އިންޑިއާ އައުޓް ބެނާ ދެމި އިމާރާތްތަކުގެ ވެރިން ފުލުހަށް ހާޒިރުކުރަނީ

އިންޑިއާ އައުޓް ބެނާ ދެމި އިމާރާތްތަކުގެ ވެރިން ފުލުހަށް ހާޒިރުކުރަނީ

Author
މުޙައްމަދު ޝަޒައިމް
06 މެއި 2022 02:30
0

އިންޑިއާ އައުޓް ބެނާ ދެމި އިމާރާތްތަކުގެ ވެރިން ފުލުހަށް ހާޒިރު ކުރަން ޗިޓު ފޮނުވައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިންޑިއާ އައުޓް ބެނާ ދެމި މައްލައިގައި ޕީޕީއެމް އޮފީސް ހުންނަ އިމާރާތުގެ ވެރިފަރާތް މިއަދު 14:30 އަށް ފުލުހަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވާކަމަށެވެ. އަދި އިންޑިއާ އައުޓް ބެނާ ދެމި ގ.ހޭޅި ގޭގެ ވެރިފަރާތް މިއަދު 17:00 އަށް ޕޮލިހަށް ހާޒިރުވުމަށް އަންގާފައިވާކަމަށެވެ.

ނަމުގެ އަކުރުތަކަށް ބަދަލު ގެނެސްގެން ދަމަމުންދާ އިންޑިއާ އައުޓު ބެނަރތައްވެސް ފުލުހުން ދަނީ ނަގަމުން

އިދިކޮޅު ޕީޕީއެމްގެ އިންޑިއާ އައުޓު ހަރަކާތް ރައީސް ސާލިހުގެ ރިޔާސީ ގަރާރަކުން މަނާކުރި ފަހުން، މާލޭގެ އެކި ސަރަހައްދުތަކުގައި ދަމަމުންދާ އިންޑިއާ އައުޓު ބެނަރތައް ފުލުހުން ދަނީ ނަގަމުންނެވެ. އަދި މި ގަރާރަށްފަހު ބެނާރތައް ދަމަމުންދަނީ އިންޑިއާގެ ނަމުގެ އަކުރުތައް ބަދަލުކޮށްގެންކަން ފާހަގަ ކޮށްލެވެއެވެ. އަދި ޕީޕީއެމް އޮފީހުގައި އެންމެފަހުން ދެމި އިންޑިއާ އައުޓު ބެނަރގައި އިންޑިއާ އައުޓު ރަމްޒު ކޮށްފައިވަނީ، އިންޑިއާ ދިދައިގެ ކުލަތަކާއި ޑިޒައިން ރަމްޒު ކޮށްދޭގޮތަށް، އިނގިރޭސި ބަހުން "އައުޓު" ލިޔެގެންނެވެ.

ރައީސްގެ ގަރާރަކުން އިންޑިއާ އައުޓުގެ ހަރަކާތް މަނާ ކޮށްފައިވަނީ، ފާއިތުވެދިޔަ މަހުގެ ރައީސް ޔާމިންގެ ގެކޮޅުގައި އިންޑިއާ އައުޓުގެ ބޮޑު ބެނާރއެއް ދެމުމާއި ގުޅިގެން، އިންޑިއާއުޓު ބެނާތައް ދެމުމަކީ ގާނޫނުލްއުގޫބާތުން މަނާކަމެއް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. އަދި ބޮޑެތި ޢިމާރާތްތަކުގައި އިންޑިއާ އައުޓް ބެނާތަށް ދެމުމަކީ ޤާނޫނުލް އުޤޫބާތާއި ޚިލާފްކަމެއްކަމަށާއި، ފުލުހުން ވަގުތުން އެކަންކަން ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިންޒާރު ދިންތާ ގަޑި އިރުތަކެއް ފަހުން މާލޭގެ އެކި ގޭގޭގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ނެގުމަށްވެސް ފުލުހުން އަންގާފައި ވެއެވެ.

ރައީސުލްޖުމުހޫރިއްޔާގެ ގަރާރަކުން އިންޑިއާ އައުޓު ބެނަރ ދެމުން މަނާ ކޮށްފައިވި ނަމަވެސް، އިދިކޮޅު ޕީޕީއެމްއިން ބުނެފައިވަނީ، ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިގުޅައި ނުގަނެވޭނެ ކަމަށާއި، އިންޑިއާއައުޓު ހަރަކާތް ކުރިޔަށް ގެންދާނެ ކަމަށެވެ.

އިންޑިއާ އައުޓު ހަރަކާތަކީ، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި ދެކޮޅަށް ޕީޕީއެމްއިން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އަދި މި ހަރަކާތުގެ އެންމެ އިސް ބޭފުޅެއްގައި ގޮތުގައި ރައީސް ޔާމިން ހަރަކާތްތެރި ވެވަޑައިގަންނަވަމުން ގެންދަވާއިރު، އެމަނިކްފާނު ޖަލުން މިނިވަންވުމަށްފަހު މިހަރަކާތައް އާދިރުމެއް އައިސްފައިވެއެވެ. އަދި އެއަށްފަހު، މިހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް، ފަހަކަށް އައިސް ޕީޕީއެމްއިން ވަނީ، މިހަރާކާތް ހިންގުމަށްޓަކާ ރާއްޖެތެރޭގެ ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައެވެ.

މިދަތުރުތަކުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، ސަރުކާރުން ހިންގާ ނޭދެވޭ ކަންކަމުގެ މައުލޫމާތުވެސް ޕީޕީއެމްއިން ދަނީ ރަށްރަށުގެ ރައްޔިތުންނާއި ހިއްސާ ކުރުމުންނެވެ. އަދި އިންޑިއާ އައުޓު ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތްވެސް މި ދަތުރުތަކުގައި ޕީޕީއެމްއިން ކުރިޔަށް ގެންގޮސްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.