ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ލަވަކިއުންތެރިޔާ ނިކް ޖޯނަސްއަށް އަލަތު ދަރިފުޅު ލިބުން ކަން ހާމަކުރީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.
ސަރޮގެސީ މެދުވެރިކޮށް ހޯދި ކުއްޖާ ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން އެންއައިސީގައި 3 މަހަށް ވުރެ ގިނަ ދުވަސް ވަންދެން ބާއްވަން ޖެހުނެވެ.
ނަމަވެސް ދަރިފުޅުގެ ހާލު ރަނގަޅުވެ އެމީހުން ވަނީ މިހާރު ދަރިފުޅު ގެއަށް ގެންގޮސްފައެވެ. އިއްޔެ ޕްރިޔަންކާގެ އިންސްޓްގަރާމްގައި ވަނީ އެމީހުންގެ ދަރިފުޅު ގެޔަށް ގެންގޮސްފައިވާކަން ކަށަވަރު ކޮށްދީފައެވެ.
އަދި ދަރިފުޅުގެ މޫނު ނުފެންނަ ގޮތަށް ހަދައި މަންމައިންގެ ދުވަހު އާންމު ކުރި ފޮޓޯގައި ދަރިފުޅާއި މުހާތަބް ކޮށްފައި ވަނީ "އެމްއެމް" ގެ ނަމުންނެވެ. އެެހެން ކަމުން އެކުއްޖާގެ ނަމަކީ މާލްތީ މާރީ ޗޯޕްޅާ ކަމަށް ދެކެވޭ ވާހަކަތަކަށް ކޮންމެވެސް ވަރަކަށް ބާރުދެއެވެ. ނަމަވެސް ދަރިފުޅުގެ ނަމާއި ބެހޭގޮތުން އަދި އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހިއްސާކޮށްފައެއް ނުވެއެވެ.
ޕްރިޔަންކާގެ ދެމަފިރިން ކުއްޖާއާ އެކު އާންމުކުރި ފޮޓޯއާ އެކު ބުނެފައި ވަނީ މާލްތީ ވިހޭ ފަހުން 100 ދުވަސް ވަންދެން އޮތީ ލޮސް އެންޖެލިސްގެ ރޭޑީ ޗިލްޑްރެންސް ލަ ޖޯލާ އެންޑް ސެޑާރު ސިނައި ހޮސްޕިޓަލްގެ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓްގައި ކަމަށެވެ. އަދި އެތަނުގެ ނަރުހުންނާއި ޑޮކްޓަރުންނަށް އޭނާ ވަނީ ދަރިފުޅަށް ދިން އަޅާލުމަށް ޝުކުރު އަދާ ކޮށްފައެވެ.
ނިކާއި ޕްރިޔަންކާ ކައިވެނި ކުރީ ވަރަށް ކުލަގަދަ ހަފްލާއެއްގައި 2018 ވަނަ އަހަރުއެވެ. މިއީ ޕްރިޔަންކާއާއި ނިކްގެ ދަރިފުޅުގެ ފޮޓޯއެއް އާއްމުކުރި ފުރަތަމަ ފަހަރެވެ.