ނަމުގެ އަކުރުތައް ބަދަލުކޮށްގެން މާލޭގެ ގެއެއްގައި ދެމި "އިންޑިއާ އައުޓް" ބެނާވެސް ފުލުހުން ނަގައިފިއެވެ.
އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވުމާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން މިހާރު އެ ސްލޯގަން އިނގިރޭސި ބަހުން ބޭނުންކުރަނީ އިންޑިއާގެ ސްޕެލިން ބަދަލު ކޮށްގެންނެވެ. މާލޭގެ ގެއެއްގައި ރޭ ދަމާފައިވާ ބެނާގައި ލިޔެފައި ވަނީ "INDEAR OUT" އެވެ. ނަމަވެސް ފުލުހުން މިހާރު ވަނީ އެ ބެނާ ވެސް ނަގައިފައެވެ.
އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާ އެކަން ތަންފީޒުކުރުމަށް ދައުލަތުގެ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވަނީ މިއަދުއެވެ. ރައީސް ގަރާރު ނެރުއްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފުލުހުންވަނީ ރައީސް ޔާމިންގެ ގެކޮޅުގައި ދަމާފައިހުރި އިންޑިއާ އައުޓުގެ ބޮޑު ބެނާރ ނަގާފައެވެ.
ރައީސްގެ ގަރާރަކުން އިންޑިއާ އައުޓުގެ ހަރަކާތައް މަނާ ކޮށްފައިވަނީ، މި ހަފްތާގެ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ރައީސް ޔާމިންގެ ގެކޮޅުގައި އިންޑިއާ އައުޓުގެ ބޮޑު ބެނާރއެއް ދެމުމާއި ގުޅިގެން، އިންޑިއާއުޓު ބެނާތައް ދެމުމަކީ ގާނޫނުލްއުގޫބާތުން މަނާކަމެއް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. އަދި ބޮޑެތި ޢިމާރާތްތަކުގައި އިންޑިއާ އައުޓް ބެނާތަށް ދެމުމަކީ ޤާނޫނުލް އުޤޫބާތާއި ޚިލާފްކަމެއްކަމަށާއި، ފުލުހުން ވަގުތުން އެކަންކަން ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިންޒާރު ދިންތާ ގަޑި އިރުތަކެއް ފަހުން މާލޭގެ އެކި ގޭގޭގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ނެގުމަށްވެސް ފުލުހުން އަންގާފައި ވެއެވެ.
ރައީސުލްޖުމުހޫރިއްޔާގެ ގަރާރަކުން އިންޑިއާ އައުޓު ބެނަރ ދެމުން މަނާ ކޮށްފައިވި ނަމަވެސް، އިދިކޮޅު ޕީޕީއެމްއިން ބުނެފައިވަނީ، ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިގުޅައި ނުގަނެވޭނެ ކަމަށާއި، އިންޑިއާއައުޓު ހަރަކާތް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ރައީސްގެ ގަރާރު ނެރުއްވިފަހުން، މިރޭ ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ވިދާޅުވެފައިވަނީ، އަލުން އާފެށުމަކުން ފަށާ މިހަރަކާތް ކުރިޔަށް ގެންދާނޭ ކަމުގައެވެ.
އިންޑިއާ އައުޓު ހަރަކާތަކީ، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި ދެކޮޅަށް ޕީޕީއެމްއިން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އަދި މި ހަރަކާތުގެ އެންމެ އިސް ބޭފުޅެއްގައި ގޮތުގައި ރައީސް ޔާމިން ހަރަކާތްތެރި ވެވަޑައިގަންނަވަމުން ގެންދަވާއިރު، އެމަނިކްފާނު ޖަލުން މިނިވަންވުމަށްފަހު މިހަރަކާތައް އާދިރުމެއް އައިސްފައިވެއެވެ. އަދި އެއަށްފަހު، މިހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް، ފަހަކަށް އައިސް ޕީޕީއެމްއިން ވަނީ، މިހަރާކާތް ހިންގުމަށްޓަކާ ރާއްޖެތެރޭގެ ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައެވެ.
މިދަތުރުތަކުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، ސަރުކާރުން ހިންގާ ނޭދެވޭ ކަންކަމުގެ މައުލޫމާތުވެސް ޕީޕީއެމްއިން ދަނީ ރަށްރަށުގެ ރައްޔިތުންނާއި ހިއްސާ ކުރުމުންނެވެ. އަދި އިންޑިއާ އައުޓު ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތްވެސް މި ދަތުރުތަކުގައި ޕީޕީއެމްއިން ކުރިޔަށް ގެންގޮސްފައި ވެއެވެ.
ކޮމެންޓު ފޮނުވާ