ހދ. ކުމުންދޫގައި ބޭއްވި އަންހެނުންގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ކަން ސީއެސް ވިމެންސް ހޯދައިފިއެވެ.
ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭ.ވައި.އެސް)އިން ނަސްރުގެ ދުވަހުގެ މުނާސަބަތުގައި "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020″ ގެ ނަމުގައި ކުރިއަށްގެންދިޔަ މި މުބާރާތް ސީއެސް ވިމެންސް ކާމިޔާބުކުރީ ފައިނަލް ގައި ސަންދިޔާ އާއި ވާދަކޮށް 5-0އިން މެޗް ކާމިޔާބު ކޮށްގެންނެވެ. ލީގު އުސޫލުން ކުރިއަށްގެންދިޔަ މި މުބާރާތުގެ ތަށި ސީއެސް ވިމެންސް އުފުލާލީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ އެވެ.
ރޭ ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗްގައި ސީއެސް ވިމެންސްގެ ދެ ލަނޑަކީ ސަންދިޔާއިން ބައިކޮޅަށް ޖެހި ދެ ގޯލެވެ. އަނެއް ތިން ލަނޑު ޖަހައިދިނީ ސީއެސް ވިމެންސްގެ ސާއިދާ މޫސާ އާއި ރާއިދާ މޫސާގެ އިތުރުން މުބާރާތުގެ ކުއީން އޮފް ދަ ޓޯނަމެންޓް ޝަހުލާ އާދަމެވެ.
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ ސީއެސް ވިމެންސްގެ ސަލްމާ ހަސަން، ސަންދިޔާގެ ރާޝިދާ މޫސާ، ޒީރު ސްޓާސްގެ ހަނީފާ އަބްދުﷲ، ޓާފް ކުއީންގެ ޝަހީމާ ހަސަންގެ އިތުރުން ސީއެސް ވިމެންސްގެ ޝަހުލާ އާދަމެވެ.
ޖުމްލަ 5 ޓީމު ވާދަކުރި މި މުބާރާތަކީ ހދ. ކުމުންދޫގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތެވެ. މުބާރާތް އިނތިޒާމުން ކުރި ކުމުންދޫ ޔޫތް ސްޕޯޓްސް އިން ބުނީ މި މުބާރާތަކީ އެ ޖަމިއްޔާގެ ހަރަކާތްތައް 2011 ވަނަ އަހަރުން ފެށިގެން ހުއްޓިފައި އޮތުމަށް، އަލުން ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔަ މުބާރާތެއް ކަމަށެވެ.