ދައުލަތުގެ މަސްކުންފުނި، މިފްކޯއިން ވަޅޯމަސް ދަޅުގައި ބަންދުކޮށްގެން ބާޒާރަށް ނެރުމަށް ނިންމައިފިއެވެ.
ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ޗާހަކަފުޅު ދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާޢިލް ފައުޒީ ވިދާޅުވީ، މިފްކޯއިން އެކުންފުނީގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި، އައު އުފެއްދުންތައްވެސް ބާޒާރަށް ނެރުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ. އެގޮތުން ދެ ބާވަތެއް އަލަށް ބާޒާރަށް ނެރުމަށް ނިންމާފައިވާކަން ފައުޒީ ފާހަގަކުރެއްވިއެވެ. އެއީ ވަޅޯމަސް ދަޅުގައި ބަންދުކޮށްގެންނާއި، ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން އޯގަނިކް ބޮނބިކުނޑި ނެރުމަށް ނިންމާފައިވާކަމަށް ފައުޒީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކުންފުނީގެ އަމާޒަކީ ވަޅޯމަސް ދަޅުގައި ބަންދުކޮށްގެން ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ބާޒާރަށް ނެރުންކަމަށާއި، އެތަކެޓީގެ އަގު ވީހާވެސް ހެޔޮކޮށް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އިސްކަންދެއްވާނެކަމަށެވެ. އަދި ބޮނބިކުނޑިއަކީ އެއްވެސް ކެމިކަލެއް ބޭނުންނުކޮށް ތައްޔާރުކޮށްގެން ނެރޭ ބާވަތެއްކަމަށްވެސް ފައުޒީ ވިދާޅުވިއެވެ. އަދި އެކަންކުރުމަށް ބޭނުންވާ ވަސީލަތްތައްވެސް މިހާރު ހޯދާފައިވާކަން ފައުޒީ ފާހަގަކުރެއްވިއެވެ.
ގަސްހައްދާ ފަރާތްތަކަށް ވަރަށް ރަނގަޅު ޕްރޮޑަކްތަކަށްވާނެ ބޮނބިކުނޑި. ވަރަށް ރަނގަޅު މާކެޓަކަށް ވާނެކަމަށް އަޅުގަނޑޫ ޤަބޫލުކުރަނީ. މި ޕްރޮޑަކްޓް މާކެޓަށް ނެރެ ޚާއްޞަ އަގެއްގައި ފޯރުކޮށްދިނުމަށް މަސައްކަތްކުރަނީ.
-މިފްކޯގެ ސީއީއޯ އިސްމާޢިލް ފައުޒީ
ރާއްޖެއަށް ބާނާ ހުރިހާ މަހެއް ވެސް ވެލިއުއެޑެޑް އުފެއްދުންތަކުގެ ގޮތުގައި އެކްސްޕޯޓް ކުރުން ކަމަށާއި އެކަމަށް ބޮޑު އިންވެސްޓެއް ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ