ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި، އަމާޒަކީ އަބަދުވެސް ރައްޔިތުންނަށް ޚިދުމަތް ކުރުންކަމަށް އެމްއެންޕީގެ ރައީސް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވަނީ މި ޕްރޮގުރާމުގައި ސިޔާސީ މިސްތަގުބަލާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. ސިޔާސީ މަަސައްކަތަށް ނިކުމެވުނީ 2012 ވަނަ އަހަރު ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ހިނގަދިޔަ ކަންކަމަށްފަހު އޭރުގެ ރައީސް ޑރ.ވަހީދު ޑިފެންސް މިނިސްޓަރަކަށް ހުށަހެޅުމުން އާއިލާއާއި މަޝްވަރާކޮށް މިނިސްޓަރަކަށް އައި ހިސާބުންކަމަށެވެ.
އެދުވަހަށްފަހު ނިމިދޔަ ރައީސް ޔާމީންގެ ވެރިކަން ފެށިގެން އައިރު ރައީސް ޔާމީނާއި ވަރަށް ގާތް ގުޅުމެތް އޮތް ކަމަށާއި، އަދި ވެރިކަމަށް ގެނަން ކުރި މަސައްކަތާއިއެކު ޑިފެންސް މިނިސްޓަރަކަށް އައްޔަން ކުރެއްވި ކަމަށެވެ. ނަމަވެސް އޭގެ މާގިނަ ދުވަސްތަކެއް ނުވަނީސް ބޮޑެތި ތުހުމަތުތަކެއްކޮށް، ފްރޭމްކޮށްގެން ވަރަށް އަނިޔާވެރިކޮށް ޖަލަށް ލެއްވިކަމަށާއި، މިއީ ހަޔާތުގައި އަބަދުވެސް އެންމެ ހަނދާން ހުންނަ އެއް ހާދިސާކަމަށް ނާޒިމް ވިދާޅުވިއެވެ. މިހާދިސާގައި މިކަން ކުރި މީހުންނަށް މަޢާފްކުރި ނަމަވެސް މިކަން ހިނގަދިޔަ ގޮތް އަދާއިހަމަޔަށްވެސް ބެލި އިންސާފު ލިބިފައި ނުވާކަމަށް ނާޒިމް ވިދާޅުވިއެވެ.
އަޅުގަނޑު ޖަލަށް ލުމުން، އަޅުގަނޑު ހުރީ ގޮތް ދޫކުރާ ގޮތަކަށްނޫން. އަޅުގަނޑަށް އެނގޭ ބޭއިންސާފުންކަން ޖަލަށްލީ. ސަލާމަތްވާނެކަން. ޖަލުން ސަލާމަތްވެގެން ހިތަށް އެހީ ދެން ކުރިއަށްދާނީ ސިޔާސީ ދާއިރާއިންނޭ. އެހެންވެ ހިތަށްއެރީ ރައްޔިތުންގެ ޚިދުމަތް އޮތްވަރެއް ބަލަން އަނެއްކާވެސް ރައްޔިތުންގެ ކައިރިއަށޭ ދާނީ. އިރާދަ ކުރެއްވިއްޔާ މިފަހަރުގެ މަޖިލިސް އިންތިޚާބުގައި އެންމެ ތަފާތު ބޮޑުކޮށް ރައްޔިތުންގެ އެންމެ ގިނަ ވޯޓުން އިންތިޚާބުވި އެއް މެމްބަރަކީ އަޅުގަނޑު.
– ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ސިޔާސީ ގޮތުން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ލިބޭ ކޮންމެ ފުރުސަތެއްގައިވެސް އެކަން ބަލައި ގަންނަނީ ޤައުމީ ޚިދުމަތެއްގެ ގޮތުގައެވެ. އަދި މިހާރު އަމާޒަކީ ޕާޓީއެއްވެސް އުފަންވެ އެމަސައްކަތުގައިވެސް ކުރިއަށް ދެވޭތީ އަމާޒަކީ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ނިކުތުންކަމަށެވެ.
އަޅުގަނޑު އެމްއެންޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރާނަން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް ރައްޔިތުން ފުރުސަތު ދީފިކަމުގައިނަމަ، ޤައުމަށް ބަދަލު ގެންނާނަން.
– ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގައި އަދިވެސް ބޮޑެތި ގިނަ މައްސަލަތައް އެބަހުރިކަމަށެވެ. އަތޮޅު ތެރޭގެ ރަށްތަކަށް ދިއުމުން ރައްޔިތުން ކަންކަމުގައި ބޭނުންވަ މިންވަރާއި ބާކީ ކޮށްފައިވާ މިންވަރު ފެންނަކަމަށެވެ. އެކަންކަން ބަދަލު ކުރެވޭނީ އެޝައުގުވެރިކަމާއި އަޒުމުގައި މަސައްކަތް ކުރެވޭ މީހުންނަށް ކަމަށާއި، އެމްއެންޕީން އެއަމާޒަށް ވާސިލް ވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ