ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަންޖެހޭއިރު، ޤާނޫނުގައި ބުނެފައިވާ ކަންކަން ތަންފީޒު ކުރުމަށް ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަރުކާރާ ދެއަހަރުގެ ފުރުމުގެ މުސާބަތުގައި ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ އިމްރާން ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ޤާނޫނެއްގެ ވާހަކަ ދެކެވޭތާ ވަރަށް ދުވަސްވެއްޖެ ކަމަަށެވެ. ނަމަވެސް އެއްވެސް ސަރުކާރަކަށް މިކަމުގެ ޤާނޫނީ ބާރުވެރިކަން ފުރިހަމަ ގޮތުގައި ނުދެވިފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެން ކުޑަކުދިންގެ އަދުލުގެ ޤާނޫނެއް ވުޖޫދުކޮށް ޤާނޫނަށް އަމަލުކުރަން ފެށުމުގެ ތައްޔާރީތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މިހާރު ކުރެވެމުންދާކަމަށެވެ.
މި ނޮމްބަރު މަހުގެ20 ވަނަ ދުވަހު އެޤާނޫނަށް އަމަލުކުރަން ފެށޭނެ. ޤާނޫނަށް އަމަލުކުރަން ފަށާއިރު، ކުރެވިގެންދާނެ އެންމެ މުހިންމު މަސައްކަތަކީ ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުދިންނާއި ނުވަތަ ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިންނާއި މުއާމަލާތް ކުރުމަށްޓަކައި ޚާއްސަ މުއައްސަސާއެއް ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުއެނަލް ޖަލްސްޓިސް އުފެދިގެންދާނެ. އެއީ މިނިސްޓްރީގެ ދަށުން އުފެދިގެންދާ ޑިޕާމްޓަމަންޓެއްގެ ގޮތުގައި.
– ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިމުއައްސަސާ އުފެދިގެން ދިއުމުން ކުށުގެ ވެއްޓަށް ހުށަހެޅޭ، އަދި ހުށަހެޅިފައިވާ ކުދިންނާއި މުއާމަލާތް ކުރާ އޮފިސަރުންނަކީ އެކަމަށް ޚާއްސަ ތަމްރީން ދެވިފައިވާ ބަަޔަކަށް ވެގެންދާނެކަމަށެވެ. އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ މުއާމާލާތް ކުރުމަށް ތަމްރީން އެފަރާތްތަކަށް ދެކި މިކަމަށް ޚާއްސަ އުސޫލުތަކެއް ހެދި ކަޑައެޅިފައިވާކަމަށެވެ. ހަމަ އެހެންމެ އަތޮޅު ތެރޭގައި ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިންނަށް ޚާއްސަ އިސްކަމެއްދީގެން ޑައިވާޝަން ޕްރޮގުރާމުތައް ހިންގިގެން ދާނެކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިގާނުނުގެ ތެރެއިންވެސް އެންމެބޮޑު އިސްކަމެއްދޭނީ ލާމަރުކަޒީ އުސޫލުން މިކަން ތަންފީޒު ކުރުމަށް ކަމަށާއި، އަތޮޅު ތެރޭގައި ޚާއްސަ މަރުކަޒުތައް ގާއިމްކޮށް އަތޮޅު ތެރޭގައިކުރެވޭ މިފަދަދަ ކުށްތައް މަދު ކުރުމަށް މަސައްކަތް ކުރެވިގެންދާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ