އެމްޑީޕީއަށް ރައްޔިތުންގެ ތައީދު އޮތްކަން ހާމަކޮށް ދީފައިވަކަމަށާއި، ނަމަވެސް އެމްޑީޕީއަށް މަދުވާ %3 ވޯޓު މިސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ނުހޯދުނުކަމީ ޕާޓީގެ މެމްބަރުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު(ވައްޑޭ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރައީސް ޞާލިހު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވިތާ 24 ގަޑިއިރު ނުވަނީ އެމްޑީޕީއާއި އެއްވެސް މަޝްވަރާ ކުރުމެއްނެތި ކޯލިޝަން ލީޑަރުންނާއި ބައްދަލު ކުރުމަށް އަވަސް ވެގެ ގަތުމުންނެވެ. ވައްޑެ ވިދާޅުވީ މިކަމުން އެގެނީ އެމްޑީޕީއަށް ވުރެ ކޯލިޝަން މުހިންމު ކަމުގައެވެ.
އެމްޑީޕީން ވަނީ 2008 ވަނަ އަހަރު އުފުދުނު ވެރިކަމުގައި ލިބުނު %25 ތާއީދު %47 އަށް އިތުރުކޮށްފައި ކަމަށެވެ. ނަމަވެސް މިސަރުކާރަށް ފަސް އަހަރުގެ ދައުރުގެ ތެރޭގައި އޭގެ ތެރެއިން މަދުވާ %3 ހޯދޭނެކަމުގެ އިތުބާރު ނެތުމަކީ އެމްޑީޕީ މެމްބަރުން މާޔޫސްވާނެ ކަމެއްކަމަށް ވައްޑެ ވިދާޅުވިއެވެ.
2008ގައި އުފެދުނު އެމްޑީޕީ ސަރުކާރުގެ 3 އަހަރުގެ މަސައްކަތުން، ވޯޓުގެ ނިސްބަތް %25 އިން %47 އަށް އިތުރުވިއެވެ. މިސަރުކާރުގެ 5 އަހަރުން އިތުރު %3 ހޯދޭނެކަމުގެ އިތުބާރު ނެތަތީ، ޕާޓީ ބާއްވާފައި ފުރަތަމަވެސް ކޯލިޝަނަކާ ދިމާލަށް ދުއްވައިގަތުމަކީ އެމްޑީޕީ މެމްބަރުން މާޔޫސްވާނެކަމެކެވެ.
– ވައްޑެ ވިދާޅުވިއެވެ.
އަންނަ ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ނަޝީދު ވިދާޅުވި ގޮތުގައި, 2023 ގައި ރިޔާސީ ކެންޑިޑޭޓެއް އެމްޑީޕީން އަދި ނުނިންމައެވެ. އެހެން ނަމަވެސް, ކެންޑިޑެންސީގެ އުއްމީދު ހުރި ހުރިހާ ބޭފުޅުން ވެސް މަސައްކަތް ކުރަންވީ ކަމާއި ރައީސް ސޯލިހު ނޫން ކެންޑިޑޭޓުން ވެސް ނުކުންނަވީ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ތެރޭ ރިޔާސީ ކެންޑިޑެންސީގެ ބަހުސް ބޮޑުވެފައިވާއިރު, ނަޝީދު ވަނީ ޕްރައިމަރީއެއް ބާއްވައި ކެންޑިޑޭޓަކު ކަނޑައެޅުމަށް ގޮވާލައްވާފަ އެވެ. އެ ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވާނަމަ, އެކަމަށް ރައީސް ސޯލިހު ނުކުންނަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ނަޝީދު މީގެކުރިން ވިދާޅުވެފައިވެއެވެ.
ނަމަވެސް, ރައީސް ސޯލިހު ވަނީ އެކަން އޮތީ އެހެން ނޫންކަން ހާމަކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި, އެންމެ ރަނގަޅު ޑިމޮކްރަޓިކް ގޮތަކީ, ޕްރައިމަރީއެއް ބޭއްވުން ކަމަށާއި ނަމަވެސް, ކެންޑިޑޭޓެއް ކަނޑައަޅާނީ ކޮންގްރެސްއިން ކަމަށެވެ. އަންނަ އޯގަސްޓް މަހު ބާއްވާ ކޮންގްރެސްގައި ޕްރައިމަރީއަކާ ނުލާ ދެވަނަ ދައުރަކަށް ރައީސް ސޯލިހަށް ޓިކެޓް ދިނުމަށް އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ރިޔާސީ އިންތިހާބެއްގެ އުއްމީދުގައި ނަޝީދު ހުންނެވި ނަމަވެސް, އެމަނިކުފާނު ބޭނުން ވަނީ އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ވެރިކަން ކުރާ ނިޒާމް ބަދަލުކުރުމުގެ ވޯޓެއް ބޭއްވުމަށެވެ. އަދި, އެއަށްފަހު ބޮޑު ވަޒީރެއްގެ މަގާމަށް ވަޑައިގަންނަވަން ނަޝީދު ބޭނުންވާއިރު, ރައީސް ސޯލިހަށް ވެސް އެންމެ ރަނގަޅުވާނެ ގޮތަކީ, އެއީ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. ނަމަވެސް, ނިޒާމާމެދު އިންތިހާބެއް ބޭއްވުމަށް މިހާތަނަށް ރައީސް ސޯލިހު އެއްބަސްވެވަޑައިގެންފައެއް ނުވެއެވެ.