ލަންކާގައި ތިބި ދިވެހިންނަށް އެހީވުމަށް އިދިކޮޅުން ގޮވާލައިފި

ލަންކާގައި ތިބި ދިވެހިންނަށް އެހީވުމަށް އިދިކޮޅުން ގޮވާލައިފި

Author
މުޙައްމަދު ޖިމީ
10 މެއި 2022 01:11
0

ސްރީލަންކާގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފިޔަވަޅުތައް އަވަސް ކުރުމަށް ސަރުކާރަށް އިދިކޮޅުން ގޮވާލައިފިއެވެ.

ޕީޕީއެމް ޕީއެންސީން ނެރުނު ބަޔާނެއްގައިވަނީ، އަވަށްޓެރި ސްރީލަންކާ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާއެކު، ޤައުމުގެ ޙާލަތު ބަދަލުވެ، ހިނގަމުންދާ ހަމަނުޖެހުންތަކާއި މެދު މިކޯލިޝަންގެ ކަންބޮޑުވުން ފާޅުކުރާކަމަށް ބުނެފައެވެ.

ސްރީލަންކާއަށް ކުރިމަތިވަމުންދާ ނުތަނަވަސް ކަމުން އަރައިގަތުމުގައި ޑިމޮކްރަސީގެ ރިވެތި އުސޫލުގެ ބޭނުން ހިފާ، ޤައުމާއި ރައްޔިތުންނަށް ހަމަޖެހުން ލިބި ޤައުމުގެ ޙާލަތު ޢާންމު ޙަލަތަކަށް ބަދަލުވެގެން ދިއުމަކީ އެކޯލިޝަނާއި ދިވެހި އެންމެހާ ރައްޔިތުންގެ އުންމީދެއްކަމަށާއި، ސްރީލަންކާއަށް ކުރިމަތިވެފައިވާ ނުތަނަވަސް ކަމުގެ ތެރެއިން އެޤައުމުގައި ދިރިއުޅޭ އެންމެހާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ވަނީ ގޮވާލާފައެވެ. އަދި ބޭނުންވާ އަސާސީ އަދި ޒަރޫރީ ޚިދުމަތްތައް ފަސޭހަކަމާއިއެކު ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ. ހަމައެއާއެކު، އެ ޤައުމުގައި ދިރިއުޅޭ އެންމެހާ ދިވެހިންގެ ހާލު ގާތު ބަލާ، ބޭނުންވާ އެހީތެރިކަން ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް އިދިކޮޅުގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުންވެސް މިޙާލަތުގައި އެނބުރި ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހި ރައްޔިތުންނަށް އެފަދަ އިންތިޒާމުތައް ފަސޭހަކަމާއެކު ހަމަޖައްސައިދިނުމަށް ވެސް ގޮވާލާކަމަށާއި، ބަދަލުވަމުންދާ ޙަލާތާއި ގުޅިގެން ކުރިމަތިވެދާނެ އެންމެހާ ނުރައްކާތަކުން ސަލާމަތްވެ ތިބުމަށް އެޤައުމުގައި ދިރިއުޅޭ އަދި ދަތުރު ކުރާ އެންމެހާ ދިވެހިންނަށް އިލްތިމާސްކުރާކަމަށްވެސް އިދިކޮޅުގެ ބަޔާނުގައިވެއެވެ.

ލަންކާގެ ހާލަތު ގޯސްވެ ގިނަބަޔަކު މުޒާހަރާކުރަމުންދާއިރު، އެޤައުމުގައި ދިރިއުޅޭ ދިވެހިންނަށްވެސް ވަނީ އުނދަގޫތަކާއި ކުރިމަތިލާންޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.