އާއިލާގެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުގައި މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާއެއް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި އޭނާ 57 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި ހުކުމް ކޮށްފައިވަނީ ވ. ކެޔޮދޫ، ތުޑީގެ، އަހްމަދު އަޒްމީންގެ މައްޗަށެވެ. ކުޑަކުއްޖެއް ހިމެނޭ މައްސަލައަކަށްވާތީވެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓެއް ކޯޓުން އާންމެއް ނުކުރެއެވެ. އަޒްމީންގެ މައްޗަށް ޖުމުލަ ހަތަރު ދައުވާއެއް ކޮށްފައިވެއެވެ. އޭގެ ތެރެއިން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ކޯޓުން ނިންމާފައިވެއެވެ.
އެ މީހާ އަށް ދައުލަތުން ދައުވާކުރީ 2019 ވަނަ އަހަރުއެވެ. އާއިލާގެ މެމްބަރެއްގެ ގޮތުގައި ހުރެ، އެ އާއިލާގެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ސާބިތުވާތީ ކްރިމިނަލް ކޯޓުން އިއްވީ 25 އަހަރުގެ ޖަލު ހުކުމެކެވެ. އަދި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖާ އަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ސާބިތުވުމުން އިތުރު 17 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، ބަޔަކު ޖިންސީ އަމަލު ހިންގާ މަންޒަރު ކުޑަކުއްޖަކަށް ދެއްކުމުގެ ދައުވާ ސާބިތުވުމުން އޭނާގެ މައްޗަށް އިތުރު 15 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ.
މީގެ އިތުރުން ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެއް އެ މީހާގެ މައްްޗަށް ކުރިޔަސް، ކޯޓުން ނިންމީ އެ ދައުވާ ސާބިތުނުވާ ކަމަށެވެ.
އެ މީހާގެ މައްޗަށް ޖުމުލަ 57 އަހަރުގެ ޖަލު ހުކުމެއް އިއްވިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު އޭނާ ޖަލުގައި ދެން ހޭދަކުރަން ޖެހޭނީ 54 އަހަރެވެ.
ކޮމެންޓު ފޮނުވާ