ޕާކު ހުޅުމުގައި ރައީސް ބައިވެރިވުމުން ރީޒޯ ޓޮލަރެންސަކީ ކޮބައިކަން ސާފުވެއްޖެ: ޝިޔާމް

ޕާކު ހުޅުމުގައި ރައީސް ބައިވެރިވުމުން ރީޒޯ ޓޮލަރެންސަކީ ކޮބައިކަން ސާފުވެއްޖެ: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
12 ނޮވެމްބަރ 2020 08:30
0

ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވޭ ލޮނުޒިޔާރަތްކޮޅުގައި ތަރައްޤީކޮށްފައިވާ "ލޮނުޒިޔާރަތް ޕާކު" އަކީ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް މިހާރުވެސް ބަލަމުންދާ ތަނަކަށްވާއިރު، އެތަން ހުޅުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވިކަމީ މިސަރުކާރުން ކޮރަޕްޝަނަށް ދެއްވާ ޒީޒޯ ޓޮލަރެންސް ވަރަށް ރަނގަޅަށް ހަމަވާ ކަމެއްކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ލޮނުޒިޔާރަތް ޕާކު އިއްޔެ ހުޅުވާފައިވާއިރު، އޭސީސީން ދަނީ އެޕާކުގެ ބައެއް މައްސަލަތަކެއް މިހާރުވެސް ތަހުގީގު ކުރަމުންނެވެ. އަދި ޕާކުގެ ހެދުމުގައި މާލެ ސިޓީ މޭޔަރު ސިފާ މުހައްމަދު ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާތީ އޭނާމެ މައްޗަށް ދައުވާ ކުރުމަށްވެސް ފޮނުވާފައިވެއެވެ. ނަމަވެސް އެމައްސަލަ ދޮޅުމަސް ވަންދެން ޕީޖީގައި ބޭއްވުމަށްފަހު ވަނީ އަބުރާ އޭސީސީއަށް ފޮނުވާލާފައެވެ.

ޕާކު ހުޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، މާލެ ފަދަ ކޮންކްރީޓުން ބަރާވެފައިވާ ތަނެއްގައި ލޮނުޒިޔާރަތް ޕާކް ކަހަލަ ޕާކެއް ހެދުމަކީ ގިނަ ބަޔަކު ގަބޫލުކުރަމުން އައި ކަމެއް ނޫން ކަމަށެވެ. ޖާގައިގައި 2.5 ހެކްޓަރުގެ ޕާކަށް ދައުލަތުގެ ބަޖެޓުން 16.8 މިލިއަން ރުފިޔާ މިހާތަނަށް ހޭދަކޮށްފައިވާ ކަމަށް ޝިފާ ވިދާޅުވިއެވެ.

ސިފާގެ މިވާހަތަކަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ ޕާކެއް ހެދުމަށް މިވަރުގެ ބޮޑު ހޭދައެއް ސަރުކާރުކޮށްފައިވާއިރު، ރައްޔިތުންގެ އެންމެ އަސާސީ ބޭނުންތައް ފުއްދުމަށް ސަރުކާރުން ޚަރަދު ކުރަން ޖެހުމުން އެކަންބޮޑު ވެފައިވާކަމަށެވެ. އެގޮތުން އޭނާ ނިސްބަތްވާ ނައިފަރުގައި 52 ހެކްޓަރުގެ މަގު ހެދުމަށް ޚަރަދު ކުރަނީ އެންމެ 1.5 މިލިޔަން ރުފިޔާކަމަށް ވިދާޅުވެ ޝިޔާމްވަނީ ޚަރަދު ކުރުމުގައި ހުރި ތަފާތު ހާމަކުރައްވާފައެވެ.

މާލޭ ސިޓީގެ މޭޔަރ، ސިފާ މުޙައްމަދު ދައުވާކުރުމަށް އޭސީސީން ޕީޖީގައި އެދިފައި ވަނީ، ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ދަޢުވާއެވެ. މާލޭ ލޮނުޒިޔާރާތްކޮޅުގައި ހަދާފައިވާ ޕާކުގެ މައްސަލައިގައި އޭސީސީގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މާލޭ ލޮނުޒިޔާރަތްކޮޅު ސަރަޙައްދުގައި ޕާކު ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ އެމަޝްރޫޢުގެ މަސައްކަތްތައް އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާއި ހަވާލުކޮށްފައިވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުޞޫލަކުން ނޫންކަން އެކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

ސިފާގެ މައްޗަށް ދައުވާ ކުރަނީ، ހާމަކަންބޮޑު ދެފުންފެންނަ އުޞޫލެއް ނެތި، އެއްބަސްވުމެއް އަދި ލިޔެކިޔުމެއް ނެތި، އަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާއި މަސައްކަތް ހަވާލުކޮށް ކުރުވުމާއި، ހިލޭ އެހީގެ ހުށަހެޅުމެއް ލިބިފައި އޮއްވައި އެކަން ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާކޮށްފައި ނުވާތީ އާއި، އަދި ލިޔެކިޔުމެއް ނެތި އަމިން ކޮންސްޓްރަކްޝަނާއި މަސައްކަތް ހަވާލުކޮށް އެ ކުންފުނިން ޢަމަލީގޮތުން 02 ފާޚާނާބަރީގެ މަސައްކަތް ފެށިފަހުންވެސް ކައުންސިލްގެ އިދާރާގެ ބަޖެޓްގެ ތެރެއިން ބިޑް ކޮމިޓީ މެދުވެރިކޮށް މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު މަސައްކަތްކޮށްފައިވުމާއި އެކު ސިފާ އެފަދައިން ޢަމަލުކޮށްފައިވަނީ، އަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަން ތަޙުޤީޤަށް ލިބިފައިހުރި ހެކިތަކުން އެނގެން އޮތުމާއި އެކު ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.