އޭޝިއާގެ އެންމެ މޮޅު ޑިޕްލޮމެޓަކަށް ޑރ. ފަރަހަނާޒް

އޭޝިއާގެ އެންމެ މޮޅު ޑިޕްލޮމެޓަކަށް ޑރ. ފަރަހަނާޒް

Author
މުޙައްމަދު ޝަޒައިމް
26 އޭޕްރިލް 2022 12:51
0

އޭޝިއާ ބައްރުގެ އެންމެ މޮޅު ޑިޕްލޮމެޓަކަށް ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ހޮވިއްޖެއެވެ.

ޑރ.ފަރަހަނާޒް ފައިސަލް އަލީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށް، އައިއެމްއޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުވެސް މެއެވެ. އިނގިރޭސި ވިލާތުގެ ޑިޕްލޮމެޓިކް މެގަޒިން އިން ކޮންމެ އަހަރަކު ހޮވާ މި އެވޯޑަށް ޑރ.ފަރަހަނާޒު ހޮވުނީ އޭޝީއާއި އަދި އޯޝޭނިއާގެ ޤައުމުތަކުގެ ޑިޕްލޮމެޓުންނާއި ވާދަކުރުމަށް ފަހުއެވެ. ޑރ.ފަރަހަނާޒް އަށް މިއެވޯޑް ހަވާލުކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އިނގިރޭސިވިލާތުގެ ޑިޕްލޮމެޓިކް ކޯގެ މާޝަލް ކަމަށްވާ ވިލިއަމް އެލިސްޓާ ހެރިސަންއެވެ.

ޑރ.ފަރަހަނާޒަށް މިއެވޯޑް ލިބުމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އެކަމަނާއަށް މަރުހަބާ ވިދާޅުވެފައެވެ. މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓުގައި ވަނީ ރާއްޖޭގެ މަސްލަހަތު ހިމާޔަތްކޮށް ކުރިއެރުވުމަށް ޑރ.ފަރަހަނާޒް ކުރައްވާ މަސައްކަތަށް ތަޢުރީފް ކުރައްވާފައެވެ.

ދިވެހި އަންހެން ބޭފުޅުންގެ ތެރެއިން އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލުކުރެއްވި ޑރ. ފަރަޙްނާޒް ޕީއެޗްޑީ ހާސިލްކުރެއްވީ ޕޮލިޓިކްސްގެ ދާއިރާއިން، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ހަލް އިންނެވެ. އެކަމަނާ މިހާރުވެސް ގެންދަވަނީ އިނގިރޭސިވިލާތުގެ ސަފީރުގެ އިތުރުން އަޔަލެންޑާއި ސްޕެއިން އަދި ފްރާންސްގެ ނޮން ރެސިޑެންޝަލް ސަފީރުގެ މަގާމު ވެސް ފުރުއްވަމުންނެވެ. މީގެ ކުރިންވެސް ޑރ. ފަރަޙްނާޒް ވަނީ، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމާއި، ޑެންމާކް، ފިންލެންޑް، ފަރަންސޭސިވިލާތް، ނޯވޭ، ސްޕެއިން އަދި ސްވިޑްން އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑަރކަން ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.