މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ހިންގާ ގަވާއިދުގައި އެތުލީޓުންނަށް ބާރު ލިބޭގޮތަށް މިދިޔަ އަހަރު އުފެއްދި އެތުލީޓްސް ކޮމިޝަނަށް ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން އެތުލީޓް ހަސަން ސާއިދު އާއި ކާމިޔާބު ފެތުންތެރިޔާ އައިމިނަތު ސަޖަން ހޮވައިފިއެވެ.
ގިނަ ބާރުތަކެއް ލިބޭގޮތަށް އުފެއްދި އެތުލީޓްކްސް ކޮމިޝަނުގެ ފަރާތުން ދެން އޮންނަ އޮލިމްޕިކް ކޮމިޓީގެ އެނުއަލް ޖެނެރަލް އެސެމްބްލީގައި ސަޖަން އާއި ސާއިދު ބައިވެރިވާނެ އެވެ. އެތުލީޓްސް ކޮމިޝަނެއް އުފެދިގެން ދިއުމަކީ ކުޅިވަރުގައި ބަސްބުނުމުގެ ހައްގު ކުޅުންތެރިންނަށް ލިބި ކުޅުންތެރިންގެ ދައުރު އިތުރަން ފުޅާވެގެންދާނެ ކަމެއް ކަމަށް އޮލިންޕިކް ކޮމެޓީގެ މިދިޔަ ޖެނެރަލް އެސަންބްލީގައި ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް ވަނީ ވިދާޅުވެފައެވެ.
ސާއިދު އަކީ ރާއްޖެ އަށް މިހާތަނަށް ބައިނަލްއަގުވާމީ މުބާރާތްތަކުން މެޑަލަށާއި ކާމިޔާބަށް ބަލާއިރު އެންމެ ބޮޑެތި ވަނަތައް ހޯދައިދިން އެތުލީޓެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 2015 ވަނަ އަހަރުގެ މުބާރާތުގައި 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ރާއްޖެ އަށް ބައިނަލްއަގްވާމީ ގޭމްސްއަކުން ފުރަތަމަ ރަން މެޑަލް ހޯދައިދިނީ ސާއިދު އެވެ.
ސަޖަން އަކީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 800 މީޓަރު ފްރީސްޓައިލް ފެތުމުގެ އިވެންޓުން ރާއްޖެ އަށް ލޯ މެޑަލް ހޯދައިދީ ސަރަހައްދުގެ ގޭމްސް އެއްގައި ސްވިމިން އިން ރާއްޖެ އަށް ގެނައި ފުރަތަމަ މެޑަލް ހޯދައިދިން ފެތުންތެރިޔާ އެވެ.
މި ދެ އެތުލީޓުން ވެގެންދާނީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި އެތުލީޓްސް ކޮމިޝަނުގެ ގޮތުގައި އެމްއޯސީގެ ޖަލްސާއެއްގައި ބައިވެރިވާ ފުރަތަމަ ދެ އެތުލީޓުންނަށެވެ.