ފަހު ވަގުތު ވެސްޓް ހޭމް ބަލިކޮށް ޗެލްސީން ފަރަގު ބޮޑުކޮށްފި

ފަހު ވަގުތު ވެސްޓް ހޭމް ބަލިކޮށް ޗެލްސީން ފަރަގު ބޮޑުކޮށްފި

Author
މުޙައްމަދު ޝަޒައިމް
25 އޭޕްރިލް 2022 09:21
0

އިނގިރޭސި ޕްރިމިއާ ލީގުގައި ފަހުވަގުތު ޕުލިސިކް ޖެހި ލަނޑުން ޗެލްސީން 0-1 ގެ ނަތީޖާއަކުން ވެސްޓް ހަމް ޔުނައިޓެޑް ބަލިކޮށްފިއެވެ.

ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މިރޭގެ މެޗުގައި އެ ޓީމަށް ވެސްޓް ހޭމް ކައިރިން މާ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވޭ ގޮތެއްނުވިއެވެ. މެޗުގެ 87 ވަނަ މިނެޓުގައި ލުކާކޫއަށް ކުރި ފައުލަކާ ގުޅިގެން ވެސްޓްހަމްގެ ޑަވްސަންއަށް ރެފްރީ ވަނީ ސީދާ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އަދި މި ފަުއުލާ ގުޅިގެން ޗެލްސީއަށް ލިބުނު ޕެނަލްޓީ ޖޯޖީނިއޯ ކުރިޔަށް ފޮނުވާލާފައިވާއިރު، ވެސްޓްހަމްގެ ކީޕަރު ފަބިއަންސްކީ ވަނީ މި ޕެނަލްޓީ ދިފާއުކޮށްފައެވެ.

ނަމަވެސް، 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ވެސްޓްހަމްގެ ގޯލު ޗެލްސީން ވަނީ 90 ވަނަ މިނެޓުގައި ފޫ އަޅުވާލާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ މާކޮސް އެލޮންސޯގެ އެހީތެރިކަމާއެކު ޕުލިސިކްއެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު 32 މެޗުން ލިބުނު 65 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މެޗުން ބަލިވި ވެސްޓް ހަމް އޮތީ ކުޅުނު 34 މެޗުން ލިބުނު 52 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތް ވަނައިގައެވެ.

ސިޓީ އެއް ވަނައިގައި އޮތީ 33 މެޗުން 80 ޕޮއިންޓާ އެކުއެވެ. ރޭގެ މޮޅާ އެކު ލިވަޕޫލުން ވަނީ 33 މެޗުން 79 ޕޮއިންޓް ހޯދައިފައެވެ. ޗެލްސީ ތިނެއްގައި އޮތީ 32 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް އާސެނަލަށް ވަނީ 33 މެޗުން 60 ޕޮއިންޓް ލިބިފައެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް 33 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 34 މެޗުން 54 ޕޮއިންޓާ އެކުއެވެ. ހަތް ވަނައިގައި އޮތް ވެސްޓް ހޭމަށް 34 މެޗުން ވަނީ 52 ޕޮއިންޓް ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.