ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން މީހުންގެ އަތުން ބޮޑެތި އަދަތުތަކުން ފައިސާ ހޯދާ މައްސަލަތައް ފުލުހުންނަށް ހުށައަޅަމުންދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ އެޗްޑީސީގެ ނަމުގައި ގުޅައި، އެ މީހަކަށް މިހާރު ޕޮއިންޓު ލިބިފައިވާވަރު ބުނެދޭކަމަށެވެ. އަދި ފްލެޓް ޔަގީން ކުރުމަށް ޕޮއިންޓު މަދުވާކަމާއި، އެހެންކަމުން އަލުން ރިވިއުކުރުމަށް ލިޔެކިއުންތައް ފޮނުވުމަށް ކަމަށްބުނެ އީ-މެއިލް އެޑްރެސް ހޯދައެވެ. އީ-މެއިލް އެޑްރެސް ދިނުމުން އެ އީ-މެއިލް އަށް އެޗްޑީސީގެ ނަމުގައި ލިސްޓު ފޮނުވާކަމަށްވެސް ފުލުހުން ބުންނެވެ.
އަދި އެ ލިސްޓުގައި ޕޮއިންޓު ހިމެނުމަށް އީ-މެއިލް އަށް ވަނުމަށް ބޭނުންވާކަމަށް ބުނާކަމަށާއި، އީ-މެއިލް އަށް އެކްސެސް ދިނުމަށް، ފޯނަށް ނުވަތަ އެހެން ޑިވައިސްއަކަށް ނަމަވެސް ދާ ނޮޓިފިކޭޝަން އެޕްރޫވް ކުރުމަށްކަމަށް ބުނެ އީ-މެއިލްއަށް އެކްސެސް ހޯދާކަމަށްވެސް ފުލުހުން ބުންޏެވެ. އެއަށްފަހު އެ އީ-މެއިލް މެދުވެރިކޮށް، އިންޓަނެޓު ބެންކިންގ އަށް ވަދެ އެކައުންޓުގައި ހުންނަ ފައިސާ އެ މީހުންގެ އެކައުންޓަށް ފޮނުވަމުންދާކަން ވަނީ ފާހަގަކުރެވިއިކަމަށްވެސް ފުލުހުން ބުންޏެވެ.
އެހެންކަމުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ މިފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް، ޒާތީ މައުލޫމާތާއި އޯޓީޕީ (ވަން ޓައިމް ޕާސްވޯޑް) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ