ދުނިޔޭގެ ގައުމުތައް ތަރައްގީއާއި ތަމައްދުނުގެ ރޮގުން ކުރިއަރައިދިޔައީ، ހަމައެކަނި އެގައުމުތަކަށް ލިބިގެން ގޮސްފައިވާ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން އެކަނި ކޮށްގެނެއް ނޫނެވެ. އަދި ތަރައްގީގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެންމެ މުހިންމު ވަސީލަތަކީ ގައުމަށް ލިބޭ އާމްދަނީއާއި ދައުލަތުގެ ބަޖެޓް ނޫންކަންވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނަޒަރެއް ހިންގާލުމުން މިއަދު ފެންނާން އެބައޮތެވެ.
އަދި މީގެ ހެކިތައް ރާއްޖޭގެ ވަށައިގެން އެކި ގައުމުތަކުން ފެންނާން އެބަހުރިވެސް މެއެވެ. މާދުރުނޫން، ވިޔަފާރިއާއި ދަތުރުފަތުރުގެ ގޮތުން ރާއްޖެއާއި ގާތް ގުޅުމެއް އޮންނަ، އޭޝިއާ ބައްރަށް ނިސްބަތްވާ ސިންގަޕޯއަކީ މީގެ އެންމެ ފުރިހަމަ، ދިރުހުރި އެއް މިސާލުކަމުގައި ދަންނަވާން ޖެހެއެވެ.
ސަބަބަކީ މީ 57 އަހަރު ކުރިން، 1965ވަނަ އަހަރު ސިންގަޕޯރއަށް މިނިވަންކަން ލިބުމާއި ހަމައަށްވެސް، އަދި އޭގެ ފަހުންވެސް އެގައުމަކީ ފަގީރު، އިގްތިސާދީ މާގިނަ ވަސީލަތްތަކެއް ނެތް، ބިމުގެ ގޮތުންނާއި އާބާދީގެ ގޮތުންވެސް ކުޑަ ގައުމެއްގެ ގޮތުގައި އޮތް ގައުމެކެވެ. އެހެންނަމަވެސް، ގައުމުގެ ބާނީގެ ގޮތުގައި ސިންގަޕޯރ ބަލައިގަންނަ، އެގައުމުގެ އެންމެ ފުރަމަ ބޮޑުވަޒީރު ލީކުއާން ޔޫގެ ލީޑަރޝިޕްގައި އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ، ސިޔާސީ ގޮތުން ގައުމަށް ހަމެޖެހުން ގެނެސް، އެހެން ހުރިހާ ވިސްނުމަކުން ދުރުހެލިވެ، އިގްތިސާދީގޮތުން ގައުމު ނަގާ ކޮޅަށް ޖެހުމަށެވެ.
މިގޮތުން ހެދި ޕްލޭންތަކާއި، ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ގުދުރަތީ އެއްވެސް ވަސީލަތެއް އޭގެޒާތުގައި ނެތް ސިންގަޕޯރ، ބައި ގަރުނެއްހާ މުއްދަތުގައި ތަރައްގީގެ ނިސްބަތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ލިސްޓުގައި ވަނީ ހިމެނިގެން ގޮސްފައެވެ. ހަމަ އެފަދައިން، އަދުގެ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިގްތިސާދުތަކަށް ބަލާއިރު، ޖަޕާން ފަދަ ގައުމުތަކަކީ، ސިޔާސީގޮތުން އިންތިހާއަށް ހަމަޖެހުން އޮތް، އާންމު ކުރިމަތިލުންތަކާއި ސިޔާސީ ހަލަބޮލިކަމެއް ނެތް، ގައުމީ އެއްބައިވަންތަކަން ގާއިމް ކޮށްގެން ކުރިއެރުން ހޯދައިގެން ތަރައްގީގެ ކުރި ބޯއްޓާއި ހަމައަށް ވާސިލްވި ގައުމުތަކެވެ.

ހަމަ މިބީދައިން، ގުދުރަތީ ވަސީލަތްތައް އޭގެ އިންތިހާއަށް ހުރެމެ، އެހެންނަމަވެސް ގައުމުގެ އެތެރޭގެ ދާޚިލީ މައްސަލަތަކާއި، ގައުމަށް ވެރިވެފައި އޮތް ސިޔާސީ، މަޒަހަބީ ތަޅާފޮޅުންތަކުގެ ނަތިޖާއެއްގެ ގޮތުން އަދި މިއަދާއި ހަމައަށްވެސް އެ ގޮންޖެހުންތަކުން އަރައިގަނެވިފައި ނުވާ ގައުމުތައްވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނާން އެބަހުއްޓެވެ. މީގެ އެންމެ ގިނަ މިސާލުތައް މިއަދު ފެންނާން ހުރީ އަރަބި، މެދުއިރުމަތީގެ ސަރަހައްދުންނާއި އެފްރިޕާ ބައްރުންނެވެ. އިރާގް ފަދަ ގައުމުތަކަކީ، މުއްސަދި ތާރީޚެއް އޮތް، ގުދުރަތީ ވަސީލަތްތަކުގެ ގޮތުންވެސް އެހާމެ މުއްސަދި ގައުމުތަކެވެ. ހަމަ އެބީދައިން އެފްރިކާ ބައްރަށް ނިސްބަތްވާ ގިނަ ގައުމުތަކީވެސް، އަމިއްލަ މުއްސަދި ސަގާފަތެއް އޮތް، އަދި މައުދަނުގެ ވަސީލަތްތަކުން މުއްސަދި ގައުމުތަކެވެ.
އެހެންނަމަވެސް މި ދެންނެވުނު ގިނަ ގައުމުތަކަށް ފަގީރުކަން ވެރިވެ، ގައުމަށް ލިބިފައިވާ ވަސީލަތްތަކުގެ ބޭނުން ނުކުރެވި، ބޮޑެތި އަހުލީ ހަނގުރާމަތަކުގެ ތެރެއަަށް ޢަރަގުވެގެން ދާންމެދުވެރި ވެފައިވާ ހަގީގީ ސަބަބުތަކަކީ، ސިޔާސީ ބާރުވެރިކަން ހޯދުމަށް އެއްބަޔަކު އަނެއް ބައެއްގެ މެދުގައި އޮތް ދެބަސްވުންތަކާއި ތަޅާފޮޅުންތަކެވެ.
ރާއްޖޭގައި ސިޔާސީ ހަމަޖެހުމެއް ނެތް، އަބަދުވެސް އޮތީ ހަމަނުޖެހުން!
ޒަމާނީ ޑިމޮކްރަސީގައި ދިވެހިރާއްޖެ ކުރަމުން މިދާ ދަތުރުގައި، ފާއިތިވެދިޔަ 13 ވަރަކަށް އަަހަރު ފާއިތުވެގެން ގޮސްފައިވަނީ، ގައުމަށް ސިޔާސީ ހަމަޖެހުމެއް ނުގެނެވިއެވެ. 2008ވަނަ އަހަރު އާ ގާނޫނު އަސާސީއެއް ބަލައިގަތުމަށްފަހު، 3 ރިޔާސީ އިންތިޚާބެއް ބާއްވާ، 4 ރައީސުން ރާއްޖޭގައި ވެރިކަން ކޮށްފައިވެއެވެ.
އެހެންނަމަވެސް، މިއިން ކޮންމެ ވެރިއެއްގެ ވެރިކަން ނިމިދިއުމާއެކު، ރައީސްކަން ކުރައްވާފައި ދުރަށް ވަޑައިގަންނަވާ ބޭފުޅަކު ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުން ރާއްޖޭގައި މިއަދު މިވަނީ ސަގާފަތަކަށް ވެފައެވެ. ވެރީންގެ މައްޗަށް ޝަރީއަތްތައް ހިންގުމާއި، ބަދަލު ހިފުމުގެ އާދަ މިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވަކި ހިތްޕާލާފައެވެ. އިދިކޮޅުގައި ތިބޭ ބައެއްގެ އެންމެ މުހިންމު އެއް ވައުދަކަށް ރާއްޖޭގައި ވެގެން ގޮސްފައިވާތަން މިފެންނަނީ، އަބަދުވެސް އޭރަކު ހުންނަވާ ރައީސަކު ޖަލަށް ލާނޭކަމުގެ ވައުދެވެ.
މިގޮތުން، މިރާއްޖޭގައި އުފެދިގެން ގޮސްފައިވާ ސިޔާސީ ހަމަނުޖެހުންތަކުގައި، ފާއިތުވެދިޔަ ތަނުގައި އާންމުންގެ މުދަލަށާއި، ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ގޮސްފައިވާއިރު، އޭރަކު އޮންނަ ސަރުކާރަކާއި ދެކޮޅަށް މުޒާހިރާކުރުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ވެގެންގޮސްފައިމިވަނީ ސަގާފަތަކަށެވެ. ފެޝަނަކަށެވެ. ސިޔާސީ މުޒާހިރާއަކަށް ނިކުމެ، ފުލުހުންނާއި ކުރިމަތިލާ މަންޒަރުގެ ފޮޓޯއެއް ނަގާލުން ރާއްޖޭގައި މިއަދު ފެޝަނަކަށް ވެގެން ގޮސްފައި ވުމުގެ އިތުރުން، އެއީ ފަޚުރެއްކަމުގައި ދެކޭ މީހުން ގިނަވެއްޖެއެވެ. ފުލުހުންނާއި ކުރިމަތިލާ މަންޒަރުގެ ފޮޓޯއެއް ލިބޭތޯ މުޒާހިރާތަކަށް ނިކުންނަ މީހުންގެ އަދަދު، ހަގީގީ ޖަޒަބާތުގައި މުޒާހިރާ ކުރާ މީހުންގެ އަދަދަށްވުރެ މިއަދު މިވަނީ ގިނަވެފައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، ގައުމުގެ ހަމަޖެހުމާއި، އިގްތިސާދީ ކުރިއެރުމާއި، އަދި ޚުދު ތިމާމެންގެ އަމިއްލަ ފުދުންތެރިކަމާމެދު ވިސްނާ މީހުން މަދުވެ، މުޅި މުޖުތަމަޢުގެ ވިސްނުން މިއުސޫލުން ބަދަލުވެގެން ދިއުމުން މީގެ ނޭދެވޭ އަސަރު ގައުމީ އުފެއްދުންތެރިކަމުން ފެންނަމުން ދާކަމުގައިވެސް ދަންނަވާން ޖެހެއެވެ.
ހަމަޖެހުން އަންނާނީ ތައުލީމީ ޖީލެއް ސިޔާސީ މައިދާނަށް އަދި ދުވަހަކުން!
ދިވެހިރާއްޖޭގެ ސިޔާސީ، ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ގިނަ މީހުންނަކީ މާބޮޑު ތައުލީމެއް ނެތް، އެހެންނަމަވެސް ޕާޓީ ޕްލެޓްފޯމުން ބާރުވެރިކަން ހޯދާފައިވާ ފަރާތްތަކެވެ. އަދި މިފަދަ ގިނަ ފަރާތްތަކަކީ، ގިނަ ފަހަރަށް ވަކި ޕްރޮފެޝަންއެއްގައި ވަޒިފާ އަދާކުރުމުގެ ގާބިލްކަމެއްވެސް ނެތް، އެހެންނަމަވެސް ސިޔާސީ ވަޒީފާތަކުގައި ތިބި ފަރާތްތަކެވެ.
އޭގެ ނަތީޖާއަކަށް ވެގެންދަނީ، ސިޔާސަތު ރާވާ، އަދި ތަންފީޒު ކުރުމުގެ މަރުހަލާއާއި ހަމައަށް ގައުމުގައި ތިބި، ފަންނީގޮތުން އެންމެ ނާގާބިލް ފަރާތްތަކަށް އާދެވެމެވެ. ގައުމުގައި ތައުލީމު ނެތް އާބާދީއަކީ އެންމެ ބޮޑު މުސާރާގައި މަސައްކަތް ކުރާ މީހުންނަށްވެ، ހަކަތަ ހުރި ތައުލީމީ މީހުންނަކީ އެންމެ ކުޑަ މުސާރާގައި މަސައްކަތް ކުރާ މީހުންނަށް ވެގެން ދިއުމެވެ. އަދި ގިނަ ފަހަރަށް، ސިޔާސީ ވެރީން އެމީހުންގެ ޖާހަތު ބޮޑު ކުރުމަށްޓަކާ، ވަސީލަތެއްގެ ގޮތުގައި ބޭނުންކުރަމުންދަނީވެސް މިދެންނެވުނު އެންމެ ނިކަމެތި މީހާގެ ބޭނުމެވެ.
އެހެންކަމުން، ގައުމަށް ލިބޭ އާންދަނީން ކިރިޔާ ބަނޑުފުރާނަ މުއްތިކޮށް އުޅެވޭ ވަރުގެ ބައެއްގެ ގޮތުގައި ތިބުމުގެ ބަދަލުގައި، ތަރައްގީއާއި ތަމައްދުނުގެ ރޮގުގައި ކުރިއަރައިގެން ދެވެން އޮތް މަގަކީ ގައުމަށް ސިޔާސީ ހަމަޖެހުން އައި ދުވަހަކުން ކަމުގައި ދަންނަވާން ޖެހެއެވެ. އެދުވަސް ފެންނާނީ، ކަމަށް އެކަށޭނެ، ގައުމީ އުފެއްދުންތެރިކަމަށް ހިއްސާ ވެވޭނޭ ވަރުގެ ޖީލެއް ސިޔާސީ ކަންކަމުގައި ބަސްބުނަން ފެށި ދުވަހަކުންނެވެ.

އެހާލަތު ނާންނަހާ ހިނދަކު، ފުއްދުންތެރި ދިރިއުޅުމެއް ފެންނާކަށް ނެތެވެ. އަބަދުވެސް، ނިމަމެތި މީހާގެ ދިރިއުޅުން އާރާސްތު ކުރަންޖެހޭނީ، ފޯރުންތެރި މިހާގެ ފަސްބައިގައި އެލިގަނެގެންނެވެ. މިއީ މިއަދުގެ ރާއްޖޭގެ ހާލަތެވެ. މިއަދުގެ ހަގީގަތެވެ.
އެހެންނަމަވެސް، މިހާލަތު ބަދަލު ކުރުމަށްޓަކާ ފަރުދީ ހައިސިއްޔަތުން މިއަދު މިއޮތީ ވިސްނާން މަޖުބޫރު ވެފައެވެ. ސިޔާސީ މުޒާހިރާއަކަށް ނިކުމެލުމަކީ އޭގެ ޒާތުގައި ތިމާގެ ޒާތީ ދިރިއުޅުމަށަް ބާއްޖެވެރިކަމެއް ގެނެސްދޭ ކަމެއް ނޫންކަމުގައި ގަބޫލު ކުރާންޖެހެއެވެ. ފުލުހުންނާއި ކުރިމަތިލާ މަންޒަރުގެ ފޮޓޯއަކުން، ހަޔާތަށް އަންނާނޭ ކުރިއެރުމެއް ނެތްކަމުގައި ގަބޫކުރާން އެބަޖެހެއެވެ. ސިޔާސީ ލީޑަރުންނަށް ނިކަމެތި މީހާގެ ނާޖާއިޒް ފާއިދާ ނެގުމުގެ ފުރުސަތު ލިބިދޭންވީ އެއްވެސް ސަބަބެއް ނެތްކަމުގައި ނިކަމެތި މީހާ ދެނެގަންނާންވެސް އެބަޖެހެއެވެ. މި ނޫން އުސޫލަކުން އާންމު ރައްޔިތު މީހާގެ ވިސްނުން ބަދަލު ނުވާހާ ހިނދަކު، ގައުމަށް ކުރިއެރުމެއް، ހަމެޖެހުމެއް ނެތްކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.