ބާސެލޯނާ ބަލިކުރި ފްރެންކްފާޓުން ވެސްޓް ހޭމްވެސް ބަލިކޮށްފި

ބާސެލޯނާ ބަލިކުރި ފްރެންކްފާޓުން ވެސްޓް ހޭމްވެސް ބަލިކޮށްފި

Author
މުޙައްމަދު ޝަޒައިމް
29 އޭޕްރިލް 2022 11:27
0

ޔޫރޮޕާ ލީގު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޖަރުމަންގެ އެއިންޓްރެކްޓް ފްރޭންކްފާޓުން ރަށުން ބޭރުގައި 2-1 އިން އިނގިރޭސިވިލާތުގެ ވެސްޓް ހޭމް ޔުނައިޓެޑް ބަލި ކޮށްފިއެވެ.

ކުއާޓާ ފައިނަލުގައި ބާސެލޯނާ ބަލިކުރި ފްރެންކްފާޓުން ވަނީ ލަންޑަނުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ މިނިޓުގައި ލަނޑު ޖަހައި ލީޑު ނަގައިފައެވެ. ރަފައެލް ބޯރޭ ނެގި ހުރަހެއް ވެސްޓް ހޭމްގެ ޑިފެންޑަރު ޕަބްލޯ ފޯނަލްސް ކައިރިން އަރައި މި ލަނޑު އެޓީމަށް ޖަހައިދިނީ އަންސްގާ ކްނައޮފްއެވެ. ނަމަވެސް މެޗުގެ 21 ވަނަ މިނިޓްގައި ކާޓް ޒޫމާ ދިން ބޯޅައަކުން މިކޭލް އެންޓޯނިއޯ ވަނީ ވެސްޓް ހޭމަށް އެއްވަރުކޮށްދީފައެވެ.

ފްރޭންކްފާޓުން ރަނގަޅަށް ކުޅެގެން ދެ ވަނަ ހާފުގައި އަލުން ލީޑުނެގިއެވެ. އެ ޓީމުގެ ގޯލު ޖެހީ މެޗުގެ 54 ވަނަ މިނިޓްގައި ޖަޕާންގެ މިޑްފީލްޑަރު ޑައީޗީ ޔަމާޑާއެވެ. އޭގެ ފަހުން އިތުރު ގޯލެއް ޖަހަން ޔަމާޑާ އަށް ފުރުސަތު ލިބުނު ނަމަވެސް ގޯލަކަށް ހަދައިލެވޭ ގޮތެއްނުވިއެވެ.

ވެސްޓް ހޭމަަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދޭން އެ ޓީމުގެ ތަރި ޖެރޮޑް ބޮވެން ޖެހި އެކްރަބެޓިކް ކިކް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އޭގެ އިތުރުން ވެސް ގޯލު ކުރިމައްޗަށް ހުރަސްކޮށްގެން ވެސްޓް ހޭމް އިން ދެ ވަނަ ގޯލެއް ޖެހޭތޯ ގިނަ ގޮތްގޮތުން ބެލި ނަމަވެސް އޭގެއިން ފުރުސަތެއް ގޯލަކަށް ހަދައިނުލެވުނެވެ.

ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗުތައް އޮންނާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.