ބަލަމުންދާ މައްސަލައަކާއި ގުޅިގެން ގޭގައި މަޑު ކޮށްލުމަށް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަންގަވާފައިވާ ކަމަށާއި، އަދި ސިޔާސީ ބޭނުމަށް އަބުރު ކަތި ނުލުމަށް އެދިވަޑައިގަންނަވާ ކަމަށް، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.
ރިޔާޒު މިގޮތަށް އެދިވަޑައިގެންފައި ވަނީ، ބަލަމުންދާ މައްސަލައަކާއި ގުޅިގެން އޭނާ މިއަދު ސަސްޕެންޑް ކޮށްފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެފައި ވަނިކޮށެވެ.
ރިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ބަލަމުންދާ މައްސަލައެއްގަ ގޭގަ މަޑުކޮށްލުމަށް ޗީފްއޮފްސްޓާފް އަންގަވާފަވާ ކަމަށާއި އެހެންނަމަވެސް މިއަދާއި ހަމަޔަށް ސަރުކާރުގެ އެއްވެސް ފަރާތަކުން ސުވާލުކޮށްފަނުވާ ކަމަށެވެ. އަދި އޭނާ ވިދާޅުވެފައިވަނީ، ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްވެސް ކަމެއްކޮށްފަނުވާނެކަން ރައްޔިތުންނަށް ޔަޤީންކަން އަރުވާ ކަމަށެވެ.
ބަލަމުންދާ މައްސަލައެއްގަ ގޭގަ މަޑުކޮށްލުމަށް ޗީފްއޮފްސްޓާފް އަންގަވާފަވޭ. މިއަދާއި ހަމަޔަށް ސަރުކާރުގެ އެއްވެސް ފަރާތަކުން ސުވާލުކޮށްފަނުވޭ. ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްވެސް ކަމެއްކޮށްފަނުވާނެކަން ރައްޔިތުންނަށް ޔަޤީންކަން އަރުވަން. ސިޔާސީ ބޭނުމަށް އަބުރުކަތިނުލުމަށް އެދެން.
— Ahmed Riyaz (@Riyaz971967) May 29, 2022
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެފައިވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ރިޔާޒު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް މަބްރޫކް ވިދާޅެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި ރިޔާޒު ސަސްޕެންޑް ކުރީ އޭނާގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލަމުން ދާތީއެވެ. ރިޔާޒުގެ ފަރާތުން މިނިސްޓްރީގައި މަސައްކަތްކުރާ ދެ އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމުގެ ތުހުމަތު އުފުލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރިޔާޒު އަކީ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގުމާ ހަވާލުވެ ހުންނަ އެންމެ އިސް ފަރާތެވެ.
ރިޔާޒަކީ އެމްއެންޕީގެ ނައިބް ރައީސް އަދި ތިމަރަފުށީ ދައިރާގެ މެމްބަރު ރިޔާޒުގެ ކޮއްކޮއެވެ.
ކޮމެންޓު ފޮނުވާ