ވިލިމާލޭ ޑަބްލިއުޑީސީ ބައި އިލެކްޝަން: 2،900 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވޭ

ވިލިމާލޭ ޑަބްލިއުޑީސީ ބައި އިލެކްޝަން: 2،900 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވޭ

Author
މުޙައްމަދު ޝަޒައިމް
08 މެއި 2022 02:38
0

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ ފައިނަލް ލިސްޓުގައިވާގޮތުން މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު 2900 މީހަކަށް ވަނީ ލިބިފައެވެ. މި އިންތިޚާބުގައި ޖުމްލަ 6 ވޯޓު ފޮށްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ހުރިހާ ފޮށްޓެއްވެސް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ވިލިމާލެ މުޙްޔިއްދީން ސްކޫލުގައެވެ.

ބައި-އިލެކްޝަންގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން މާލެ އަދި ހުޅުމާލޭގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލި ފުރުޞަތު ހަމަވިއިރު ވޯޓުފޮށި ބެހެއްޓޭ އަދަދަށް ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިނުވާތީ، މާލެ އަދި ހުޅުމާލޭގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު އަންނަ ބުދަ ދުވަހު ހެނދުނު 10:00 އިން މެންދުރު 14:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ކެންޑިޑޭޓުން ސޮއިކުރުމަށް ހަމަޖެހިފައިވަނީ އިލެކްޝަން ކޮމިޝަނުގެ މައި އިދާރާގައި (ޕީ.އޭ ކޮމްޕްލެކްސް) ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.