ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާ އަދަދަށް މެމްބަރުން ހަމަނުވާ ޕާޓީތަކަށް ދިން މުއްދަތުގައި ފޯމުތައް ހުށަހެޅި ޕާޓީތަކުގެ ތެރެއިން 2 ޕާޓީއެއްގެ މެމްބަރުންގެ ޤާނޫނީ އަދަދު ހަމަވެފައިވަކަމަށް އިލެކްޝަންސް ކޮމިޝަނުން އެޕާޓީތަކަށް އަންގައިފިއެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3،000 މެމްބަރުން އެޕާޓީއެއްގައި ތިބެގެންނެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތީން 3،000 މެންބަރުންގެ ސޮއިއާއިއެކު ރެޖިސްޓްރީ ކުރި ނަމަވެސް އެކި ސަބަބުތަކާއި ހުރެ ޕާޓީން މެންބަރުން ވަކިވުމާއި ގުޅިގެން 4 ޕާޓީއެއްގެ މެންބަރުންގެ އަދަދު 3000 އަށް ވުރެ ދަށް ވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ނޯޓިސް ފޮނުވާފައެވެ. އިލެކްޝަނުން ދިން މުއްދަތުގައި ހަތަރު ޕާޓީންވެސް ވަނީ ޤާނޫނީ އަދަދު ހަމަވާ ވަރަށް ފޯމު ހުށަހަޅާފައެވެ.
ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން ނޯޓިސް ފޮނުވާފައިވަނީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އެއްޕާޓީ ޑީއާރުޕީ އާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)، އާއި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އަށެވެ.
މިޕާޓީތަކުގެ ތެރެއިން އެމްރުއެމްއާއި، އެމްޓީޑީގެ މެމްބަރުންގެ އަދަދު ހަމަވިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެޕާޓީތަކަށް އަންގާފައެވެ. ޑީއާރުޕީއާއި، އެމްއެލްއެސްޑީ އިން ހުށަހަޅާފައިވާ ފޯމުތައް ޕްރޮސައް ކުރަމުންދާއިރު، މިފޯމުތަކުގެ ސައްޚަކަން ކަށަވަރު ކުރުމުގެ މަސައްކަތް މިފެށޭ ހަފްތާގެތެރޭގައި ނިންމާލެވޭނެކަމަށް އިލެކްޝަނުން ވަނީ ވިދާޅުވެފައެވެ.
މެމްބަރުންގެ އަދަދު ހަމަކުރުމަށް ދިން މުއްދަތުގެ ތެރޭގައި ޑީއާރުޕީން ވަނީ 788 ފޯމު ހުށަހަޅާފައެވެ. އެޕާޓީގެ ދަފްތަރުގައި މިވަގުތު ތިބީ 2269 މެމްބަރުންނެވެ. ނަމަވެސް ހުށަހެޅި ފޯމުތަކަކީ ޞައްހަ ފޯމުތަކަށްވާނަމަ ޑީއާރުޕީގެ މެމްބަރުންގެ އަދަދު 3057އަށް އަރައެވެ. މިމުއްދަތުގައި އެމްޓީޑީން ވަނީ 962 ފޯމު ހުށަހަޅާފައެވެ. އެޕާޓީގެ ދަފްތަރުގައި މިވަގުތު ތިބީ 2457 މެމްބަރުންނެވެ. ނަމަވެސް ހުށަހެޅި ފޯމުތަކަކީ ޞައްހަ ފޯމުތަކަށްވާނަމަ އެމްޓީޑީގެ މެމްބަރުންގެ އަދަދު 3419 އަށް އަރައެވެ.
މެމްބަރުންގެ އަދަދު ހަމަނުވާ ޕާޓީތަކުގެ ތެރެއިން ލޭބާ ޕާޓީން ވަނީ 376 ފޯމު ހުށަހަޅާފައެވެ. އެޕާޓީގެ ދަފްތަރުގައި މިވަގުތު ތިބީ 2691 މެމްބަރުންނެވެ. ނަމަވެސް ހުށަހެޅި ފޯމުތަކަކީ ޞައްހަ ފޯމުތަކަށްވާނަމަ ލޭބާ ޕާޓީގެ މެމްބަރުންގެ އަދަދު 3067 އަށް އަރައެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. ޤާނޫނުގައި ބުނާގޮތުން 3000 މެމްބަރުން ތިބިނަމަ އިލެކްޝަންސްގެ ދަފްތަރުގައި ޕާޓީ ހިމެނޭނެއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ލިބެނީ 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.