މާލޭގައި ހުރި އެތައް ޕާކުތަކެއް ޤުރުބާންކޮށް، މިހާލަތުގައި ހުޅުވި ޕާކަކީ ބޮޑު އިސްރާފެއް: ޑރ.ޚަލީލް

މާލޭގައި ހުރި އެތައް ޕާކުތަކެއް ޤުރުބާންކޮށް، މިހާލަތުގައި ހުޅުވި ޕާކަކީ ބޮޑު އިސްރާފެއް: ޑރ.ޚަލީލް

Author
މުޙައްމަދު ޝަޒައިމް
13 ނޮވެމްބަރ 2020 11:48
0

ރައީސް ޔާމީންގެ ވެރިކަމުގައި މާލެ ހިތްފަސޭހަ ތަނަކަށް ހެއްދެވުމަަށް މާލޭގައި ހެދި ހުރިހާ ޕާކަކާއި، މައިޒާންތަކެއް ޤުރުބާންކޮށް ކޯވިޑް-19 ގެ މިހާލަތުގައި ސަރުކާރުން ހުޅުވި ޕާކަކީ ބޮޑު އިސްރާފެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް މިހާރުވެސް ކުރެވިފައިވާ "ލޮނު ޒިޔާރަތް ޕާކު" އަށް ދައުލަތުން ބޮޑު ޚަރަދެއް ކޮށްފައިވާއިރު، މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ޕާކުތަކާއި މައިޒާންތައް މިއަދު ވީރާނަވެ ނެތިދާތަން ފެންނަމުންދާކަމުގައި ޑރ.ޚަލީލް ވިދާޅުވިއެވެ. މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ ކަމާއިއެކު އުޅެވޭނެ މަގު ތަނަވަސް ކޮށްދެއްވުމަށް މަސައްކަތް ކުރާނަމަ އެތައްތަން ވީރާނާވެ ދިއުމަށް ދޫކޮށް ނުލައްވާނެކަމަށް ޚަލީލް ވިދާޅުވިއެވެ. ނަމަވެސް އެއީ ރައީސް ޔާމީން ހެއްދެވި ތަންތަނަށް ވުމުން އެތަންތަނުގެ ބޭނުން ރައްޔިތުން ހިފާތަން ބެލުމަކީ މިސަރުކާރަށް ހަޖަމްވާނެ މަންޒަރެއް ނޫންކަމަށް ޚަލީލް ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ މިހާލަތުގައި އެތައް ރައްޔިތަކު ކައިގެން ބޮއިގެން އުޅެވޭނެ ހާލަތެއްވެސް ނެތްއިރު ސަރުކާރުން މިފަދަ ބޭކާރު ޚަރަދު ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށެވެ. އަތޮޅުތެރޭގެ އެތައް ރައްޔިތަކު މިއަދުވެސް އަސާސީ ބޭނުންތައް ނުފުއްދި ދަތިހާލުގައި ތިއްބައި ވަކި މަޤްސަދެއްގައި ހުޅުވި މިޕާކަކީ ބޮޑު އިސްރާފެއްކަމަށް ޚަލީލް ވިދާޅުވިއެވެ.

ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި، ނައިބް ރައިސް ފައިސަލް ނަސީމްގެ އިތުރުން ސަރުކާރުގެ ވަޒީރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، މާލެ ފަދަ ކޮންކްރީޓުން ބަރާވެފައިވާ ތަނެއްގައި ލޮނުޒިޔާރަތް ޕާކް ކަހަލަ ޕާކެއް ހެދުމަކީ ގިނަ ބަޔަކު ގަބޫލުކުރަމުން އައި ކަމެއް ނޫން ކަމަށެވެ. ޖާގައިގައި 2.5 ހެކްޓަރުގެ ޕާކަށް ދައުލަތުގެ ބަޖެޓުން 16.8 މިލިއަން ރުފިޔާ މިހާތަނަށް ހޭދަކޮށްފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.