ފިންލޭންޑުގެ ބޮޑުވަޒީރު(ކ) އާއި އެގައުމުގެ ރައީސް(ވ)ގައި

ރަސްމީކޮށް ނޭޓޯއާއި ގުޅެން ފިންލޭންޑުން ނިންމައިފި

ރަސްމީކޮށް ނޭޓޯއާއި ގުޅެން ފިންލޭންޑުން ނިންމައިފި

ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނިޒޭޝަން (ނޭޓޯ)އާއި ރަސްމީކޮށް ގުޅެން ފިންލޭންޑުން ނިންމައިފިއެވެ. ފިންލޭންޑުގެ މިނިންމުން މިއަދު ރަސްމީކޮށް އިއުލާން ކުރައްވާފައިވަނީ އެގައުމުގެ ބޮޑުވަޒީރު ސަންނާ މަރިންއެވެ.

ފިންލޭންޑުގެ ވެރިރަށް ހެލްސިންކީގައި، އެގައުމުގެ ރައީސްގެ އަރިހުގައި ހުންނަވާ، ބޮޑުވަޒީރު ވިދާޅުވީ "މި މުހިންމު ނިންމުމާއި ހަމައަށް" ވާސިލް ވެވުނީ "ގައުމުގެ ރައީސްއާއި އަދި ސަރުކާރުގެ ފުރިހަމަ އެއްބާރުމާއެކު" ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވެފައިވަނީ، އޭނާ އުއްމީދު ކުރައްވަނީ، މި ތާރީޚީ މުހިންމު ނިންމާމެދު އެގައުމުގެ ގާނޫނުހަދާ މަޖިލީހުން ޒިންމާދާރުކަމާ އަދި ސާބިތުކަމައެކު ބަހުސް ކުރައްވާނެ ކަމުގައެވެ.

ފިންލޭންޑާއި އެގައުމުގެ އަވައްޓެރި ސުވިޑްންއިން އިން ނޭޓޯއާއި ގުޅުމުގެ ޝައުގުވެރިކަން ފާޅުކުރުމާއެކު، ރަޝިއާއިން ވަނީ ނޭޓޯއާއި ނުގުޅުމަށް މި ދެފައުމަށް އިންޒާރު ދީފައެވެ. އަދި މި ދެގައުމުގެ މި ނިންމުމާއެކު، ބޯލްޓިކްގައި ނިއުކުލިއަރ ހަތިޔާރުގެ ގާބިލްކަން ވަރުގަދަ ކުރާނެކަމަށް ވެސް ރަޝިއާއިން ވަނީ މީގެ ކުރިން ބުނެފައެވެ.

ފިންލޭންޑުގެ މި ނިންމުމާއެކު، އެމެރިކާއިން އިސްދައުރެއް އަދާކުރާ މި އަސްކަރީ އިއްތިހާދުގެ މެމްބަރަކަށް ވެގެންދާނީ، އަވައްޓެރި ރަޝިއާއެކީ 830 މޭލުގެ ބޯޑަރު ހިއްސާކުރާ ގައުމެވެ. އެހެންނަމަވެސް، ފިންލޭންޑުގެ މިނިންމުމަށް އަމަލީސިފަ ގެނައުމަށް އަދި މަސްތަކެއް ހޭދަވެގެން ދާނެއެވެ. އޭގެ ސަބަބަކީ ފިންލޭންޑުގެ ހުށަހެޅުމަށް، ނޭޓޯގައި ހިމެނޭ 30 ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ހުއްދަ ލިބެން ޖެހޭތީއެވެ.

ފިންލޭންޑުގެ މި ނިންމުމާއެކު، އެގައުމާ ރަޝިއާއި ކުރިމަތިލުމަކަށް ހިގައިދާނެކަމަށް މިހާރުވަނީ ބެލެވެން ފަަށާފައެވެ. މިހަފްތާގެ ހޮނިހިރު ދުވަހު ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިން ފިންލޭންޑަށް އިންޒާރު ދެމުން ވިދާޅުވެފައިވަނީ، އަސްކަރީގޮތުން ވަކިފަރާތަކަށް ނުޖެހި އޮތް އޮތުމަށް ނިމުން ގެނެސް، އެގައުމު ނޭޓޯއާއި ގުޅުމަށް ނިންމު ނިންމުމަކީ އެގައުމަށް ހެދޭ ވަރަށް ބޮޑު ގޯހެއް ކަމުގައެވެ.

ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމާގައި އޭރުގެ ސޯވިއެޓް ޔޫނިއަންއިން ފިންލޭންޑަށް އެރިފަހުން، އެގައުމުންވަނީ އަސްކަރީގޮތުން ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތެއް ދަމަހައްޓާފައެވެ. އޭގެ އެންމެ ބޮޑު އެއް މަގްސަދަކީވެސް ރަޝިއާއާއި ކުރިމަތިލުމަކަށް ނުދިއުމެވެ.

އެހެންނަމަވެސް ފިންލޭންޑުން އެތައް ޒަމާނެއްވަންދެން ދަމަހައްޓަމުން އައި މި ސިޔާސަތަށް ބަދަލު ގެންނަން ޖެހުނީ، ރަޝިއާއިން އަވައްޓެރި ޔޫކުރެއިންއަށް އުދުވާނީ ހަމަލާދީ އެގައުމަށް އަރައިގަތުމާއި ގުޅިގެން، ގައުމުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމާމެދު ވިސްނަން އެގައުމަށް މަޖުބޫރުވެގެން ކަމުގައި ފިންލޭޑުންގެ ވެރީންވަނީ ވިދާޅުވެފައެވެ.

ނޭޓޯޢަކީ އެޓްލާންޓިކް ސަރަހައްދު ހުރަސްކޮށް ފުޅާވަމުންދާ، ސަލާމަތާއި ގުޅުންހުރި އިއްތިހާދެކެވެ. މި ޖަމާއަތަކީ 1949ވަނަ އަހަރު، އެންމެ 12 މެމްބަރުންގެ މައްޗަށް އެކުލަވާލެވިގެން، މި ގައުމުތަކަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަށް އުފެއްދި ޖަމާއަތެކެވެ.

ނޭޓޯ އުފެދުނުތާ 73 އަހަރު ފާއިތުވެގެން ގޮސްފައިވި ނަމަވެސް، ފާއިތުވެދިޔަ 30 ވަަރަކަށް އަހަރު ފާހަގަވެގެން ގޮސްފައިވަނީ، އެންމެ ފުރަތަމަ މި ޖަމާއަތް އުފެދިގެން ދިޔައިރު މެމްބަރު ގައުމުތަކުގައި ތިބި ގައުމުތައް ފަހަނައަޅާ، އެޓްލާންޓިކް ސަރަހައްދު ހުރަސްކޮށް މިޖަމާއަތް ފުޅާވަމުން ދިޔަ 30 އަހަރުގެ ގޮތުގައެވެ. މިގޮތުން 2004ވަނަ އަހަރު އިރުމަތީ ޔޫރަޕްގެ 7 ގައުމަކުންވަނީ މި ޖަމާއަތާއި ގުޅިފައެވެ. އެންމެ ފަހުން ނޭޓޯގެ މެމްބަރު ގައުމެއްގެ ގޮތުގައި ހަމަޖެހިގެން ގޮސްފައިވަނީ 2020 ވަނަ އަހަރު މި ޖަމާއަތުގެ މެމްބަރުކަން ލިބިގެން ދިޔަ ނޯތު މެސެޑޯނިއާއެވެ.

މީގެ އިތުރުން ފާއިތުވެދިޔަ މުއްދަތުގައި ބޮސްނިއާ އެންޑް ހާރޒަގޮވީނާ އާއި ޖޯޖިޔާގެ އިތުރުން ޔޫކުރެއިންވަނީ ނޭޓޯގެ މެންބަރުކަން ބޭނުންވާކަމުގެ ޝައުގުވެރިކަން ފާޅު ކޮށްފައެވެ. މިއަދު ދުނިޔޭގެ 30 ގައުމަކުންވަނީ ނޭޓޯގައި ބައިވެރި އެ ޖަމާއަތުގެ މެމްބަރޝިޕް ހޯދާފައެވެ.

ނޭޓޯ ޓްރީޓީގެ (ޖަމާއަތް އުފެއްދުމަށް ވެވުނު އެއްބަސްވުގެ) 5 ވަނަ މާއްދާ އިން ކަޑައަޅާދީފައިވާ ގޮތުގައި މި ޖަމާއާތުން، ޖަމާއަތުގެ މެމްބަރު ގައުމުތަކަށް ފޯރުކޮށްދޭ ހިމާޔަތާއި ރައްކާތެރިކަމަކީ ޖަމާއަތުގެ އެންމެ މައިގަޑު އެއް އަސާސްއެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *