ ރާއްޖޭގައި، ފާއިތުވެދިޔަ ސަރުކާރު ތަކުގައިވެސް، އިންޓަރނޭޝަނަލް ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާފައިވާ އިވެންޓެކެވެ. އަދި މި އިވެންޓަކީ ފާއިތުވެދިޔަ ސަރުކާރުތަކުގައި އިސްވެރިން ބައިވެރިވެގެން، މިއަށްވުރެވެސް ކުލަގަދަކޮށް ފާހަގަ ކޮށްފައިވާ ހަރަކާތެއްވެސް މެއެވެ.

މީގެ އިތުރުން، ކުރީގެ ސަރުކާރުތަކުގެ އިސްވެރިންވެސް ޔޯގާގެ ސިއްޙީ ފައިދާތަކުގެ ވާހަކަަތައް ދައްކަވާ، މި ހަރަކާތް އާންމު ތަންތަނުގައި ބޭއްވިގެން ދިޔައިރު، ވަޒީރުން ފެންފަރުގައި މި ހަރަކާތުގައި ބައިވެރިވެ ވަޑައިގެންފައިވެސް ވެއެވެ.

އޭގެ ނަތިޖާއެއްގެ ގޮތުން، މިއަހަރުގެ ޔޯގާ އިވެންޓަށް ސަރުކާރުގެ ބައެއް މުވައްސަސާތަކުން ތައްޔާރު ވަމުންދިޔައިރު، ބައެއް ވަޒީރުންގެ ޝަކުވާއަކަށްވެސް ވެގެން ދިޔައީ މި ޝަކުވާތަކެވެ.

ކުރީގެ އަހަރުތަކުގައި މި ހަރަކާތުގައި އަމަލީގޮތުން ބައިވެރިވީ ފަރާތްތަކަށް މިއަހަރުގެ ހަރަކާތް ބޮޑު ޝިރުކަކަށް ވެގެން ދިއުމެވެ. އަދި މިއަހަރު މިހަރަކާތާއި ދެކޮޅަށް ދީނި އިލްމުވެރިން އަޑު އުފުއްލަވަމުން ގެންދެވިއިރު، މި އަޑު އުފުލުންތަކުގައި އާދަޔާ ޚިލާފަށް ބޮޑަށް ސިޔާސީ މީހުން ކުރީ ސަފަށް ނުކުމެ، މި ހަރަކާތާ ދެކޮޅަށް އަޑު އުފުލާފައި ވުމެވެ.

މިގޮތުން މިއަހަރުގެ ޔޯގާ ހަރަކާތާއި ދެކޮޅަށް އަޑު އުފުލާ، އިވެންޓު ކުރިޔަށް ދިޔައިރު ގަލޮޅު ރަސްމީ ދަނޑު ކައިރީގައި މުޒާހިރާ ކުރަމުން ދިޔަ ފަރާތްތަކުގެ ތެރެއިން ސިޔާސީ މޫނުތައް ފެނިގެން ދިޔައިރު، މިހަރަކާތުގައި ބޭނުންކުރި ދިދަތަކާއި، ސައުންޑުފަދަ ތަކެތި ފޯރުކޮށްދީފައިވަނީ އިދިކޮޅު ޕީޕީއެމްއިންކަން، ސޯޝަލް މީޑިއާގައި އާންމުވެގެންދިޔަ ފޮޓޯތަކުންވެސް ވަނީ ހާމަވެގެން ގޮސްފައެވެ.

މުޒާހިރާ ކުރަމުންދިޔަ ފަރާތްތަކުން ގަލޮޅު ދަނޑަށް ވަދެގެންފައިވަނީ ޖަހާފައިހުރި ފެންސުތައް ހަލާކު ކޮށްލާ, ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު

އޭގެ ނަތީޖާއެއްގެ ގޮތުން، ސަރުކާރުން އިންތިޒާމް ކުރަމުންދިޔަ ޔޯގާ ހަރަކާތާއި ދެކޮޅަށް ސޯޝަލް މީޑިއާގައާއި އަދި އޭގެ ބޭރުންވެސް އަޑު އުފުލަމުންދިޔަ ގިނަ ފަރާތްތަކުގެ މަގުސަދަކީ، މި ހަރަކާތާ ދެކޮޅަށް އުފުލެމުން ދިޔަ އަޑުއުފުލުންތައް އިންޑިއާއާއި ދެކޮޅަށް ސިޔާސީ ގޮތުން ހިންގަމުންދާ ހަރަކާތްތަކާއި ގުޅުވާލުންކަން މިއީ ސަރުކާރަށް ތާއީދުކުރާ ގިނަ ބަޔަކަށް މިގޮތުގައި ސިފަކޮށް ގަބޫލު ކޮށްފައިވާ ކަމެކެވެ.

އެހެންކަމުން، ޔޯގާއަކީ ރާއްޖޭގައި މަނާކުރެވެންޖެހޭ ކަމަކަށްވި ނަމަވެސް، އަދި އޭގެ އިތުރުން، ދީނީ އިލްމުވެރިން ޔޯގާ މަނާކުރުމަށް އަޑު އުފުލަމުން ދިޔަނަމަވެސް، މިހަރަކާތް ހުއްޓުވުމުގެ ނަމުގައި މުޒާހިރާ ކުރަމުންދިޔަ ފަރާތްތަކުން ގަލޮޅު ދަނޑު ތެރެއަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކަށް ބަލާލުމާއި ހަމައިންވެސް، ޔޫތު މިނިސްޓްރީން އިންތިޒާމްކުރި ޔޯގާ ހަރަކާތާއި ދެކޮޅަށް ހިންގުނު ހުރިހާ ހަރަކާތަކީވެސް އޭގައި ސިޔާސީ ކުލަ ޖެހިގެންދިޔަ ކަންކަން ކަމުގައި ގަބޫލު ކުރުމުގެ ފުރުސަތު މިއަދު އެބައޮތެވެ.

 

އިސްލާމިކް މިނިސްޓްރީންވެސް މިހަރަކާތް މަނާކުރި! ފަތުވާ މަޖިލިސް ނިދާފަ!

ޔޯގާ އިންވެންޓާއި ދެކޮޅަށް ހިނގި ހަމަނުޖެހުމަށްފަހު، ސަރުކާރުން މިހާރު ގެންދަނީ މި ހަރަކާތް ހިނގަމުން ދަނިކޮށް ގަލޮޅު ދަނޑަށް ވަދެގަނެ ހަމަނުޖެހުން ހިންގި މީހުން ހައްޔަރުކޮށް ތަހުގީގު ކުރިޔަށް ގެންދަމުންނެވެ.

އަދި މިހަމަނުޖެހުންތަކާއި ގުޅިގެން ދީނީ އެތައް އިލްމުވެރިންނެއް މިހާރު ހައްޔަރު ކޮށްފައިވާއިރު، މި ހަމަނުޖެހެންތަކާއި ގުޅިގެން އެންމެ ފަހުން ހާމަވެގެންދިޔަ މައުލޫމާތުތަކުން އެގެންހުރި ގޮތުގައި، މިމަހުގެ 21 ވަނަ ދުވަހު ބޭއްވުނު ޔޯގާ ހަރަކާތް ބޭއްވިޔަ ނުދިނުމަށް އެދި ޕޮލިސް ކޮމިޝަނަރަށް އިސްލާމިކް މިނިސްޓްރީން ވަނީ މިމަހުގެ 15ވަނަ ދުވަހު ސިޓީއެއްވެސް ފޮނުވާފައެވެ.

އަދި މި ސިޓީގައި، ޔޯގާ ހަރަކާތުގެ ހުކުމްތައް ބަޔާން ކުރެއްވުމުގެ ގޮތުން، ދުނިޔޭގެ އެހެން އެތައް ގައުމުގެއް ފަތުވާ މަޖިލިސްތަކުގެ ރައުޔުތަކާއި، މި ހަރަކާތް ހިންދޫ ދީނާއި ގުޅިގެން ދާގޮތާއި، އަދި މިނޫނަސް މިފަދަ އެތައް މައުލޫމާތުތަކެއް ހިމަނާފައި ވެއެވެ.

ޔޯގާ އިވެންޓުގައި ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ބައިވެރިވެ ވަޑައިގަންނަވަނީ

މަތީގައިވާ ފަތުވާތަކަށް ރިޢާޔަތް ކުރުމަށްފަހު ދަންނަވަމެވެ. މިމެޑިޓޭޝަނަކީ ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އެމީހުންގެ ދީނީ ސަގާފަތާއި ގުޅޭ ގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ، އިރުއަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުންކުރާ މިއުޒިކެއް ހިމެނޭ ޙަރަކާތެކެވެ.

އިސްލާމިކް މިނިސްޓްރީން ޕޮލިސް ކޮމިޝަނަރަށް ފޮނުއްވި ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.

ޔޯގާ ހަމަނުޖެހުމަށް ހަފްތާއެއް ފާއިތުވެގެން ގޮސްފައިވަނިކޮށް، މިހަރަކާތް މަނާކުރުމަށް އިސްލާމިކް މިނިސްޓްރީން ފޮނުވި ސިޓީ އާންމު ވެގެން ދިޔަނަމަވެސް، މިސިޓީ އިސްލާމިކް މިނިސްޓްރީންވެސް އޭރު އާންމު ކޮށްފައި ނުވާއިރު، ރަސްމީ ސިފައެއްގައި ސަރުކާރުގެ އެއްވެސް އިދާރާއަކުން، ޚިޔާލުތަފާތުވުން ބޮޑު މިހަރަކާތާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް އާންމު ކޮށްފައި ނުވެއެވެ.

އެހެންނަމަވެސް ދީނީ ގޮތުން އާންމުންގެ ތެރޭގައި، ސިޔާސީ މަގުސަދު އެކުލެވިގެން ނަމަވެސް، އުފެދޭ މިފަދަ ޚިޔާލުތަފާތުވުން ބޮޑެތި ކަންކަމުގައި ފަހު ބަސް ބުނުމަށް ރާއްޖޭގައިވެސް ފަތުވާ މަޖިލީހެއް އެކުލަވާލާފައި އޮވެއެވެ. އަދި ފާއިތުވެދިޔަ ތަނުގައި، މިސަރުކާރުގައިވެސް މިމަޖިލީހުންވަނީ، އާންމު ރައްޔިތުންނަށް ކަމުގެ ހަގީގަތް ސާފުވާންޖެހޭ ބައެއް ކަންކަމުގައި ބަސް ބުނެފައެވެ.

މިގޮތުން 2020 ވަނަ އަހަރު މުޅި ދުނިޔެއަށް އާންމުވެގެންދިޔަ ކޯވިޑް ކާރިސާއާއި ގުޅިގެން، ގައިދުރުކޮށް ސަފު ހަދައިގެން ނަމާދު ކުުރުމަށް އިސްލާމިކް މިނިސްޓްރީން އޭރު ނިންމި ނިންމުމާއި ގުޅޭގޮތުން އާންމުންގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުން ފިލުވުމުގެ ގޮތުން، ކޮވިޑް-19ގެ ބަލިމަޑުކަމުގައި، ގައިދުރުކޮށް ސަފު ހަދައިގެން ނަމާދުކުރުން ހުއްދަ ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމާފައި ވެއެވެ.

އަދި މީގެ އިތުރުން، މި ސަރުކާރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ނިންމުމާއި ގުޅިގެން، 2019ވަނަ އަހަރުގެ ޖުލައިމަހު އާންމުވެގެންދިޔަ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުގެ ނިންމުމެއްގައި، އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް ބުރަވާ އެ މަޖިލީހުގެ ރައުޔެއް އޮތްކަން ހާމަވެގެން ގޮސްފައި ވެއެވެ.

ޔޯގާ އިވެންޓު ހުއްޓުވާ ދިނުމަށް އެދި އިލްމުވެރިންވެސް ވަނީ އިސްލާމިކް މިނިސްޓްރީގައި އެދިފައި

އެހެންނަމަވެސް، މިމަޖިލިސް އޮވެމެ، ޔޯގާގެ ހަރަކާތާއި ގުޅޭގޮތުން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކަށް އަދިވެސް ފިނިކަމެއް އައިސްފައި ނުވާއިރު، މި ޚިޔާލު ތަފާތުވުންތަކާއި ގުޅޭގޮތުން މި މަޖިލިހުގެ ބަހެއް މިއަދާއި ހަމައަށްވެސް އިވިގެން ގޮސްފައެއް ނުވެއެވެ. މިމަޖިލިސް އޮތީ ނިދާފައެވެ.

އެހެންކަމުން ސާފުވާން އޮތް ހަގީގަތަކީ ފަތުވާ މަޖިލިހެއް އުފައްދާފައި އޮތުމުގެ ބޭނުން ހަގީގަތުގައިވެސް މިއަދު ޖެހިފައި އޮތްކަމެވެ. އެހެންނަމަވެސް، ޔޯގާއާއި ގުޅޭގޮތުން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކަށް ހައްލު ނުލިބި، މިހަމަނުޖެހުންތަކާއި ގުޅިގެން މުޖުތަމަޢުގައި އެތައް ފަސާދައެއް އުފެދެމުން ދާއިރުވެސް، މިމަޖިލިސް އަދިވެސް އޮތީ ނިދާފައެވެ. މަޖިލިހުގެ ހިލަމެއް ނުވެއެވެ.

އަދި ދީނީގޮތުން އުފެދޭ މިފަދަ ބޮޑެތި ޚިޔާލު ތަފާތުވުންތަކަށް ސަރުކާރުގެ އެކަށައެޅިފައިވާ ނިޒާމުގެ ތެރެއިން ހައްލު ނުލިބޭނަމަ، ރާއްޖެފަދަ ހުޅުވިފައިވާ މުޖުތަމައެއްގައި އުފެދޭ މިފަދަ ބޮޑެތި ޚިޔާލުތަފާތުވުންތައް، ނިމުމެއްނުވާ ދާޚިލީ ބޮޑެތި ހަމަނުޖެހުންތަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު އޮތްކަމުގެ ސާފު ހެކި ދިވެހި މުޖުތަމައުން މިދަނީ ވަރަށްވެސް ރަގަޅަށް ފެނި ހާމަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.