ފުލުހުންގެ ޚިދުމަތަކީ ޒަމާނީ ޚިދުމަތަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން އަންނަ އަހަރު ބޮޑީ ވޯން ކެމެރާ ބޭނުންކުރުން ފުޅާކުރާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދ ޙަމީދު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެއަހަރު ފުރުމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، މިއަހަރު ޓްރަޔަލްއަކަށް ބޭޏުންކުރި ބޮޑީ ވޯން ކެމެރާއާއި، ލެސްލީތަލް ގަން ނުވަތަ ޓޭޒަރ ގަން ބޭނުންކުރުން ފުޅާކުރުމަށް ނިންމާފައިވާކަމަށެވެ. އެއި މިވަގުތަށް ބޭޏުންކުރެވިދާނެ ވަސީލަތްތަކެއްކަމަށާއި، މިކަމުގެ ސަބަބުން އާންމުންނާ މުއާމާލާތް ކުރުމާއި، ފުލުހުންގެ މިސްކޮންޑަކްޓާ ގުޅޭ ޝަކުވާތައް އަންނަ މިންވަރު މަދުކޮށް، ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ބޮޑުކޮށްދޭނެކަމަށް ސީޕީ ޙަމީދު ވިދާޅުވިއެވެ.

އަންނަ އަހަރު ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރުން ފުޅާކުރާނެކަމަށް ޙަމީދު ވިދާޅުވެފައިވާއިރު، އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގެ އައު ޕްރޮގްރާމްތަކުގެ ތެރެއިން ބޮޑީ ވޯން ކެމެރާއަށް 4 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި 2022 އަހަރު ހަތް މިލިއަނާއި 2023 އަށް 800،000 ލަފާ ކޮށް ބަޖެޓުގައި ކަނޑައަޅަފައިވެއެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގެ ސަލާމަތީ ބާރުތަކުން ވެސް އަންނަނީ ބޮޑީ ކެމެރާ ބޭނުންކުރަމުންނެވެ. ޙަމީދު ވިދާޅުވީ ޓޭޒަރ ގެންގެ އިތުރުން އިތުރު ލެސްލީތަލް ހަތިޔާރު ފުލުހުންގެ ތެރެއަށް ތަޢާރަފްކުރުމުގެ ވިސްނުންވެސް ހުރިކަމަށެވެ.
ކޮމެންޓު ފޮނުވާ