ގޭންގުތަކާއި ގުޅުންހުރި ހުރިހާ މައުލޫމާތެއް އެގެން އެބަހުރި! ހައްލެއް ނުހޯދޭ! މިއީ އަރަތެއް!

ގޭންގުތަކާއި ގުޅުންހުރި ހުރިހާ މައުލޫމާތެއް އެގެން އެބަހުރި! ހައްލެއް ނުހޯދޭ! މިއީ އަރަތެއް!

ގޭންގު ކުށްތަކާއި، ގޭންގު މާރާމާރީގެ ވާހަކަތަކަކީ ރާއްޖޭގައި އަލަށް ދެކެވޭ ވާހަކައެއް ނޫނެވެ. އަދި ރަސްމީކޮށް ގޭންގުތައް އުފެދި، އެ ގޭންގުތައް ފާޅުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ވަކީން ޚާއްސަކޮށް ވެރިރަށް މާލޭގައި ހަރަކާތްތެރި ވަމުންދާކަމުގެ ވާހަކައަކީ ސިއްރަކަށް ވެގެން ގޮސްފައި ނުވާއިރު، މިއީ ފުލުހުންގެ މުވައްސަސާއިންވެސް އެކި ފަހަރުމަތިން އެކި ގޮތަށް ދައްކަމުންދާ ވާހަކައެކެވެ.

އަދި ރާއްޖޭގައި ފާއިތުވެދިޔަ 20 ނުވަތަ 18ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ހިނގާފައިވާ މަރުގެ ބޮޑެތި ހާދިސާތަކަށް ބަލާއިރު، މީގެ ތެރެއިން މަރުގެ ގިނަ ހާދިސާތައް ވެރިރަށް މާލޭގައި އުފެދި ހަރަކާތްތެރި ވަމުންދާ ބޮޑެތި ގޭންގުތަކާއި ގުޅުން އޮތްކަން މިއީ މި ހާދިސާތަކާއި ގުޅިގެން ހިންގާފައިވާ ތަހުގީގުތަކުންވެސް ސާފޮކޮށް އެގެންހުރި، އަދި އެމައުލޫމާތުތައް މީސް މިޑިއާގައި ފެންނާން ހުރި މައުލޫމާތުތަކެވެ.

މިގޮތުން ބަލާއިރު، ފާއިތުވެދިޔަ 18 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި މީހުން މެރުމުގެ 70އާއި ގާތްކުރާ އަދަދަކަށް ހާދިސާތައް ހިގާފައި އެބަހުއްޓެވެ. މިފަދަ ގިނަ ހާދިސާތަކަކީ، މަސްތުވާތަކެތީގެ ހާދިސާތަކާއި، ގޭންގު މާރާމާރީތަކާއި ނުވަތަ، މިނޫނަސް މިފަދަ ކަންކަމާއި ގުޅުންހުރި ހާދިސާތައްކަންވެސް ފާހަގަ ކޮށްލެވެއެވެ. މީގެތެރޭގައި އަނިޔާވެރިކޮށް މަރާލެވިފައިވާ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީއާއި، ނޫސްވެރިޔާ ޔާމިން ރަޝީދުގެ އިތުރުން ގެއްލުވާލެފިފައިވާ ރިޟުވާންއާއި މިހެންގޮސް މިފަދަ އެތައް މަރެއް ވަނީ ހިމެނިގެން ގޮސްފައި ވެއެވެ.

އަދި، ފާއިތުވެރިޔަ 8 ވަރަކަށް އަހަރުގެ ތެރޭގައި މިގޮތުން ހިގާފައިވާ ހާދިސާތައް އިތުރުވެފައިވި ނަމަވެސް، ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިސްބަތުން މަރުގެ ހާދިސާތައް ރާއްޖޭގައި ހިގާފައި ހުރި މިންވަރު މަދު ކަމުގައި ދަންނަވާންޖެހެއެވެ.

ވިއަވަތި ކޮންފަރެންސްގައި ގޭންގުތަކާއި ގުޅޭގޮތުން ފުލުހުން ދީފައިވާ މައުލުމާތުތަކަށް ބަލާއިރު, ގޭންގުތަކާއި ގުޅުންހުރި ސާފު ފުރިހަމަ މައުލޫމާތު ފުލުހުންނަށް އެގެންހުރިކަން ސާފުވެގެންދިޔަ

އެހެންނަމަވެސް އެންމެ ބޮޑަށް ފާހަގަ ވާން އޮތްކަމަކީ، ފާއިތުވެދިޔަ 18 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި 60 އަށްވުރެ ގިނަ، އަނިޔާވެރި މަރުގެ ހަދިސާތައް ހިގާފައިހުރިއިރު، މީގެ ތެރޭގައި ހިމެނޭ އެންމެ އަނިޔާވެރި މަރުގެ ގިނަ ހާދިސާތަކަށް އިންސާފު ގާއިމް ކުރެވިފައި ނުވާކަމެވެ.

އަދި މި މަރުތަކަކީ ގޭންގު މާރާމާރީތަކާއި ގުޅުން އޮތް މަރުތަކެއް އެނގި ކަށަރަވަރުވެ، މާލޭގައި ނުރައްކާތެރި ގޭންގުތައް ހަރަކާތްތެރި ވަމުންދާކަމުގެ ރަސްމީ މައުލޫމާތު ޚުދު ފުލުހުން މިއަދު ފޯރުކޮށްދެމުން ދާއިރު، މިމައުލޫމާތުތައް ފުލުހުންގެ ޑޭޓާބޭސްތަކުގައި ރައްކާކުރެވިފައި ހުރުން ފިޔަވާ ނުކުތް އެހެން ނަތީޖާއެއް އެބައޮތްތޯ މިއީ މިއަދު ގިނަޔަކު އުފައްދަމުންދާ ސުވާލެވެ.

 

މާލޭގައި 44 ގޭންގެއް! ވަރަށް ނުރައްކާ 10 ގޭންގެއް!

ފުލުހުންގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވާ، އއ. އުކުޅަހުގައި ކުރިޔަށްދާ ވިއަވަތި ކޮންފަރެންސްގައި ބައިވެރިންނަށް މައުލޫމާތު ދެމުން ފުލުހުންވަނީ މާލޭގައި ގޭންގުތައް ހަރަކާތްތެރި ވަމުންދާ ނިސްބަތާއި ގުޅުންހުރި ގިނަ މައުލުމާތުތަކެއް ފޯރު ކޮށްދީފައެވެ. މި ކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ، މާލޭގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރި ވަމުންދާ ގޭންގުތައް ގިނަ ކަމަށާއި، އަދި އޭގެ ތެރޭގައި ހިމެނޭ 10 ގޭންގަކީ ނުރައްކާ ބޮޑު ގޭންގުތައް ކަމެވެ.

އަދި ފުލުހުންގެ ފަރާތުން ހާމަ ކޮށްފައިވާ ގޮތުގައި، 1990 ވަނަ އަހަރުން ފެށިގެން މާލޭގައި އެކަނިވެސް 44 ގޭންގެއް އުފެދި ހަރަކާތްތެރި ވަމުންދާ ކަމަށާއި، މި ގޭންގުތަކަށް ނިސްބަތްވާ 2،800 އަށްވުރެ ގިނަ މީހުން (މެންބަރުން) ތިބި ކަމަށެވެ. އަދި މީގެ ތެރޭގައި އެކި ގްރޫޕުތަކަށް ނިސްބަތްވާ 60 ކުޑަކުދިންވެސް ހިމެނޭކަން ފުލުހުން ހާމަ ކޮށްފައި ވެއެވެ.

މި ކޮންފަރެންސްގައި ފުލުހުން ފޯރު ކޮށްދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކޮންމެ ދުވަހަކުވެސް މަގުތަކަށް ނުކުމެ މާރާމާރީ ހިންގާ، އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ޢަމަލީގޮތުން ހަރަކަތްތެރިވާ 9 ގޭންގު ފާހަގަކުރެވިފައި ވެއެވެ. މިފަދަ 44 ގޭންގުގައި 2800އަށްވުރެ ގިނަ މީހުން ލިސްޓް ކުރެވިފައި ވާއިރު، އޭގެތެރެއިން ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ 1300އެއްހައި މީހުން އުޅޭކަމަށްވެސް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

ރާއްޖޭގައި ގޭންގުތައް ހަރަކާތްތެރި ވަމުންދާ ގޮތުގެ ފުރިހަމަ މައުލޫމާތު މި ކޮންފަރެންސްގައި ހިއްސާ ކުރައްވަމުން ފުލުހުންގެ ފަރާތުން ވިދާޅުވެފައިވަނީ، ކުރިއާ އަޅާބަލާއިރު ގޭންގްތަކުން މީހުން މެރުމާއި މާރާމާރީ ހިންގުން ވަރަށް ބޮޑުތަނުން މިއަދު ވަނީ މަދުކޮށްފައެވެ. ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ، އެ މީހުން ކުށްތަކަށް އަރައިގަނެ ހިންގާ ވިޔަފާރިތައް ސިއްރު ކުރުމަށް ބޭނުންވާތީ ކަމުގައެވެ. އަދި މިފަދަ ހާލަތްތަކުގައި ގޭންގުތަކުން ބޮޑަށް ބަލަމުން ދަނީ މައްސަލައެއް ދިމާވިޔަސް ގޭންގްތަކުގެ ލީޑަރުން ވާހަކަ ދައްކައިގެން ހައްލު ކުރުމަށް ކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

ރ. މީދޫ އަނަސް މަރާލެވިފައިވަނީ، ވަރަށް އަނިޔާވެރިކޮށް، ގޭންގުތަކަށް ނިސްބަތްވާ ބަޔަކު ދިން ހަމަލާ ތަކެއްގައި

އަދި ގޭންގްތަކުން މީގެކުރިން މާރާމާރީ ހިންގަމުން އަންނަ ގޮތާއި މިހާރު ހަރަކާތްތެރިވަމުން އަންނަ ގޮތް ވެސް ވަރަށް ބޮޑަށް ތަފާތު ވެފައިވާކަމަށް ވިދާޅުވެ ފުލުހުން ހާމަކުރި ގޮތުގައި، ކަނޑި އާއި ދަގަނޑާއި އެހެން ވެސް ތޫނު ހަތިޔާރުު ފާޅުގައި ހިފައިގެން ނުކުމެ މާރާމާރީ ހިންގުމުގެ ބަދަލުގައި މި ފަހުން ފެންނަމުންދަނީ ތޫނު ހަތިޔާރު ފޮރުވައިގެންތިބެ ނުކުމެ ގޭންގުތަކުން މީހުންނަށް ހަމަލާ ދޭތަން ކަމުގައެވެ.

މި ކޮންފަރެންސްގައި، މާލޭގައި ހަރަކާތްތެރި ވަމުންދާ ގޭންގުތަކުގެ އިތުރުން މި ގޭންގުތައް އަތޮޅުތަކަށް ފުޅާވެގެން ގޮސްފައިވާ މިންވަރާއި، ފައިސާ ހޯދާ ގޮތްތަކާއި، ރެކްރޫޓު ކުރާ ގޮތްތަކާއި، ނުފޫޒު ފެތުރިފައިވާ މިންވަރާއި، އަދި މިނޫނަސް ތަފާތު އެތައް މައުލުމާތެއް ފުލުހުން ހިއްސާ ކޮށްފައި ވެއެވެ.

ފުލުހުން ވިދާޅުވެފައިވާ ގޮތުގައި، ގޭންގުތަކުގެ ޙަރަކާތްތައް އަތޮޅުތަކަށް ފުޅާވެގެން ގޮސްފައިވާއިރު، މެދުރާއްޖެ ތެރޭގައި 197 މީހަކު ގޭންގުތަކުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ. އަދި މިގޭންގުތަކުގެ، އިސް ސަފުގައި 6 މީހަކާއި އަދި 3 ކުޑަކުދިން އުޅޭކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެމީހުންގެ އާއިލާގެ ފަރާތްތަކުން ނުވަތަ އެހެން ބަޔަކު ނަމަވެސް އެ ގޭންގުތައް ފުޅާކުރާނެކަމުގެ ބިރުވެރިކަން އޮތްކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

ގޭންގުތަކަށް އާމްދަނީ ހޯދުމަށް، ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަވާރި ކުރާކަމަށާއި، ދައުލަތުގެ ގުނަންތަކުގެ ތެރެއަށް ނުފޫޒާއި ބާރު ފަތުރާ އަދިި ސިޔާސީ މީހުންނާ އޮންނަ ގުޅުންވެސް ފުޅާކުރަމުން އަންނަކަންވެސް ފުލުހުން ހާމަކޮށްފައި ވެއެވެ. އަދި ވަކީލުންނަށް ބޮޑެތި ޢަދަދުތަކުން ފައިސާދީގެން ޝަރުޢީ ދާއިރާއަށް އަތްގަދަކުރުމަށް އެ ގޭންގުތަކުން މަސައްކަތްކުރާކަމަށްވެސް މި ކޮންފަރެސްގައި ގޭންގުތަކާއި ގުޅުންހުރި ތަފްސީލީ މައުލޫމާތު އާންމުކުރައްވަމުން ފުލުހުން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރަށް، ގޭންގުތަކަށް މީހުން ރެކްރޫޓް ކުރާ ގޮތުގެ ތަފްސީލް ހާމަކުރައްވަމުން ފުލުހުން ވިދާޅުވެފައިވަނީ، މީސްމީޑިއާ ބޭނުންކޮށްގެން މީހުން ރެކްރޫޓްކުރުމުގެ މަސައްކަތާއި، މަގުތައްމަތީގައިވެސް މީހުން ރެކްރޫޓްކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމުގައެވެ.

ފާއިތުވެދިޔަ ތަނުގައި ގޭންގުތަކުން ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ މައުލޫމާތު ހާމަ ވެގެންދިޔަ މި ކޮންފަރެންސްގައި ފުލުހުން ވިދާޅުވެފައިވަނީ، ރުޅި އާއި ބަދަލު ހިފުމުގެ ރޫހުގައި ގޭންގުތަކުން ހިންގާފައިވާ ހަމަނުޖެހުންތަކުގައި ޖުމްލަ 31 މީހަކު މަރާލާފައިވާ އިރު އޭގެ ތެރޭގައި "އޮޅިގެން" ވަޅި ހަރައި މަރާލި ހަ މީހުން ހިމެނޭ ކަމުގައެވެ.

ގޭންގުތަކާއި ގުޅުންހުރި ފިރުހަމަ މައުލުމާތު ހުރެމެ, ހައްލެއް ހޯދިފައި ނުވާ ސަބަބެއް ފުލުހުން ހާމަ ކޮށްފައެއް ނުވޭ

 

ނޭގޭ އެއްވެސް މައުލޫމާތެއް ނެތް! ހައްލު ނުވުމުގެ ޒިންމާ ފުލުހުން އުފުލާކަށް ނުޖެހޭތަ؟

މައްސަލައެއް ހައްލު ކުރުމުގައި އަބަދުވެސް ބޭނުންވަނީ، އެކަމުގެ ފުރިހަމަ މައުލޫމާތު ދެނެ ގަތުމެވެ. ނުވަތަ ކުށެއްގައި ތުހުމަތު ކުރެވޭ މިހަކު ހިފާ ހައްޔަރު ކުރުމުގައި އެންމެ ފުރަތަމަ ބޭނުންވަނީ އެއީ ކާކުކަން ދެނެގަތުމާއި، އެމީހަކު ކުރަމުންދާ ކުށަކީ ކޮބައިކަމާއި އެކަމުގެ ހެކި އަތުލައިގަތުމެވެ. އެހާތަނުން، އެމީހަކު ނުވަތަ އެބަޔަކު ފުލުހުންގެ ބެލުމެގެ ދަށަށް ގެނެސް، އެކުށަކުން އާންމު ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ފުރިހަމަ ޒިންމާ ފުލުހުން އުފުލާން ޖެހުމަކީ ފުލުހުންގެ މައްޗަށް އޮންނަ ގާނޫނީ ޒިންމާއެކެވެ.

އއ. އުކުލަހުގައި ކުރިޔަށްދާ ވިއަވަތި ކޮންފަރެންސްގައި ރާއްޖޭގައި ހަރަކާތްތެރި ވަމުންދާ ގޭންގުތަކާއި ގުޅޭގޮތުން ފުލުހުން ފޯރު ކޮށްދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، ވެރިރަށް މާލެ ހިމެނޭ ގޮތުން މުޅި ރާއްޖޭގައި އޮޕަރޭޓް ވަމުންދާ ގޭންގުތަކާއި ގުޅޭގޮތުން ފުލުހުންނަށް ނޭގޭ އެއްވެސް މައުލުމާތެއް އޮތް ކަމަކަށް ބެލެވޭނެ އެއްވެސް ޖާގައެއް ނެތެވެ.

މީގެތެރޭގައި، ގޭންގުތަކަކަކީ ކޮބައިކަމާއި، ހަރަކާތްތެރި ވަމުންދާ ތަންތަނާއި، ލީޑަރުންގެ އަދަދާއި، އޭގެ ތެރޭގައި ހިމެނޭ ކުޑަ ކުދިންގެ އަދަދާއި، ރެކްރޫޓް ކުރަމުންދާ ގޮތްތަކާއި، ނުފޫޒު ފަތުރަމުންދާ ގޮތްތަކާއި، ނުފޫޒު އޮތް މިންވަރާއި، މާރާމާރީ ހިންގާ ގޮތްތަކާއި، ގޭންގުތަކުގެ މެމްބަރުންގެ އަދަދާއި، އަދި އެންމެ ކުޑަމިނުން އެންމެ ނުރައްކާތެރި ގޭންގުތަކުގެ އަދަދާއި އެ ގޭންގުތައް ހަރަކާތްތެރި ވަމުންދާ ތަންތަނާއި ފަންޑު ކުރާ މީހުންނަށް ދަންދެން ފުލުހުން ވަނީ އެ މައުލޫމާތުތައް ފުރިހަމައެއް އެއްކޮށް ރައްކާކޮށްފައެވެ.

އެހެންކަމުން، ސިޔާސީ ހަރަކާތްތަކަށް ފަންޑުކުރާ މީހުން ކޯޓު އަމުރުގެ ދަށުން ހައްޔަރު ކުރެވޭއިރު، ގޭންގުތަކަށް ފަންޑުކުރާ، އޮފަރޭޓް ކުރާ، އަދި ވެރީންވެސް ފުލުހުންނަށް އެނގެން ހުރިއިރު، މި ފަރާތްތައް ކޯޓު އަމުރުގެ ބޭނުންކޮށްގެން ފުލުހުން ހަޔަރު ކުރަމުން ނުދަނީ ކޮންސަބަބާ ހެދިތޯ މިއީ މިއަދު ސާފުވާން ޖެހިފަ އޮތް ކަމެކެވެ.

ސިޔާސީ ހަރާކާތްތަކަށް ފަންޑު ކުރާ މީހުން ހިފާ ހައްޔަރު ކުރަމުން ދާއިރު, ގޭންގުތަކަށް ފަންޑު ކުރާ މީހުން އެނގިތިބެމެ ހައްޔަރު ނުކެރެވެނީ ކީއްވެތޯ ގިނަބަޔަކު ސުވާލު ކުރޭ

އެހެންނަމަވެސް ފުލުހުންގެ މުވައްސަސާއިން ވިދާޅުވަމުން ގެންދަވަނީ، 2 ކިލޯ މީޓަރު ހަމަނުވާ ކުޑަ ސަރަހައްދެއްގައި (ވެރިރަށް މާލޭގައި) 44 ގޭންގަކާއި، އަދި ފުލުހުންނަށް އެއީ ކޮން ގޭންގުތަކެއްކަން އިގޭ، ނުރައްކާތެރި 10 ގޭންގެއް ހަރަކާތްތެރި ވަމުން ދާއިރުވެސް، މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.

އެންމެ ކުޑަމިނުން، ރަސްމީ ހައިސިއްޔަތުން، ގޭންގުތައް އޮޕަރޭޓް ކުރުމަކީވެސް ގާނޫނުން ހުއްދަ ކޮށްފައިވާ ކަމަކަށް ނުވާއިރު، އޮޕްރޭޓްވާ ގޭންގުތަކަކަކީ ކޮބައިކަން ފުރިހަމަޔަށް އެނގި ތިބެމެ، އެގޭންގުތަކުގެ މައުލޫމާތު ރައްކާތެރިކަމާއެކު ބަހައްޓަމުން، 5 އަހަރުގެ ދައުރެއް މިނިގެން ދާއިރުވެސް، ހައްލު ކުރެވޭތޯ ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވުމަކީ، ހަގީގަތުގައި ވެސް ވަރަށް ބޮޑު އިހުމާލެއް ކަމުގައި މެނުވީ ތަރުޖަމާ ކުރެވެން އެބަ އޮތް ބާވައެވެ. މިއީ ފުލުހުންގެ އަމިއްލަ އިހުމާލުގެ ވާހަކަ އެއިދާރާއިން އަމިއްލައަށް ހާމަކުރި ކުރުމެއްގެ ގޮތުގައި މެނުވީ ބެލެންވެން އެބަ އޮތްތޯއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *