ދުނިޔޭގެ ގިނަ ތަންތާ ހުރި ދިގު މުއްދަތަށް ތިބެވޭ ވެކޭޝަން ހޯމް ތަކަށްވުރެ އަގުހެޔޮކޮށް ރާއްޖޭގެ ރިސޯޓަކުން އަހަރު ދުވަހަށް ވެކޭޝަން ހޯމް ޕެކޭޖެއް ވިއްކަން ފަށައިފިއެވެ.
އަނަންތާރާ ވެލި މޯލްޑިވްސް ރިސޯޓުން މިހާރު ގެންދަނީ އޯވާވޯޓާ ބަނގްލޯއެއް މުޅި އަހަރަށް، 30000 އެމެރިކާ ޑޮލަރަށް ލިބޭނެ ޕެކޭޖެއް ވިއްކަމުންނެވެ. "އަންލިމިޓެޑް ސްޓޭސް އިން ޕެރަޑައިސް" ގެ ނަމުގައި ވިއްކާ މި ޕެކޭޖުގައި ދެމީހަކަށް ގާތްގަނޑަކަށް 1 އަހަރުގެ މުއްދަތައް އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލެވޭނެއެވެ. އެހެންކަމަށް ވާނަމަ ދުވާލަކަށް 2 މީހުނަށް އެ ޖެހެނީ ގާތްގަނޑަކަށް 82 ޑޮލަރު، ނުވަތަ 62 ޕައުންޑެވެ. އާންމު ގޮތެއްގައި މިފަދަ ލަގްޒަރީ ވެކޭޝަން ހޯމްތައް ދުނިޔޭގެ ގިނަ ތަންތަތާ ހުންނަނީ އަހަރަކު 50 ހާސް ޑޮލަރަށް ވުރެ މަތިންނެވެ.

މި ޕެކޭޖުގެ ތެރެއިން ލަގްޒަރީ މޫދު ކޮޓަރީގެ އިތުރުން ހެނދުނުގެ ނާސްތާ އާއި އެއަރޕޯޓާ ރިސޯޓާ ދެމެދުގެ ދަތުރު ހިމެނޭނެއެވެ. މީގެ އިތުރުން އިތުރު ކެއުންތަކާއި ސްޕާއިން 25 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ.
މި ޕެކޭޖް ބޭނުންވާ ފަރާތްތަކަށް މިމަހުގެ 30 ގެ ނިޔަލަށް ބުކް ކުރަން ޖެހޭނެއެވެ. އަދި އަންނަ ޖެނުއަރީ މަހުގެ 1 އިން ފެށިގެން ޑިސެމްބަރު 23ގެ ނިޔަލަށް ބޭނުން މުއްދަތެއްގައި ރިސޯޓުގައި ޗުއްޓީ ހޭދަކުރެވޭނެއެވެ. އަދި ޕެކޭޖަށް ފައިސާ ދައްކާއިރު ޗުއްޓީ ހޭދަކުރާނެ މީހުންގެ ނަން ރިސޯޓަށް ބޭނުން ވާނެއެވެ. އެވަގުތު ނަން ދޭމީހުން ނޫން މީހަކަށް އެ ޕެކޭޖްގެ ދަށުން ރިސޯޓުން ހިދުމަތެއް ނުލިބޭނެއެވެ.

ކޯވިޑް-19ގެ މި ހާލަތުގައި ލަގްޒަރީ ދިރިއުޅުމެއް އުޅެލަން ބޭނުން މަހުޖަނުން ނަށް މިއީ ރަނގަޅު ފުރުސަތެކެވެ. އަދި މީގެ އިތުރުން އޮފީސްތަކަށް ހާޒިރު ނުވެ ގޭގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުންވެސް މިފަދަ ގޮތަކަށް " ވެކޭޝަން މޯޑް" ގައި މަސައްކަތް ކުރުމަށް ދިގުމުއްދަތަށް ވެކޭޝަން ހޯމް ނަގައި އެ ތަނުގައި ދިރިއުޅެއެވެ. އެހެންކަމުން ރާއްޖެ ފަދަ އެކަހެރި ރަށް ތަކެއް އޮތް ގައުމަކުން މިފަދަ ގޮތަކަށް ވެކޭޝަން ހޯމެއް ލިބުން މިއީ ގިނަ ބަޔަކު ޝައުގުވެރި ވާނެ ކަމެކެވެ.
އަނަންތާރާ ވެލި މޯލްޑިވްސް އަކީ ހަމައެކަނި ބޮދެތި މީހުނަށް ހާއްސަކޮށް ރާއްޖޭގައި އޮޕަރޭޓްކުރާ މަދު ރިސޯޓުތަކުގެ ތެރެއިން ރިސޯޓެކެވެ. މިތަނުގައި 67 އޯވާވޯޓާ ބަނގްލޯ ހުރެއެވެ.
ކޮމެންޓު ފޮނުވާ