ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މީހެއްގެ މައްޗަށް ދައުވާކޮށްފި

ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މީހެއްގެ މައްޗަށް ދައުވާކޮށްފި

Author
މުޙައްމަދު ޖިމީ
08 މެއި 2022 12:23
0

ނ.މިލަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައާ ގުޅިގެން މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ނ. މިލަދޫ، ފަތަގުމާގެ، ޢަބްދުﷲ ޝުހާދު އަޙްމަދު 18 ފެބުރުވަރީ 2022 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ނ. މިލަދޫ، މާގަސްދޮށުގެ ގޯތި ތެރޭގައި ބަހައްޓާފައި ހުރި ނ. މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލި މައްސަލައިގައި އޭނަގެ މައްޗަށް ދައުވާކޮށްފައިވާކަމަށެވެ.

ޝުހާދުގެ މައްޗަށް ދައުވާކުރަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުން، މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދަޢުވާއެވެ. އެ ދައުވާ މިދިޔަ އޭޕްރީލް މަހުގެ6ގައި ނ. މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ސައިކަލުގައި އަލިފާން ރޯކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަނީ ގޯތިތެރޭގައި ޕާކުކޮށްފައި އިން ސައިކަލެކެވެ. އަދި މޫނު ނިވާ ކޮށްގެންހުރި މީހަކު ގޭ ތެރެއަށް ވަދެ، ދެކޮޅު ބަލައިލުމަށްފަހު ސައިކަލްގެ މައްޗަށް ޕެޓްރޯލް އަޅާ މަންޒަރެވެ.

އެއަށްފަހު އެމީހާ އެނބުރި ދިޔުމުން މޫނު ނިވާ ކޮށްގެން ހުރި އިތުރު މީހަކު ވަދެ އެ ސައިކަލްގައި ރޯކޮށްލައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.