ބޮލީވުޑްގެ އަރަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރު ޑޮކްޓަކަށް ވުމަށް އޭނާގެ މަންމަ ވަރަށް ބޭނުންވި ކަމަށް ޖާންވީ ބުނެފިއެވެ.
ޖާންވީ އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި މަޝްހޫރު އެއް އެކްޓްރެސް ޝްރީ ދޭވީ އާއި ޕްރޮޑިއުސަރ ބޯނީ ކަޕޫރުގެ ދެދަރިންގެ ތެރެއިން ދޮށީ އަންހެން ދަރިފުޅެވެ. އަދި ހަގު ދަރިފުޅު ޚުޝީވެސް އަންނަނީ ބޮލީވުޑަށް ނުކުތުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޖާންވީ ބުނެފައިވަނީ އޭނާގެ މަންމަ ބޭނުންވީ އޭނާ ފިލްމީ ދާއިރާއާ ދުރުން ކެރިއަރެއް ބިނާކުމަށް ކަމަށެވެ. އަދި މަންމަ ވަރަށް ބޮޑަށް އެނާ ޑޮކްޓަރަކަށް ވުމަށް ބޭނުން ވި ކަމަށް ޖާންވީ ވަނީ ބުނެފައެވެ.
ޖާންވީގެ ކުރިއަށް އޮތް ފިލްމު "ގުޑްލަކް ޖެރީ" ގެ ޕޯސްޓަރެއް ވަނީ މިހަފްތާގެ ތެރޭފައި ދައްކާލައިފައެވެ. ކޯވިޑްގެ ސަބަބުން ވަރަށް ބޮޑަށް ލަސްވެގެން ދިޔަ މި ފިލްމު ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ އަންނަ ޖުލައި މަހުގެ 29 އަށެވެ.
ޖާންވީ އަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ތަރިއެކެވެ. އެގޮތުން އޭނާގެ ސޯޝަލް މީޑިއާގައި ފޮޓޯއާއި ވީޑީއޯ އަބަދުވެސް ހިއްސާ ކުރެއެވެ.
2018 ވަނަ އަހަރު ޝަޝަންކް ކައިތާނުގެ "ދަޅަކް" އިން ބޮލީވުޑަށް ތަޢާރަފްވި ޖާންވީ ވަނީ "ރޫހީ"، "ގުންޖަން ސަކްސޭނާ" އަދި "ގޯސްޓް ސްޓޯރީޒް"ފަދަ ފިލްމުތައް ކުޅެ އެކްޓިންގެ ހުނަރުން ބެލުންތެރިންގެ މެދުގައި މަގުބޫލު ކަން ހޯދާފައެވެ.