ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ކުރިން އެމަޤާމަށް ވާދަކުރާ އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް އެމްޑީޕީން ވަކިނުކޮށްފިއްޔާ ކިތަންމެހާވެސް ރަނގަޅުކަމަށް، ފަޔާއާއިއެކު އަންހެނުންގެ ކޮމެޓީގެ ރައީސް ަކމުގެ މަޤާމަށް ވާދަކުރައްވާ ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕޭންގެ ތަސައްވަރު ކިލަނބުވާ ގޮތަށް، އިންތިހާބަށް ނުފޫޒު ފޯރުވައި ވަކި ފަރާތަކަށް ކަންކަން ފަހިވާ ގޮތަށް އެމްޑީޕީގެ ޝަކުވާ ބަލާ ކޮމިޓީން ނިންމި ނިންމުމާއި ގުޅޭގޮތުންނެވެ. ކޮމިޓީގެ ޝަކުވާތައް ނިންމައި ޖަވާބުދިނީ ހުށަހެޅިތާ ގާތްގަނޑަކަށް ތިން ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
މިކަމާއިގުޅިގެން ރޮޒޭނާ ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕްގައި މިހާރު ތިއްބެވި ބޭފުޅުންނާއި، ކޮމެޓީތަކުގައި ތިއްބެވި ބޭފުޅުން ފަޔާއައިމެދު އަމަލު ކުރަމުންދާ ގޮތުން ކުރިއަށް އޮތް އިންތިޚާބުގެ ކުރިން ފަޔާ އެމްޑީޕީން ކަނޑާނުލައިފިއްޔާވެސް ރަނގަޅުކަމަށެވެ. އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްގެ އޮފީސް ކުރިމަތީގައި ކެމްޕެއިން ހަރަކާތްތައް ހިންގެވިއިރު އެކަން ކޮމެޓީތަކަށް ނުފެނުނަމަކީ ނުފޫޒާއި ބާރުގެ ވާހަކަ ދައްކަން ލަދުގަނަންނެޖެހޭ ކަމެއްކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
އިންތިޚާބު ނިމުމުގެ ކުރިން ފަޔާ ޕާޓީން ކަނޑާ ނުލައިފިއްޔާ ކިތަންމެހާވެސް ރަނގަޅު. ދައުލަތުގެ ނިޝާން ޖަހާފައި ހުރި ކުރީގެ ރައީސެއްގެ އޮފީސް ކެމްޕެއިން ޖަގަހައަކަށް ހެދި ބަޔަކު ނުފޫޒުގެ ވާހަކަ މިދައްކަނީ.
– ރޮޒޭނާ ވިދާޅުވިއެވެ.
އައްޑޫގައި އިންތިގެ ޓީމުން ކުރަމުންދާ ކެމްޕެއިންގައި ބޭނުންކުރާ ރަސްމީ ޖަގަހައަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަސްމީ އޮފީހެވެ. އެއޮފީސް ކުރިމަތީގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަނީ އެއޮފީސް ކުރިމަތީގައި ބޮޑު ޖަލްސާތައް ބައްވައި ހަރަކާތްތައް ހިންގުމުން ރައީސް ނަޝީދު ހުންނެވީ ކޮންގޮތަކަށް ސާފުވާނެކަމަށެވެ.
ކެމްޕެއިނަށް ނުފޫޒު ފޯރުވާ ކަމަށްބުނެ އެމްޑީޕީގެ ޝަކުވާ ބަލާ ކޮމެޓީން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ފައްޔާޟު ވަނީ ނިންމާފައެވެ. ފައްޔާޒްގެ ޓީމުން ނެރުނު ނޫސް ބަޔާނުގައި ބުނީ ޕާޓީގެ ގުނަންތަކުން އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ ކަން އެ ނިންމުންތަކުން އެނގޭ ކަމަށެވެ. އެ ނިންމުންތައް ހުރީ ޕާޓީން އާއްމުކޮށްފައިވާ ގަވާއިދުތަކާއި އަމަލުކުރާ އުސޫލްތަކާ ހިލާފަށް ކަމަށް ވެސް ބަޔާނުގައިވެއެވެ.
ފުރަތަމަ ކަމަކަށް ފާހަގަކޮށްފައި ވަނީ ގަވާއިދާ ހިލާފަށް އެކުލަވާލާފައިވާ ކޮމިޓީއަކުން ޝަކުވާތައް ބެލުމެވެ. އެ ކޮމިޓީގައި ތިއްބަވަނީ ޑރ. މުސްތަފާ ލުތުފީ އާއި އަލީ ޝިޔާމްގެ އިތުރުން ފަރީޝާއެވެ. ފައްޔާޒްގެ ކެމްޕޭން ޓީމުން ބުނީ އެމްޑީޕީއަކީ އަމަލުކުރަން ޖެހޭ ގަވާއިދުތައް ވަރަށް ސާފުކޮށް ލިޔެ އާއްމުކޮށްފައިވާ ޕާޓީއަކަށް ވާ އިރު ޝަކުވާ ބަލާ ކޮމިޓީން އުސޫލްތަކާ ހިލާފުވެފައިވާ ކަމަށެވެ. އެ ނިންމުންތަކުގެ ސަބަބުން ކެންޑިޑޭޓުގެ ހައްގުތަކެއް ގެއްލި ވާދަވެރި ކެންޑިޑޭޓަށް ފަހިވާ ކަމަށް ވެސް ބުނެފައިވެއެވެ. އެ ނިންމުންތައް ކެމްޕޭން ޓީމުން ވަނީ ކުށްވެރިކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ