ފުރަތަމަ ލެގު ކާމިޔާބުކޮށް، ސިޓީ ފައިނަލުގެ އުންމީދުގައި

ފުރަތަމަ ލެގު ކާމިޔާބުކޮށް، ސިޓީ ފައިނަލުގެ އުންމީދުގައި

Author
މުޙައްމަދު ޝަޒައިމް
27 އޭޕްރިލް 2022 09:15
0

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި މިރޭ މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި ފޯރިގަދަ ކުޅުމަކަށް ފަހު 4-3 އިން ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ.

އަންނަ ހަފްތާގައި ރެއާލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗުން އެއްވަރުކޮށްލައިގެން ވެސް ސިޓީ އަށް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދޭނެއެވެ.

ސިޓީން ވަނީ މެޗު ފެށިގެން 95 ވަނަ ސިކުންތުގައި ރެއާލް ކޮޅަށް ފުރަތަމަ ލަނޑު ޖަހައިފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މިދިޔަ ސީޒަނުގައި ޕެރިހުގައި ކުޅުނު ސެމީ ފައިނަލް ފުރަތަމަ ލެގުގައި ވެސް ފުރަތަމަ ލަނޑު ޖެހި ކެވިން ޑިބްރޭނާއެވެ. ރިޔާދް މަހްރޭޒް ނަގައިދިން ބޯޅަ އޭނާ ވަނީ ކައިރީ ހުރި ޑެނީ ކާވަހާލް ހުރަސް އެޅުމުގެ ކުރިން ބޮލުން ގޯލަށް ފޮނުވާލައިފައެވެ.

ރެއާލް އަށް މެޗުގައި ހަމަލާއެއް ފޮނުވާ ނުލެވެނީސް 11 ވަނަ މިނިޓުގައި ސިޓީގެ ދެވަނަ ލަނޑު ޖެހީ ގެބްރިއެލް ޖީސަސްއެވެ. ރެއާލްގެ ފުރަތަމަ ލަނޑު 30 ވަނަ މިނިޓުގައި އަލަބާ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައަކުން ޖަހައިދިނީ ކަރީމް ބެންޒެމާއެވެ. ސިޓީގެ ތިން ވަނަ ގޯލް 53 ވަނަ މިނިޓުގައި ފެނާންޑީނިއޯ ނަގައިދިން ބޯޅައެއް ބޮލުން ޖަހައިދިނީ ފޮޑެންއެވެ.

ސިޓީން ދެ ގޯލުގެ ލީޑެއް ނެގިތާ، ދެ މިނިޓް ފަހުން ރެއާލުން ވަނީ ދެ ވަނަ ގޯލެއް ޖަހައިފައެވެ. މެޗުގެ 54 ވަނަ މިނިޓްގައި މި ގޯލު ޖެހީ ވިނީޝިއުސް ޖޫނިއާއެވެ. ހާފުގެ މެދެއްހާ ހިސާބުން ފެނާންޑީނިއޯ ކައިރިން ދެމިގަތުމަށް ފަހު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ވިނީޝިއުސް ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފައެވެ.

ސިޓީގެ ހަތަރުވަނަ ލަނޑު 74 ވަނަ މިނިޓުގައި ޖަހައި ދިނީ މިޑްފީލްޑަރު ބެނާޑޯ ސިލްވާއެވެ. އެޓީމުގެ ޒިންޗެންކޯ، ރެއާލްގެ ޓޯނީ ކްރޫޒް ކައިރިން ނައްޓާލަން އުޅުމުގެ ތެރޭގައި ވެއްޓުމާ އެކު ގެއްލެން ދިޔަ ބޯޅަ ހޯދައި ބެނާޑޯ ސިލްވާ ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފައެވެ. ރެއާލުން އަނެއްކާ ވެސް ކުރިއަށް ޖެހިގެން ކުޅެން ފަށައި، ތިން ވަނަ ގޯލެއް ޖެހިއެވެ. މިއީ މެޗުގެ 81 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ބެންޒެމާ ޖެހި ގޯލެކެވެ. ރެއާލަށް ޕެނަލްޓީ ދޭން ނިންމީ ސިޓީގެ ލަޕޯޓް އަތުގައި ބޯޅައިން ޖެހުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.