ޕާޓީގެ އެތެރޭގެ ވޯޓުގައި މެމްބަރުން ދެއްކެވީ ރައީސް ޔާމީނަށް އޮތް ލޯތްބާއި ތާއީދު: ޤައްސާން

ޕާޓީގެ އެތެރޭގެ ވޯޓުގައި މެމްބަރުން ދެއްކެވީ ރައީސް ޔާމީނަށް އޮތް ލޯތްބާއި ތާއީދު: ޤައްސާން

Author
މުޙައްމަދު ޝަޒައިމް
14 ނޮވެމްބަރ 2020 05:14
0

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީގެ ވޯޓުގައި ޕާޓީގެ އާންމު މެމްބަރުން ދައްކަވާފައިވާ ރީތި ނަމޫނާއަކީ އާންމު މެމްބަރުންގެ ހިތުގައި ރައީސް ޔާމީންއަށް އޮތް ލޯތްބާއި ތާއީދު ހާމަވާ ކަމެއް ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޤައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީތަކަށް މެމްބަރުން އިންތިޚާބް ކުރުމަށް އިއްޔެ ނެގުނު ވޯޓަށްފަހު ޕާޓީ ތެރެއިން ފެންނަމުންދާ އެއްބައިވަންތަކަމާއި، ރޫހަށް ޤައްސާންވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އިންތިޚާބުގައި ނާކާމިޔާނުވި މެމްބަރުންވެސް ޕާޓީގައި ދެމިތިބެ އެއްރޫހެއްގައި މަސައްކަތް ކުރަން އެއް އަޒުމެއްގައި ތިބިކަމީ ޕާޓީއާއި ރައީސް ޔާމީނަށް އާންމު މެމްބަރުންގެ ހިތުގައި އޮތް ލޯތްބާއި ތާއީދު ހާމަވާ ކަމެއްކަމަށް ޤައްސާން ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީއަށް މެމްބަރުން އިންތިޚާބް ކުރުމަށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ 14:00 އިން 18:00 އަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން 1،100 އަށް ވުރެ ގިނަ ކެންޑިޑޭޓުންނާއިއެކު ކުރިއަށްދާ މި އިންތިޚާބުގައި އެކޯލިޝަންގެ ގިނަ އަދަދެއްގެ މެމްބަރުންވަނީ ވޯޓުލާފައެވެ.

ސްޓިއަރިން ކޮމިޓީތަކަށް 1100 އަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލި އިރު ބައެއް ރަށްތަކުގައި އިންތިހާބު ބާއްވާކަށް ނުޖެހުނެވެ. އެއީ ކޮމިޓީތަކުގައި މެމްބަރުން ތިބެން ޖެހޭ އަދަދަށް ވުރެެ އިތުރަށް ކުރިމަތިލާފައި ނުވާތީ އެވެ. މިއަދު އިންތިޚާބު ބާއްވާފައިވަނީ 18 ކޮމިޓީއެއްގެ އިންތިޚާބެވެ. އިދިކޮޅު ކޯލިޝަންގެ އެތެރޭގެ އިންތިޚާބުގެ ސްޓިއަރިން ކޮމިޓީ އެކުލަވާލާނީ ރަށްރަށުގެ އާބާދީތަކަށް ބަލައި 5 މެމްބަރުން ފެށިގެން 11 މެމްބަރުންނާއި ހަމަޔަށްކަމަށާއި، އިންތިޚާބްގެ މެމްބަރުން ކަނޑައެޅިގެންދާނީ އާބާދީގެ ނިސްބަތުން ކަމަށް އިންތިޚާބީ ކޮމިޓީން ވަނީ ހާމަކޮށްފައެވެ.

ރަށްރަށުގެ ސްޓިއަރިން ކޮމިޓީއެކުލަވާލުމަށް އިންތިޙާބެއް ބާއްވާއިރު، ސްޓިއަރިން ކޮމިޓީގެ ރައީސް އިންތިޚާބް ކުރުމަށްޓަކައި އިންތިޚާބްވި މެމްބަރުންގެ ތެރެއިން ކުރިމަތިލާ މީހުންގެ މެދުގައި އާންމު މެމްބަރުންގެ ވޯޓެއް ނެގުމަށް ހަމަޖެހިފައިވާކަމަށްވެސް އެކޯލިޝަންގެ އިންތިޚާބީ ކޮމިޓީން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.