ފާއިތިވެދިޔަ އެމްޑީޕީގެ ޗެއަރޕާރސަން އިންތިޚާބަކީ، އެ ޕާރޓީގެ ތާރީޚުގައިވެސް ބޭއްވިގެންދިޔަ އެންމެ ވާދަވެރި އެއް އިންތިޚާބެވެ. އަދި މި އިންތިޚާބަކީ މުޅި ރާއްޖޭގައި ކެމްޕޭންކޮށް، ވާދަކުރި ދެ ކެނޑިޑޭޓުން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކޮށްގެން ބޭއްވިގެންދިޔަ އިންތިޚާބަކަށް ވާއިރު، މި އިންތިޚާބު އާދަޔާ ޚިލާފަށް ވާދަވެރިވާން މެދުވެރިވީ ހަގީގީ ސަބަބަކަށް ވެގެން ދިޔައީ، މިއިންތިޚާބަކީ ޕާޓީގެ އެންމެ އިސް ދެބޭފުޅުން ކަމުގައިވާ ރައީސް ސާލިހާއި ރައީސް ނަޝީދާއި ދެބޭފުޅުންގެ ވާދަވެރިކަމަށް މިއިންތިޚާބު ވެގެން ދިޔަދިއުމެވެ.
މިގޮތުން، އިންތިޚާބުގައި ވާދަ ކުރެއްވި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރައީސް ސާލިހުގެ ފުރިހަމަ ތާއީދާއެކީ ކެމްޕޭން ކުރައްވާފައިވާއިރު، ދެން ވާދަކުރެއްވި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އިންތިޚާބުގައި ވާދަކުރައްވާފައިވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކީއެވެ. މި ދެކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ދެރައީސުން ފާޅުގައި ނިކުންނަވާ ކެމްޕޭން ކޮށްދެއްވާފައި ނުވިނަމަވެސް، އެއްވެސް ފޮރުވުމެއްނެތި، ދެ ރައީސުންވެސް އެބޭފުޅެއްގެ ކެނޑިޑޭޓަށް ތާއީދު ހޯއްދެވުމަށް އެކި ގޮތްގޮތުން ފާޅުގައި މަސައްކަތް ކުރައްވާފައިވެއެވެ.
ރައީސް ސާލިހު ތާއީދު ކުރެއްވި ފައްޔާޒު އިސްމާއިލްގެ ކެމްޕޭނުގައި ކެބިނެޓްގެ ގިނަ ވަޒީރުންނާއި، މަޖިލިސް މެމްބަރުންނާއި، ކުންފުނިޔަކުގެ އެމްޑީންގެ އިތުރުން ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ގިނަ ބޭފުޅުން އަމަލީ ގޮތުން އުޅުއްވާގައި ވާއިރު، ނަޝީދުގެ ކެނޑިޑޭޓަށް ތާއީދު ހޯއްދެވުމަށް ޕާޓީގެ އިސް ސަފުގައި ތިއްބެވި، ނަޝީދަށް އިޚްލާސްތެރި ބައެއް ބޭފުޅުން އަމަލީގޮތުން ހަރަކާތްތެރި ވެފައި ވެއެވެ.
އެހެންނަކަމުން، މި ވާދަވެރި ކެމްޕޭނުން ފާހަގަވެގެން ދިޔަ އެއްކަމަކީ، ފާއިތުވެދިޔަ ތަނުގައި ބޭއްވިގެންދިޔަ ޕާޓީގެ އެތެރޭގެ ގިނަ އިންތިޚާބުތަކާއި ޚިލާފަށް، މި އިންތިޚާބުގައި، ދެޓީމުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އިންތިޚާބުގެ ކެމްޕޭނުގައި މުޅި ޕާޓީ މޮބިލައިޒް ވެފައި އޮތް ކަމެވެ.
އޭގެ މާނައަކީ، އިންތިޚާބުގައި ދެ ފެކްޝަންނުން ކުރި މަސައްކަތުން ނުކުތް ނަތީޖާއިން، މުޅި ރާއްޖޭގައި އެމްޑީޕީއަށް އޮތް ހަގީގީ ތާއީދު ވަޒަން ކުރުމުގެ ފުރުސަތު އޮތްކަމުގައި ގަބޫލުކުރަން ޖެހެއެވެ.

ސަބަބަކީ، ވަކީން ޚާއްސަކޮށް ޗެއަރޕާސަން ހޮވަން ކުރެވިގެންދިޔަ ކެމްޕޭނަކީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނެކޭ އެއްފަދައިން މުޅި ރާއްޖެއަށް ފެތުރިގެންދިޔަ، އަދި ދެކެނޑިޑޭޓުން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް، ޕާޓީގެ މެމްބަރުންނާއި ބައްދަލުކޮށް، މުޅި ޕާޓީ ކެމްޕޭނުގައި ޝާމިލްވެގެންދިޔަ ކެމްޕޭނަކަށް ވާތީއެވެ.
މާލެއިން ފެންނަމުންދާ ބޮޑު ބަދަލު؟
އެމްޑީޕީ ވުޖޫދުވުމަށްފަހުވެސް އަބަދުވެސް ފަޚުރިވެރިކަމާއެކު، އެޕާޓީއަށް އެންމެ ވަރުގަދަ ތާއީދެއް އޮތް ސިޓީއެއްގެ ގޮތުގައި މަޝްހޫރު ކުރަމުންދާ އެއް ސިޓީއަކީ މާލޭ ސިޓީއެވެ.
އަދި ވަކީން ޚާއްސަކޮށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އެންމެ ބޮޑު ތާއީދެއް އޮތް ސިޓީގެ ގޮތުގައި އެޕާޓީން ދެކެމުންދާ ސިޓީއަކީ، ރާއްޖޭގެ ވެރިކަންކުރާ، އަދި އެންމެ ބޮޑު އާބާދީއެއް އޮތް، މާލޭ ސިޓީއެވެ. މިބީދައިން އެމްޑީޕީން ނުދެކެންވީ ސަބަބައެއްވެސް ނެތްކަމުގައި ދަންނަވާން ޖެހެއެވެ.
ފާއިތުވެދިޔަ ސަރުކާރުތަކާއި ދެކޮޅަށް އެމްޑީޕީން އެންމެ ބޮޑެތި މުޒާހިރާތައް ބާއްވާފައިވަނީ މާލޭ ސިޓީގައެވެ. 2012ވަނަ އަހަރު ނަޝީދުގެ ވެރިކަން ވެއްޓި ދިއުމަށްފަހު، މާލޭގެ މަގުތަކަށް އެތައްހާސް އާންމު ރައްޔިތުން ނެރެގެން ބާއްވާމުން އައިސްފައިވާ ބޮޑެތި މުޒާހިރާތަކާއި، އަދި ފާއިތުވެދިޔަ ހުރިހާ ދައުރެއްގައިވެސް މާލޭ ސިޓީގެ މޭޔަރުކަމާއި، އެ ކައުންސިންގެ ގިނަ މެމްބަރުން އެމްޑީޕީއަށް ނިސްބަތްވަމުން އައި އައުމާއި، އަދި އޭގެ އިތުރުން، ފާއިތުވެދިޔަ ދައުުރުތަކުގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ކުރެއްވި ގިނަ މެމްބަރުންވެސް އެޕާޓީއަށް ނިސްބަތް ވުން ހަގީގަތުގައިވެސް ތަރުޖަމާ ކުރަންޖެހެނީ، މާލޭ ސިޓީގައި ފެށުނީއްސުރެ އެޕާޓިއަށް އޮތް ބޮޑު ތާއީދާއި އޮތް ވަރުގަދަ ގްރާސް ރޫޓުގެ ގޮތުގައެވެ.
އަދި އޭގެ އިތުރުން، ކޯލިޝަން ހަދައިގެން އެޕާޓީ އިސްވެ އޮވެ ދެފަހަރަކަށް ވެރިކަމަށް އާދެވުނު އިރުވެސް، މާލެ ވެގެންދިޔައީ އިންތިޚާބުތަކުގައި ކޯލިޝަންއިން ބޮޑު ކާމިޔާބެއް ހޯދި މުހިންމު ސަރަހައްދެއްގެ ގޮތުގައިވެސް މެއެވެ.
އެހެންނަމަވެސް، ފެށުނީއްސުރެ އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް ކަމަށް އެޕާޓީން އަދިވެސް ދައުވާ ކުރަމުން އަންނަ، ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތް މާލޭސިޓީގެ މަލަމަތި ބަދަލު ވެއްޖެ ކަމުގެ އަލާމާތްތައް ފަހަކަށް އައިސް ބާއްވަމުން އަންނަ އިންތިޚާބުތަކުން މިވަނީ ފެންނާން ފަށާފައެވެ.
އެމްޑީޕީއަށް މާލޭގައި ތާއީދު އޮތްކަމަށް އެ ޕާޓީން އަދިވެސް ބުނަމުން އައިނަމަވެސް، ފަހަކަށް އައިސް ބޭއްވެމުންދާ އިންތިޚާބުތަކުން އެމަންޒަރު އެގޮތުގައި ފެންނާން ނެތް ކަމުގައި ދަންނަވާން ޖެހެއެވެ. މިއީ ހިސާބުތަކުން ފެންނާން ހުރި ހަގީގަތްތަކެވެ.
މީގެ އެންމެ ފުރަތަމަ ހެއްކަކަށް ފެންނާން އޮތީ ފާއިތުވެދިޔަ 2021 ވަނަ އަހަރު ބޭއްވިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބެވެ. މިއިންތިޚާބުގައި މާލޭސިޓީގެ މޭޔަރުކަން ކައުންސިލްގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ގެއްލިގެން ދިޔައެވެ. ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒު މި އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަނަސް އަބުދުއްސައްތާރާއި ވާދަކޮށް، %61.47ގެ ބޮޑު އައުލަބިއްޔަތަކުންނެވެ. މި އިންތިޚާބުގައި މާލެއިން ވޯޓުލީ 15،000 މީހުންގެ ތެރެއިން ޑރ. މުއިއްޒު 9،300 ވޯޓު ކާމިޔާބު ކުރެއްވިއިރު، އަނަސް އަބުއްސައްތާރަށް ކާމިޔާބު ކުރެއްވުނީ އެންމެ 5،500އެއްހާ ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ %36.82 އެވެ.

އަދި މިއިންތިޚާބުގައި މާލޭގެ ސިޓީ ކައުންސިލްގެ 18 ގޮނޑީގެ ތެރެއިން 12 ގޮޑި، އެމްޑީޕީ ބަލިކޮށް އިދިކޮޅު ޕީޕީއެމްއިން ކާމިޔާބު ކޮށްފައިވެއެވެ.
އެހެންނަމަވެސް މިއިންތިޚާބުގައި އެމްޑީޕީ މާލޭގެ ނަތީޖާއިން ބޮޑު ބައްޔަކުން ބަލިވުމުން، އެއީ މާލޭގެ ތާއީދު އެޕާޓީއަށް ނެތިގެންދިޔަ ދިއުމެއްގެ ގޮތުގައި އެޕާޓީން ގަބޫލު ކޮށްފައެއް ނުވެއެވެ. އެމްޑީޕީގެ އިސް ފަރާތްތަކުން އޭރު ބުނެފައިވަނީ، އެއީ އޭރު ކުރެވިގެން ދިޔަ ކޮރަޕްޝަންގެ ބައެއް ތުހުމަތުތަކާއި ގުޅިގެން އެޕާޓީއަށް ކުރިމަތިވެގެންދިޔަ ނާކާމިޔާބީއެއް ކަމުގައެވެ.
ދަފްތަރުގައި 13 ހާސް މެމްބަރުން، ޗެއަރޕާސަން އިންތިޚާބުގައި ވޯޓު ލާފައިވަނީ އެންމެ 4،800 މީހުން!
2021ވަނަ އަހަރު ބޭއްވިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި، ގިނަ ބަޔަކު ހީކުރި ގޮތާއި ޚިލާފަށް އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހިފައި ވަނިކޮށް، އެއަށްފަހު އައި އެންމެ ފޯރިގަދަ އިންތިޚާބަކަށް ވެގެންދިޔައީ ފާއިތުވެދިޔަ ހަފްތާގައި ނިމިގެންދިޔަ، އެޕާޓީއަށް ޗެއަރޕާސަންއަކު އިންތިޚާބު ކުރުމަށް ބޭއްވިގެންދިޔަ ޕާޓީގެ އެތެރޭގެ އިންތިޚާބެވެ.
މިއިންތިޚާބަކީ، ޕާޓީގެ ދެފެކްޝަންގެ މެދުގައި ކުރެވިގެންދިޔަ ފޯރިގަދަ ކެމްޕޭނަކަށްފަހު ބޭއްވިގެންދިޔަ އިންތިޚާބަކަށް ވުމާއެކު، ގަބޫލުކުރަން ޖެހޭ އެއް ހަގީގަތަކީ، ޕާޓީއަށް ތާއީދުކުރާ ގިނަބަޔަކު މިއިންތިޚާބުގައި ވޯޓުލާން ނިކުމެފައިވާނޭކަމެވެ. ސަބަބަކީ ދެކެމްޕޭނުންވެސް، ޕާޓީގެ މެމްބަރުން ވޯޓުލާން ނެރުމަށް ގަދައަޅާ މަސައްކަތްވެސް ކޮށްފައި ވާތީވެސްމެއެވެ.
އަދި ހަމަ އެއާއެކު ފާހަގަ ކޮށްލާންޖެހޭ އެންމެ މުހިންމު އަނެއް ކަމަކީ، ފާއިތުވެދިޔަ ހަފްތާގައި ނިމިގެންދިޔަ ޗެއަރޕާސަން އިންތިޚާބުގައި މާލެއިން ވޯޓު ލާފައިވާ މީހުންގެ ނިސްބަތާއި، އޭގެ ކުރިން ބޭއްވިގެންދިޔަ ލޯކަލް ކައިންސިލް އިންތިޚާބުގައި، މޭޔަރުކަމަށް އެމްޑިޕީން ވާދަކުރި އަނަސް އަބުދުއްސައްތާރަށް ލިބިގެންދިޔަ ވޯޓުގެ އަދަދެވެ.
2021ވަނަ އަހަރުގެ އެޕްރިލްމަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓަށް އޭރު ލިބިފައިވަނީ، އެފަހަރު މާލެއިން ވޯޓުލީ މީހުންގެ %36.82އެވެ. އެއީ އެއިންތިޚާބުގައި ވޯޓު ލާފައިވާ 15،000 މީހުންގެ ތެރެއިން 5،500 މީހުންގެ ވޯޓެވެ. ހަމައެއާއެކު ފާއިތުވެދިޔަ ހަފްތާގައި ނިމިގެން ދިޔަ، އެމްޑީޕީގެ ޗެއަރޕާރސަން އިންތިޚާބުގައި މާލޭގެ ހުރިހާ ދާއިރާތަކުން ވޯޓުލާން ނުކުމެފައިވާ އެޕާޓީގެ މެމްބަރުންގެ އަދަދަކީވެސް ހަމަ މިއަދާއި ދާދި ގާތްކުރާ އަދެއްކަން ހިސާބުތަކަށް ބަލާލުމުން ފެންނާން އެބައޮތެވެ. އެއީ 4،799 މެމްބަރުންނެވެ.

އެހެންކަމުން، އެމްޑީޕީން އެޕާޓީއަށް ބޮޑު ތާއީދެއް އޮތްކަމަށް އަބަދުވެސް ވަކާލާތު ކުރަމުންދާ މާލެއިން އެޕާޓީގެ ދަފްތަރުގައި 13،125 މީހުން ތިބިކަމަށް ބުނަމުން އައިނަމަވެސް، އަދި ފާއިތުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެޕާޓީއަށް މާލެ ގެއްލިގެން ދިޔައީ ޕާޓީގެ ގިނަ ބަޔަކު ވޯޓުލާން ނުނުކުތުމުގެ ސަަބަބުންކަމުގައި ޕާޓީގެ އިސް ފަރާތްތަކުން ބުނަމުން އައިނަމަވެސް، ފާއިތުވެދިޔަ ދެ އިންތިޚާބުގައި ވޯޓުލާފާއިވާ މީހުންގެ ނިސްބަތަށް ބަލާ، ހިސާބުތައް ރަގަޅަށް ވަޒަން ކޮށްލުމުން ފާހަގަވާން އޮތް ކަމަކީ، އެޕާޓީން ވަކާލާތުކުރާ ވަރުގެ ތާއީދެއް ވެރިރަށް މާލޭގައި އެޕާޓީއަށް ނެތްކަމެވެ.
އަދީ ޕާޓީގެ މާލޭގެ ދަފްތަރުގައި އެޕާޓީގެ 13 ހާސް މެމްބަރުން ތިބިކަމަށް ދެއްކި ނަމަވެސް، ވެރިރަށް މާލޭގައި އެޕާޓީގެ ހަގީގީ މެމްބަރުންގެ އަދަދަކީ 5،000 މެމްބަރުންކަން އެއީ ހިސާބުތަކުން ފެންނާން އޮތް، އަދި ފާއިތުވެދިޔަ ދެ އިންތިޚާބުންވެސް ސާފުވެގެންދިޔަ އެއް ހަގީގަތްކަމުގައި ދަންނަވާން ޖެހެއެވެ.
މާލެ ބަދަލުވީ ކީއްވެ؟
މާލެއަކީ އެމްޑީޕީން އެޕާޓީއަށް އެންމެ ބޮޑު ތާއީދެއް އޮތް ސަރަހައްދު ކަމުގައި ފާއިތުވެދިޔަ ތަނުގައި މަޝްހޫރުކުރަމުން އައި، ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތް ސިޓީކަމުގައި ވާއިރު، މިހަގީގަތް މިއަދު ބަދަލު ވެއްޖެ ކަމުގައި މިއޮތީ ގަބޫލުރަން މަޖުބޫރު ވެފައެވެ. އެއީ ހިސާބު ކިތާބުން ފެންނާންހުރި ހަގީގަތްތަކެވެ. ހީކުރާ ހީކުރުމެއްގެ މައްޗަކަށް ނޫނެވެ.
ހަމައެއާއެކު، ގިނަ ބައެއްގެ ހިތުގައި އުފެދިގެންދާނެ އެއް ސުވާލަކަށް ވެގެންދާނީ، މި ބޮޑު ބަދަލު މިއަދު އަންނަން ޖެހުނު ސަބަބުތަކެވެ. އަދި މިހަގީތަކާމެދު ވާހަކަ ދައްކަވާއިރު، ޕާޓީގެ ބައެއް އިސްވެރިން އަވަސް ވެގަންނާނީވެސް، މި ސަބަބުތައް ކޮރަޕްޝަންގެ ބައެއް މައްސަލަތަކާއި މަތިކޮށް، އެއީ ތާއީދު ނެތިގެން އުޅޭ އޭގެހަގީގީ ސަބަބު ކަމުގައި ދެއްކުމަށް ކަމީވެސް ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
އެހެންނަމަވެސް، ގަބޫލުކުރަންޖެހޭ އެއް ހަގީގަތަކީ، މާލޭގެ ބޯހިޔާވަކި ކަމުގެ ވައުދުތަކާއި، ފްލެޓްއެޅުމާއި، ޚިދުމަތްތައް ރަގަޅު ކުރުމުގެ ވައުދުތަކަކީ ފާއިތުވެދިޔަ 15 އަހަރުގެ ތެރޭގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު، ސިޔާސީގޮތުން ކުޅިފަސް ހޯއްދެވުމަށް މާލޭގެ ރައްޔިތުންގެ ކުރިމަތީގައި ދައްކަވަމުން ގެންދަވާފައިވާ ވާހަކަތައް ކަމެވެ. އަދިވެސް ދައްކަވަނީ އެވާހަކަތަކެވެ.
އަދި ފާއިތުވެދިޔަ ތަނުގައި، އެމްޑީޕީގެ ވެރިކަމުގައި މާލޭ ސަރަަހައްދުގައި އެޅުނު ފްލެޓެއް ފެންނާން ނެތްނަމަވެސް، ނަޝީދު އަމިއްލަފުޅަށް މަޝްހޫރުވެ ވަޑައިގެންފައިވަނީވެސް، "ފްލެޓް ދޮންބެ"ގެ ނަމުން ނަން ހޯއްދަވައިގެންކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

އެހެންނަމަވެސް، މިއަދު ރާއްޖޭގައި އޮތް ހޭލުންތެރިކަން ބޮޑު އާބާދީއަކީ، މިގޮތުން އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ފާއިތުވެދިޔަ 15 ވަރަކަށް އަހަރުތެރޭގައި ސިޔާސީ ބޭނުމަށް ވެވަޑައިގެންނެވި ވައުދުތަކާއިމެދު ފިކުރު ހިންގާ އާބާދީއެއްކަމުގައި އެމްޑީޕީގެ ބައެއް އިސް ވެރީންނަށް ގަބޫލުކުރަން ދަތިވި ނަމަވެސް، މިއީ މިއަދުގެ ވަރަށް ބޮޑު ހަގީހަތެކެވެ. ސިޔާސީ ވެރީންގެ ސިޔާސީ ޗަރުކޭހަށް ނަށާ ބެރުޖަހަން ބޭނުން ނުވާ އެތައްބަޔަކު ރާއްޖޭގެ މިއަދުގެ އާބާދީގައި އެބަ ތިއްބެވެ. ކަންކަމުގެ ހަގީގަތްތަކާމެދު ފިކުރު ހިންގާ، ހޯދާ ބަލާމީހުން މިއަދު އިންތިހާއަށް ގިނައެވެ. އަމުދުން ޒުވާން އާބާދީގެ ބޮޑު ބަޔަކީ، ތައުލީމީ ގޮތުންވެސް ހޭލުންތެރި، ކަންކަމުގެ ހަގީގަތްތަކާމެދު ވިސްނާ ފިކުރު ކުރާ މީހުންކަމުގައި މިއަދު މިވަނީ ވެގެން ގޮސްފައެވެ.
އެހެންކަމުން، ހިސާބުތަކުން ފެންނާން އޮތް، މާލެއިން އެމްޑީޕީއަށް ގެއްލިގެން ގޮސްފައިވާ ބޮޑު ތާއީދުގެ އަސްލަކީވެސް، މިގޮތުން ސިޔާސީ ބޭނުމަށް، ވެރީން ފާއިތުވެދިޔަ ތަނުގައި ވަމުން އައި ވައުތަކާއި އަދި ސިޔާސީ ބައެއް ވެރީން ދައްކަވަމުން ގެންދަވާފައިވާ ހުވަފެންތަކަށް ގިނަ ބަޔަކު ފޫހިވެ، މިއީ މިގޮތުން އައިސްފައިބާ ބޮޑު ބަދަލެއް ކަމުގައި އެމްޑީޕީގެ ބައެއް އެކްޓިވުސްޓުންނާއި އިސްވެރީންނަށް ގަބޫލުކުރަން ދަތިވި ނަމަވެސް، ބާއްވަމުންދާ އިންތިޚާބުތަކުގެ ނަތީޖާތަކުން މިދަނީ މިހަގީގަތް ކަށަވަރުވެ ޔަގީން ކުރެވެމުންނެވެ.
ކޮމެންޓު ފޮނުވާ