ގެއަކަށްވަދެ ގޭސްފުޅިއެއް ވަގަށް ނެގިމީހަކު ހަތަރު މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މާލޭގެ ހެންވޭރު ސަރަހައްދުގައި ހުންނަ ގެއެއްގެ ފުރަތަމަ ފަންގިފިލާއަށް ވަދެ އެގޭގެ ބަދިގެއިން ގޭސްފުޅިއެއް ނަގައިގާފައިވަނީ މިއަހަރުގެ ފެބްރުއަރީ 8ގެ މެންދުރުފަހުގެ ވަގުތެއްގައެވެ. މި މައްސަލާގައި ވައްކަން ކުރި މީހާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެއެވެ. އެއީ ވައްކަން ކުރުމުގެ ކުށުގެ ދައުވާގެ އިތުރަށް އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއެވެ.
އޭނާ ވަނީ މި ދެ ދައުވާއަށްވެސް އިއުތިރާފްވެފައެވެ. އޭނާ ބުނީ އެއީ އޭނާ ކުރިކަމެއްކަމަށާއި، އެކަންކުރީ މަސްތުވާތަކެތި ބޭނުންކުރުމަށް ފައިސާ ހޯދުމަށްކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ބުނީ އެ ގެއަށް ދެފަހަރެއްގެ މަތިން ވަދެފައިވާނެކަމަށެވެ. ފުރަތަމަ ވަދެފައި މީހަކު އުޅޭތޯ ބެލުމަށް ފަހު ބޭރަށް ނުކުތީ ކަމަށާއި އެއަށް ފަހު ދެވަނަ ފަހަރަށް ވަދެ ގޭސް ފުޅި ހިފައިގެން ނުކުތީކަމަށް އޭނާ ކިޔައިދިނެވެ.
ނަމަވެސް އޭޑީކޭއާއި ހަމައަށް ދެވުނުތަނާ އެގޭގެ މީހަކު އައިސް އޭނާގެ ނިތްކުރީގައި ޖެހުމުން، އެ ގޭސްފުޅި މަގުމަތީގައި ބަހައްޓާފައި ދުވެފައި ދިޔައީކަމަށް އޭނާ ބުންޏެވެ.
އަވަސް ނިޔާގެ މަތިން ކުރިއަށްގެންދިޔަ މި ދައުވާ ސާބިތުވެ ވައްކަން ކުރުމުގެ ދައުވާއަށް 27 ދުވަހުގެ ޖަލު ހުކުމެއް އަދި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާއަށް ތިން މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ.
ކޮމެންޓު ފޮނުވާ