އިނގިރޭސި ޕްރިމިއާ ލީގު އެންމެ ފުލުގައި އޮތް ނޯރިޗް ސިޓީ ރެލިގޭޓް ވެއްޖެއެވެ.
މިއީ ނޯރިޗް ސިޓީން އިނގިރޭސި ޕްރިމިއާ ލީގު ފުލަށް ގޮސްގެން އެންމެ ފަހު ތިން ސީޒަނުގައި ރެލިގޭޓް ވި ދެވަނަ ފަހަރެވެ.
ނޯރިޗް ރެލިގޭޓް ވީ ރޭ ލީގުގައި އެސްޓަން ވިލާ އަތުން 2-0 އިން ބަލިވެގެންނެވެ. އެސްޓަން ވިލާގެ ލަނޑުތައް ޖަހައިދިނީ އޮލީ ވަޓްކިންސް އާއި ޑެނީ އިންގްސްއެވެ. މި ނަތީޖާއާއެކު ނޯރިޗް ސިޓީ އަށް ލީގުގައި ބާކީ ހަތަރު މެޗު އޮތްއިރު އެޓީމު ފުލުގައި އޮތީ 21 ޕޮއިންޓާ އެކުއެވެ. އެ ޓީމަށް މޮޅު ވެވުނީ ފަސް މެޗުންނެވެ.
ލީގު 17 ވަނައިގައި އޮތް ލީޑްސް ޔުނައިޓެޑާއި 16 ވަނައިގައި އޮތް ބާންލީ އަށް ވެސް ބާކީ ހަތަރު މެޗު އޮތްއިރު ދެ ޓީމަށް ވަނީ 34 ޕޮއިންޓް ލިބިފަ އެވެ. ނޯރިޗުގެ ބާކީ ހަތަރު މެޗު ކާމިޔާބު ކޮށްގެން ވެސް އެޓީމަށް ހަމަކުރެވޭނީ 33 ޕޮއިންޓެވެ.
ނޯރިޗާ އެކު ރެލިގޭޝަނުގައި އޮތީ 19 ވަނައިގައި އޮތް ވަޓްފޯޑާއި 18 ވަނައިގައި އޮތް އެވަޓަންއެވެ. އެވަޓަން މިރޭ ޗެލްސީއާ ދެކޮޅަށް ކުޅޭނެއެވެ.
ކޮމެންޓު ފޮނުވާ