ޗެންޕިއަންސް ލީގުގެ ފައިނަލުން ޖާގައެއް ހޯދުމަށް އިނގިރޭސި ޕްރިމިއަލީގުގެ އެއްވައިގައި އޮތް މެންޗެސްޓަރ ސިޓީއާއި، ސްޕޭނުގެ ގަދަބާރު ރެއާލް މެޑްރިޑާއި ދެކޮޅަށް މިރޭ ނިކުންނާނެވެ.
ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ލެގު މެންޗެސްޓާ ސިޓީ ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ކާމިޔާބުކޮށްފައެވެ. ސިޓީގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ. ސިޓީއަށް މިހާތަނަށް ހޯދިފައި ނުވާ ޗެންޕިއަންސްލީގު ތަށި ހޯދުމަށް އަޅާ ފަހު ފިޔަވަޅު އެޅުމަށް މިރޭ ނިކުންނަނީ ވަރުގަފދަ އަޒުމެއްގައެވެ.
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ފައިނަލަށް ދަތުރު ކުރުމަށް ދަނޑުމަތީގައި ކުރަންޖެހޭ ކުރިހާ މަސައްކަތެއް ކުރުމުގެ ވަރުގަދަ އަޒުމުގައެވެ. އަނެއްކޮޅުން މިރޭ ސިޓީއާއި ވާދަކުރަނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު މެޑްރިޑާއި ދެކޮޅަށެވެ. އެޓީމުންވަނީ މިމުބާރާތް 13 ފަހަރު ކާމިޔާބުކޮށްފައެވެ. ސިޓީން ގަބޫލު ކުރާ ގޮތުގައި މިއީ ތާރީހު ބަދަލުކޮށްލަން ލިބޭ ފުރުސަތެކެވެ. ސިޓީ ވަނީ މިދިޔަ އަހަރުގެ ފައިނަލުގައި ޗެލްސީ އަތުން 1-0 އިން ބަލިވެފައެވެ.
ރެއާލާއި ސިޓީ ވަނީ 2015-2016 ވަނަ ސީޒަނުގެ ސެމީ ފައިނަލާއި 2019-2020 ވަނަ އަހަރުގެ ގަދަ 16 ބުރުގައި ވާދަކޮށްފަ އެވެ. އެ ގޮތުން 2015-2016 ވަަނަ އަހަރުގެ ސެމީ ފައިނަލުގައި ސިޓީ ދަނޑުގައި ކުޅުނު ލެގު 0-0 އިން އެއްވަރުވިއިރު، ރެއާލް އަމިއްލަ ދަނޑުގައި 1-0 އިން މޮޅުވީ ސިޓީގެ ފެނާންޑީނިއޯ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އޭގެ ފަހުން 2019-2020 ވަަނަ ސީޒަނުގެ ގަދަ 16 ބުރުގެ ދެ ލެގުން ވެސް ސިޓީ މޮޅުވީ 2-1 އިންނެވެ.
ރެއާލްގެ ސަންޓިއާގޯ ބާނަބައުގައި މިރޭ ކުޅޭ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގެ ކުޅުން ފަށާނީ ރާއްޖެ ގަޑިން 00:00 ގައެވެ.
ކޮމެންޓު ފޮނުވާ