ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅި މަސައްކަތްތަކުގެ ތެރެއިން %49.6 މަސައްކަތް ނިންމާފައިވާކަމަށް މަޖިލީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތް ނިންމައި ކުރު ޗުއްޓީއަކަށް ގޮސްފައިވަނީ އިއްޔެއެވެ.
މަޖިލީހުގެ ފުރަތަމަ ދައުރުގައި ޗުއްޓީގެ ގޮތުގައި ލިބޭނީ ދެހަފްތާއެވެ. ފުރަތަމަ ދައުރުގެ ތެރޭގައި ބޭއްވި 35 ޖަލްސާގައި މަޖިލިސް މެމްބަރުން ތަޅުމުގައި 71 ގަޑިއިރު ހޭދަ ކުރައްވާފައިވާކަމަށެވެ. އަދި ބޭއްވި 170 ކޮމިޓީ ބައްދަލުވުމުގައި 134 ގަޑިއިރު މެމްބަރުން ހޭދަ ކުރައްވާފައެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ކުރެވުނު މަސައްކަތްތައް:
– ހުށަހެޅި 28 ބިލުގެ ތެރެއިން 8 ބިލުގެ މަސައްކަތް ނިންމި
– ހުށަހެޅި 10 ޤަރާރުގެ ތެރެއިން 2 ޤަރާރުގެ މަސައްކަތް ނިންމި
– ސަރުކާރުން ހުށައެޅި 8 މައްސަލައިގެ ތެރެއިން ނިމުނީ 7 މައްސަލަ
– މެމްބަރުން ހުށަހެޅި 10 މައްސަލައިގެ ތެރެއިން 4 މައްސަލަ ނިންމި
– ވަޒީރުންނާއި ކުރުމަށް ހުށައެޅި 49 ސުވާލުގެ ތެރެއިން 26 ސުވާލު ކުރެއްވި
– ހުށައެޅި 12، ކުއްލި މައްސަލަ ނިންމި
މި މަސައްކަތްތަކާއެކު މަޖިލީހުގެ ފަހު ދައުރުގައި ނިންމިފައިވަނީ %49.6 މަސައްކަތް ވަނީ ނިންމާފައެވެ. މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ އީދު ބަންދަށް ފަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ދުވަސްތައް ސްކޫލުތަކުގެ ޗުއްޓީ ދުވަސްތަކާއި ދިމާވާ ގޮތަށް ބަދަލު ގެނައިފަހުން، އަހަރުގެ ތެރޭގައި އަންނަ މަޖިލީހުގެ އެންމެ ކުރު ދައުރަކީ މަޖިލީހުގެ 2 ވަނަ ދައުރެވެ. މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ.
ކޮމެންޓު ފޮނުވާ