އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އަތުން މޮޅުވެ، އަންނަ ސީޒަނުގައިވެސް ލީގުގައި ދެމިއޮންނާނެކަން އެވަޓަނުން ކަށަވަރުކޮށްފިއެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ ފަހަތުން އަރާ 3-2 ގެ ނަތީޖާއަކުންނެވެ. ދެތީމްގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއްފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ޕެލަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިހާފްގައި ޕެލަސްއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން ޕެލަސްގެ ފުރަތަމަ ލަނޑު މެޗްގެ 21 ވަނަ މިނެޓްގައި ޖަހާދިނީ ޖޮން ފިލީޕޭ މަޓޭޓާއެވެ. އަދި މެޗްގެ 36 ވަނަ މިނެޓްގައި ޖޯޑަން އާޔޫ ވަނީ ޕެލަސްގެ ލީޑު ފުޅާކޮށްދީފައެވެ.
ނަމަވެސް ދެވަނަ ހާފަށް އެވަޓަން ނިކުތީ އެ ޓީމްގެ ކުޅުން ރަނގަޅުކޮށް އައު ހިތްވަރަކާއެކުއެވެ. އެގޮތުން އެ ޓީމްގެ ފުރަތަމަ ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހާދިނީ މައިކަލް ކީންއެވެ. އަދި ފުލުފުލުގައި ދެމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗް ނިމެން 15 މިނެޓަށް ވެފައިވަނިކޮށް އެވަޓަންއިން މެޗްގެ ނަތީޖާ އެއްވަރުކުރުމެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ރިޗާލިސަންއެވެ. އަދި މިމެޗުން އެވަޓަން މޮޅުވި ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ޖަހާދިނީ ޑޮމިނިކް ކަލްވަރޓް ލިއިންއެވެ.
މިލަނޑާއެކު މުޅި ދަނޑު ގުގުމައިގެންދިޔައިރު ގިނަ އަދަދެއްގެ ސަޕޯޓަރުން އުފަލުން ދަނޑުމައްޗަށްވެސް އެރިއެވެ. ނަމަވެސް މާގިނައިރު ތަކެއް ނުވެ އަލުން ކުޅުން ފަށާ ބާކީ ބައި ނިންމާލިއެވެ. މިމެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ޕެލަސްއަށް ފަހުން ފުރުސަތު ލިބިގެންދޔަ ނަމަވެސް އެވަޓަންގެ ކީޕަރ ޖޯޑަން ޕިކްފަޑްވަނީ ހުށިޔާރުކަމާއެކު ދިފާއު ކޮށްފައެވެ. އަދި އެއާއެކު ރެފްރީގެ ފަހު ކަށިގަނޑާއެކު މުޅި ދަނޑު ސަޕޯޓަރުން އަރާ ފުރާލިތަން ފެނިގެންދިޔައެވެ.
މިކާމިޔާބީއާއެކު އެވަޓަންއަށް މިހާރު ވަނީ ކުޅުނު 37 މެޗުން 39 ޕޮއިންޓް ލިބިފައެވެ. އަދި ރެލިގޭޝަނުން ސަލާމަތްވުމަށް މިހާރު ވާދަކުރަމުންދާ ބާންލީ އާއި ލީޑްސް ޔުނައިޓެޑަށް ލިބިފައިވަނީ 35 ޕޮއިންޓް ކަމުން، އެވަޓަން ހަތަރު ޕޮއިންޓްގެ ލީޑެއް މިހާރު ވަނީ ލިބިގެން ގޮސްފައެވެ. މިމެޗުން ބަލިވި ޕެލަސް އުޅެނީ 45 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.