މުދާ އަރުވައިގެން ދަތުރުކުރާ ޕިކަޕު / ލޮރީ ފަދަ އުޅަނދުތަކުން ވައްކަން ކުރަމުންދާކަމުގެ މައްސަލަ ފުލުހުންނަށް ހުށައަޅާ މިންވަރު އިތުރުވާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ، މުދާ އަރުވައިގެން ދަތުރުކުރަމުންދާ ޕިކަޕު ނުވަތަ ލޮރީ މަގުމަތީގައި މަޑުކޮށްގެން އޮންނައިރު އެ އުޅަނދުތަކުގައި ހުންނަ މުދާ ވަގަށްނަގައެވެ. އެންމެ ފަހުން ރިޕޯޓުކޮށްފައިވާ މިފަދަ މައްސަލައަށް ބަލާއިރު، ވަގަށް ނަގާފައިވަނި ސިނގިރެޓް ކޭސްތަކެއް ކަން ފާހަގަކުރެވިފައިވާކަމަށެވެ.
އެހެންކަމުން، މުދާ އަރުވައިގެން ދަތުރުކުރާ ފަރާތްތަކުން މިފަދަ ކަންކަމަށް ސަމާލުކަންދެއްވައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް އިލްތިމާސްކުރާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދާދިފަހުން ވަނީ ބަނދަރުތަކުގައި އަޅަފައި އޮންނަ ބޯޓު ފަހަރަށް އެރުވުމަށް ގެންދާ މުދާ އެ ސަރަހައްދުތަކުން ވަގަށް ނަގާތީ އެކަމަށްވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ