ރާއްޖޭގެ އެކި ހިސާބު ތަކުގައި އެކި ނަންނަން އިސްމައިލް ފަތަފޮޅިއަށް ކިޔައެވެ. އެގޮތުން އެންމެ އާންމު ނަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ މަސްރޮށްޓެވެ.
އެކި ހިސާބުތަކުގައި އެކި ގޮތްގޮތަށް ތަފާތު ޓެކްނިކްތައް ބޭނުންކޮށްގެން ހަދާ އިސްމައިލް ފަތަފޮޅިއަކީ ތައްޔާރު ކޮށްލަން ވަރަށް ފަސޭހަ އެއްޗެކެވެ.

ބޭނުން ވާނެ ތަކެތި:
ފުށްގަނޑަށް
- 2 ޖޯޑު ފުށް
- 2 ސައިސަމުސާ އޮލިވް އޮއިލް
- 1/2 ޖޯޑު ކާށި ހުނި
- 1/2 ސައިސަމުސާ ލޮނު
- ފެން
ފުއްގަނޑު މޮޑުމަށްޓަކައި ފެން ފިޔަވައި ހުރިހާ އެއްޗެއް އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ފެން ބޭނުން ކޮށްގެން ހަރު މިނަކަށް ފުށްގަނޑެއް ހަދާލާށެވެ.
މަސްގަނޑަށް
- 1/2 ޖޯޑު ފިޔާ
- 1 ޖޯޑު މަސް (ފުނޑުކޮށްފައި)
- 1 1//2 ޖޯޑު ކާށި ހުނި
- 10 ހިކަނދިފަތް (ކުދިކޮށް ކޮށާފައި)
- 1/2 ސައިސަމުސާ އިނގުރު އަދި ލޮނުމެދު (ޗަސްކޮށްފައި)
- 2 ތޮޅި މިރުސް
- 6 ހިކި މިރުސް (ފޮޅިކޮށްފައި)
- 2 ސައިސަމުސާ ލުނބޯ ހުތް
- 1/2 ސައިސަމުސާ ލޮނު
- އަސޭމިރުސް އަދި ދިރި ޕައުޑަރު ކޮޅެއް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ފިޔާ ކޮޅު ތެރެއަށް މިރުސް، ލޮނު، އަސޭމިރުސް އަދި ދިރި ޕައުޑަރު ކޮޅު އަޅައިގެން މޮޑެލާށެވެ. އެއަށް ފަހު ލުނބޯ ހުތްކޮޅާއި އިނގުރު އަދި ލޮނުމެދު ވެސް އަޅައިގެން ފިޔާކޮޅު، ދިޔަ ނުކުންނަންދެން މޮޑެލާށެވެ. އެއަށް ފަހު ހިކަނދި ފަތް ކޮޅާއި މަސްކޮޅު އަޅައިގެން މޮޑެލާށެވެ. އެއަށް ފަހު ހުނި ކޮޅުވެސް އަޅާލާށެވެ. އެންމެ ފަހުން ފޮޅިކޮށްފައި ހުރި ހިކިމިރުސް ކޮޅު އަތުން ފުނޑުކޮށްލުމަށްފަހު އެއްކޮށްލާށެވެ.
ކުރިން މޮޑުނު ފުށްގަނޑުން އެތިކޮޅެއްގެ ތެރެއަށް މަސްކޮޅެއް ލުމަށްފަހު ދަމައިލާށެވެ. އަދި ފިހެލާށެވެ. އެމީހަކު ބޭނުން ބޮޑުމިނަކަށް ދަމައިލެވިދާނެވެ. އޭރަށް ހުންނާނީ އިސްމައިލް ފަތަފޮޅި ތައްޔާރުވެފައެވެ.
ކޮމެންޓު ފޮނުވާ