އިސްރާއީލު ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގައި އިސްރާއީލު ސިފައިން ހިންގަމުން އޮޕަރޭޝަނެއް ކަވަރު ކުރަމުންދިޔަ އަލްޖަޒީރާގެ ނޫސްވެރިއެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.
ދުނިޔޭގެ ޚަބަރުތައް އެންމެ ފުޅާ ދާއިރާއެއްގައި ގެނެސްދެމުންދާ، ދުނިޔޭގެ އެންމެ ވަރުގަދަ ނޫސް ޗެނަލްތަކުގެ ތެރޭގައި ހިމެނޭ، އަލް ޖަޒީރާއިން ބުނެފައިވާ ގޮތުގައި އެ ނޫހުގެ ނުސްވެރިޔާ، އުމުރުން 51 އަހަރުގެ ޝީރީން އަބޫ އަޤްލީހު މަރާލާފައިވަނީ، ގަސްތުގައި އޭނާގެ ގަޔަށް އިޒްރާއީލު ސިފައިން ބަޑި ޖެހުމުގެ ސަބަބުން ކަމުގައެވެ.
އެހެންނަމަވެސް، ނޫސްވެރިންނަށް އަމާޒުކޮށް ބަޑިން ހަމަލާ ދީފައި ނުވާކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ. އަދި ބުނެފައިވަނީ، ބަދަލު ކުރެވުނު ބަޑީގެ ހަމަލާތަކުގައި، ފަލަސްތީނުގެ ހަގުރާމަވެރިންގެ ހަމަލާއެއް އަލް ޖަޒީރާގެ ނޫސްވެރިޔާއަށް އަމާޒުވުމަކީ އެކަށީގެންވާ ކަމަކަށް ކަމަކަށް ވާތީ އެކަން ބަލަމުން ދާކަމުގައެވެ.
އަދި އިސްރާއީލުގެ ފޮރިންގ މިނިސްޓަރު ޔައިރު ލަޕިޑް ވިދާޅުވެފައިވަނީ، އަލް ޖަޒީރާގެ ނުސްވެރިޔާ މަރުވެފައިވާތީ ހިތާމަ ކުރައްވާ ކަމަށާއި، އަދި މިހާދިސާ ފަލަސްތީނުގެ އޮތޯރިޓީތަކާއި ގުޅިގެން ހިންގާ ތަހުގީގެއްގެ ގޮތުގައި ކުރިޔަށް ގެންދިއުމަށް ހުށަހަޅާފައިވާ ކަމުގައެވެ.
ނުސްވެރިޔާ އަބޫ އަޤްލީހު މަރުވެފައިވާކަން ފަލަސްތީނުގެ ސިއްޙީ އިދާރާތަކުންވަނީ ޔަގީން ކޮށްދީފައެވެ. އަދި ބުނެފައިވަނީ، އޭނާ މަރުވެފައިވަނީ، ބަޑިން ހަމަލާދީ ލިބުނު ސީރިއަސް ޒަޚަމްތަކަށް ފަރުވާކުރުމަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމުގައެވެ.
އަބޫ އަޤްލީހުއަކީ، އަލް ޖަޒީރާގެ އަރަބި ނިއުސް ސާވިސްގެ އެންމެ މަޝްހޫރު އެއް ނޫސްވެރިޔާއެވެ. އަދި އޭނާ ވަނީ އިސްރާއިލް ފަލަސްތީނު މައްސަލައިގެ ޚަބަރުތައް ފާއިތުވި 15 އަހަރު ކަވަރު ކޮށްފައެވެ.

އިސްރާއީލުން އަބޫ އަޤްލީހު ބަޑިޖަހާ މަރާލުމާއި ގުޅިގެން އަލް ޖަޒީރާގެ ޖާނަލިސްޓެއް ކަމުގައިވާ ނިދާ އިބުރާހިމް ވިދާޅުވެފައިވަނީ، އަބޫ އަޤްލީހުއަކީ ވަރަށް ބޮޑަށް އިހުތިރާމް ލިބިފައިވާ ނޫސްވެރިއެއް ކަމަށާއި، އޭނާ މަރާލުމާއި ގުޅިގެން އެކުވެރި ހުރިހާ ނޫސްވެރިންވެސް ތިބީ ކުއްލި ހައިރާން ކަމެއްގައި ކަމުގައެވެ.
ފާއިތުވި ދުވަސްތަކުގައި، އަރަބި އިސްރާއީލުންނާއި ފަލަސްތީނު މީހުން އިސްރާއީލުގައި ދީފައިވާ ބަޑިގެ ހަމަލާތަކުގައި އިސްރާއީލުގެ 17 މީހުން މަރުވެ، ޔޫކުރެއިންގެ ދެމީހަކު ވަނީ މަރުވެފައެވެ.
އަދި އިސްރާއިލުން ވަނީ، ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިނގާފައިވާ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 26 މީހަކު މަރާލާފައެވެ.
ކޮމެންޓު ފޮނުވާ