ފޭދޫގައި ދަމާފައިހުރި ފައްޔާޟުގެ ކެމްޕެއިން ބެނާތަކެއް ކަނޑާލައި، ގެއްލުންދީފި

ފޭދޫގައި ދަމާފައިހުރި ފައްޔާޟުގެ ކެމްޕެއިން ބެނާތަކެއް ކަނޑާލައި، ގެއްލުންދީފި

Author
މުޙައްމަދު ޝަޒައިމް
26 އޭޕްރިލް 2022 10:29
0

އައްޑޫ ސިޓީ ފޭދޫގައި ދަމާހުރި އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރާ އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލްގެ ކެމްޕެއިން ބެނާތައް ކަނޑާލައި، ބެނާތަކަށް ގެއްލުންދީފިއެވެ.

އައްޑޫ ސިޓީއަކީ މިއިންތިޚާބުގެ ފޯރި އެންމެ ގަދަ އެއް ސަރަހައްދެވެ. އައްޑޫ ސިޓީގެ މަޖިލިސް މެމްބަރުން ތެރެއިން ދެމެމްބަރުން ފިޔަވައި ދެން ހުރިހާ މެމްބަރުން ތާއީދު ކުރަނީ ފައްޔާޟަށެވެ. އަދި އައްޑޫ ސިޓީގެ މޭޔަރާއި، ގިނަ އެމްޑީޕީ ކައުންސިލަރުންގެ ތާއީދުވެސް އޮފީ ފައްޔާޟަށެވެ.

އައްޑޫގައި ދަމާފައިހުރި ފައްޔާޟުގެ ކެމްޕެއިން ބެނާތައް ކަނޑާލައި ގެއްލުން ދިނުމުން، ފޭދޫ ދާއިރާގެ މެމްބަރު ނިހާދު ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި މިއީ ވަރަށް ނާތަހިޒީބު އަމަލެއްކަން ފާހަގަކޮށް، މިފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

އައްޑޫ ފޭދޫގައި ހުރި ފައްޔާޒުގެ ބެނާތައް ކަނޑާލައިފި. އަހަތުން ގޮސް އަލުން މަރަމާތު ކުރީ! ވަރަށް ނާތަހުޒީބު ދޯ! އެންމެ ފުރަތަމަ އެފަދަ އެފަދަ ގެއްލުމެއް ލިބުނީ ފަޔާގެ ބެނާތަކަށްދޯ؟

– ނިހާދު ވިދާޅުވިއެވެ.

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ޗެއާޕަސަން އިންތިހާބުގެ ވަރުގަދަ ވާދަވެރިކަމުގެ ތެރެއިން ޕާޓީގެ ތެރޭގައި ދެ ފެކްޝަން އުފެދި މެމްބަރުން ޒާތީވެ، ޒުވާބު ނުކުރުމަށް އެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ އެމްޑީޕީ މެމްބަރުންނަށް ޚާއްސަ އިލްތިމާސެއްވެސް ކޮށްފައެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގެ ކެމްޕޭން ދެ ބޭފުޅުން ވެސް ވަރުގަދައަށް ކުރައްވަމުން ގެންދަވާއިރު، ދެ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ މެމްބަރުންގެ މެދުގައި އަރައިރުން ބޮޑުވެ، އެއް ފެކްޝަނުން އަނެއް ފެކްޝަނުން ދަނީ ބޮޑެތި ތުހުމަތުތަކާއެކު ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. މިގޮތުން، ހަށި ވިއްކުމާއި ރާ ބުއިމާއި އަދި ޒިނޭ ކުރާކަމުގެ ތުހުމަތުތައް ވެސް އެ ގުރޫޕުގައި ވަނީ ކޮށްފައެވެ.

އެ އަރައިރުމާ ގުޅިގެން ފައްޔާޒް ވަނީ ދިގު މެސެޖެއް ކުރައްވައި، އެއްވެސް މެމްބަރަކު ޒާތީ ނުވުމަށް އިލްތިމާސް ކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ގުރޫޕުގައި އެ އަރައިރުން އެ މިންވަރަށް ހޫނު ވެގެން ދިޔައިރު، ޕާޓީގެ ލީޑަޝިޕުން އެއްޗެއް ވިދާޅުވާނެ ކަމަށް އުންމީދު ކުރެވުނެވެ. ނަމަވެސް، މަސްރަހު ފިނިކުރަން ލީޑާޝިޕުން އެއްވެސް އެއްޗެއް ނުބުނާތީ ފައްޔާޒް ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފައެވެ.

ފައްޔާޒް ވިދާޅުވީ މެމްބަރުންގެ މެދުގައި ޒާތީނުވެ، އިންތިހާބުގެ ކެމްޕޭނު ކުރިއަށް ގެންދަން އެދިވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.