ރައީސްގެ ގަރާރުގެ ސަބަބުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވާކަމަށް ބުނެ ހުށައެޅި ކުއްލި މައްސަލަ ބޭރު ކޮށްލައިފިއެވެ.
މައްސަލަ ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. މައްސަލަ މަޖިލީހަށް ބަލައި ނުގަނެ ބޭރުކޮށް ލާފައިވަނީ ވޯޓުގައި ބައިވެރިވި 27 މެމްބަރުންގެ ވޯޓުންނެވެ. މަޖިލީހަށް މިމައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް ވޯޓު ދިނީ 5 މެމްބަރުންނެެވެ.
މައްސަލައިގައި ބުނެފައިވަނީ އިސްލާމް ދީނާއި ޚިލާފު ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ޤާނޫނޫ އަސާސީން ލިބިގެންވާ ކަމަށެވެ. ޤާނޫނަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ކުރާ ކަމެއް ހުއްޓުވައި ހުރަސް އަޅައިގެން ނުވާކަމަށް ޤާނޫނޫ އަސާސީގައި ބަޔާންކޮށްފައިވީ ހިނދު، ޤާނޫނު އަސާސީގެ 115 ވަނަ މާއްދާއަށް ރިއާޔަތް ކުރައްވައި ރައީސް ނެރުވި ގަރާރުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވެގެންދާ ކަމަށެވެ.
މީގެ އިތުރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ހަނި ނުކުރެވޭނެކަމަށް ޤާނޫނޫ އަސާސީގައި ބަޔާންކޮށްފައިވާ ކަމަށްވެސް މިމައްސަލައިގައި ބުނެފައިވެއެވެ. އެހެންކަމުން އެ ހައްޤުތައް އުނިކުރުމަށް ޤާނޫނެއް ނުވަތަ ގާރާރެއް ނެރުނަސް، އެވާނީ ބާތިލު އެއްޗަކަށް ކަމުގައި އާދަމް ޝަރީފް ހުށައެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.
އަދި ފުލުހުންނާއި ސިފައިން އަދި ސަރުކާރުގެ މުއައްސަސާތައް ބޭނުންކޮށްގެން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނި ކުރުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ސަރުކާރަށް ގޮވާލާކަމަށްވެސް މައްސަލައިގައި ބުނެފައިވެއެވެ.
އިންޑިއާއި ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން ތަންފީޛް ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ޤަރާރަކުން އަންގަވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ނެރުނު ޤަރާރުގައި އިންޑިއާއާއި ދެކޮޅަށް ހިންގާ ހަރަކާތްތަކަކީ ޤަނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، ރާއްޖޭގެ ޞުލްޙަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި ހިންގާ ހަރަކާތެއްކަން ފާހަގަކުރައްވާފައިވެއެވެ.
އަދި ދިވެހިރާއްޖެއާ އިންޑިޔާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި، ރާއްޖޭގެ ތަރައްޤީއަށާއި މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގާ ހަރަކާތެއްކަންވެސް ރައީސްގެ ޤަރާރުގައި ވިދާޅުވެފައިވެއެވެ.